ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ކަމަށް ބުނެ އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން އިތުރު ބައެއް ފިޔަވަޅުތައް އާއްމު ކޮށްފިއެވެ. މިގޮތުން އާއްމުކުރި ފިޔަވަޅުތަކުގެ ތެރެއިން އެއްފިޔަވަޅެއްގެ ގޮތުގައި ބުނެފައި ވަނީ ހާއްސަކޮށް މިދުވަސްވަރު ހެޑްސެޓާއި، މޫނު ނުވަތަ ކަންފަތުގައި ބޭނުން ކުރާ އެއްވެސް އެއްޗެއް އެހެން މީހަކު ބޭނުންކުރަން ދީގެން ނުވާނެ ކަމަށެވެ.

މީގެ އިތުުރުން ވަޒީފާ އަށް ދިއުމުގެ ކުރިން ކޮންމެ މީހަކު ވެސް ކޮންމެ ދުވަހަކު އަމިއްލައަށް ހުން އައިސްފައި ހުރިތޯ ޗެކް ކުރަން ވެސް ސީޑީސީން ވަނީ ލަފާ ދީފައެވެ. އަދި އަބަދުވެސް ފޭސް މާސްކް އަޅަން ސީޑީސީން މީގެ ކުރިން ދީފައި އޮތް އިރުޝާދަށް އަމަލު ކުރަން އަނެއްކާ ތަކުރާރުކޮށް ވަނީ ލަފާ ދީފައެވެ.

ގެއިން ބޭރަށް ނުނިކުތުމަށާއި، އޮފީހުގައި މަސައްކަތް ކުރާއިރު ވެސް ވީވަރަކުން މުވައްޒަފުން ދުރުދުރުގައި ތިބުމަށް ސީޑީސީން ލަފާދެއެވެ. އަދި ހުސްވަގުތުތަކުގައި ވެސް މުވައްޒަފުން އެއްވެގެން ކެއިންބުއިމުގެ ކަންކަން ކުރިއަށް ގެންދިއުން ނުވަތަ އެނޫން އެފަދަ ކަމެއް ކުރުން ވެސް އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ސީޑީސީން ބުނެއެވެ. މީގެ އިތުރުން އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ބަލިވެ އުޅޭނަމަ އޮފީހަށް ނުދިއުމެވެ.

ވަޒީފާ އަށް މުވައްޒަފުން ނެރޭ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ އިރުޝާދުތައް ވެސް ސީޑީސީން ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ ހުން ބެލުމާއި، ބަލީގެ އެއްވެސް އަލާމާތެއް މުވައްޒަފުންގެ ކިބައިން ފެނޭތޯ ކޮންމެ ދުވަހަކު މަސައްކަތް ފެށުމުގެ ކުރިން ބަލަން ސީޑީސީން އިރުޝާދު ދެއެވެ.

މުވައްޒަފުން އަތްލެވޭނެ ހެން ހުންނަ ތަންތަން ގަވައިދުން ސާފު ކުރުމަށާއި އަދި ބަލީގެ އަލާމާތްތައް މުވައްޒަފެއްގެ ކިބައިން ފެނިއްޖެނަމަ އަވަހަށް އެމުވައްޒަފަކު ގެއަށް ފޮނުވަން ވެސް ސީޑީސީން އެދެއެވެ.

ސީޑީސީގެ އިތުރު އިރުޝާދުތަކެއް އާއްމު މިކުރީ ކޮވިޑް-19 އެމެރިކާގައި ވަރަށް ހަލުވިކަމާއި އެކު ފެތުރެމުން ދަނިކޮށެވެ. އެމެރިކާ އިން މިހާތަނަށް 435160 މީހުންނަށް ކޮވިޑް-19 ޖެހި 14797 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު