އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ، ރާމް ގޯޕާލް ވަރްމާ އޭނާގެ މީސްމީޑީއާ މެދުވެރިކޮށް ކުރި ޕޯސްޓަކުން އެތައް ބައެއްގެ ނުރުހުންވުމާއި ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

ގިނަ ބައެއްގެ ފާޑުކިޔުން ގޯޕާލް އަށް އަމާޒުވެފައި ވަނީ، މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ޝިކާރައަކަށް އޭނާ ވެއްޖެ ކަމަށް ބުނެ މީސްމީޑިއާގައި ދޮގު ހެދުމުންނެވެ. އޭނާ ކުރި ޓްވީޓެއްގައި ކޮވިޑް ޖެހިއްޖެ ކަމަށް ބުނަމުން ބުނެފައި ވަނީ އެކަން އޭނާއަށް އަންގާފައި ވަނީ ޑޮކްޓަރެއް ކަމަށެވެ.

ގޯޕާލް ކުރި މި ޓްވީޓާއި ގުޅިގެން އެންމެ ފުރަތަމަ ގިނަ ބަޔަކު ހީކުރީ އޭނާ އެ ބަލީގެ ޝިކާރައަކަށް ވީކަމަށެވެ. ނަމަވެސް ފަހުން އެއީ ދޮގެއްކަން ހާމަވުމުން ގިނަ ބަޔަކު ވަނީ އޭނާގެ އެ ޢަމަލު ކުއްވެރިކޮށް ފާޑުކިޔާފައެވެ. ކޮވިޑްގެ ނުރައްކަލަށް މުޅި ދުނިޔެ ހުށަހެޅިފައިވާ މި ބިރުވެރި ދަނޑިވަޅުގައި ހެދި ދޮގަކުން ގޯޕާލް ހޫނުފެނަށް ވެއްޓުމާއި ގުޅިގެން ފަހުން އޭނާ ވަނީ މީސްމީޑިއާގައި މަޢާފަށް ވެސް އެދިފައެވެ.

ގޯޕާލް ބުނެފައިވަނީ އޭނާ ކޮވިޑް ޖެހިއްޖެ ކަމަށް ބުނެ ޓްވީޓް ކޮށްފައި ވަނީ އޭނާގެ ޑޮކްޓަރު ސަމާސައަކަށް އެގޮތަށް ބުނުމުން ކަމަށެވެ. އަދި އެކަން އެނގި ހުރެވެސް ޓްވީޓުކޮށް އެ ޚަބަރު ފަތުރާފައި ވަނީ އެންމެން "އެޕްރިލް ފޫލް" ހެއްދުމަށް ކަމަށެވެ. ނަމަވެސް ކަން ހިގައިދިޔައީ ހީކުރިގޮތާއި ޚިލާފަށް ކަމުން އެކަމާއި އޭނާ ހިތާމަކުރާ ކަމަށް ގޯޕާލް ބުނެފައި ވެއެވެ.

ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި މިކަމާއި ބެހޭގޮތުން ސުވާލު ކުރުމުން ގޯޕާލް ބުނެފައި ވަނީ ކޮވިޑް ޖެހިފައިވާ ކަމަށް ބުނެ ދޮގުހަދައިގެން ޓްވީޓް ކުރީ ފޫހިވެގެން ކަމަށެވެ. އަދި އެ ޓްވީޓާއެކު ފާޑުކިޔުންތައް އަންނާނެކަން އޭރުވެސް އޭނާއަށް އެނގޭ ކަމަށް ގޯޕާލް ބުނެފައި ވެއެވެ. ގޯޕާލް ބުނެފައިވާ ގޮތުގައި އޭނާ ކުރި ޓްވީޓާއި ގުޅިގެން ދޮގު މަޢުލުމާތު ފެތުރި މައްސަލައިގައި ބަޔަކު ވަނީ އޭނާއަށް ދަޢުވާވެސް ކޮށްފައެވެ.

ގޯޕާލް އިތުރަށް ބުނީ، އޭނާ އަށް އެގޮތަށް ކަންތައް ކުރެވުނީ އެކަމުން މިފަދަ ހިތި ނަތީޖާއެއް ނިކުމެދާނެކަން ނޭނގި ކަމަށާއި، މިއީ ލިބުނު ރަނގަޅު ފިލާވަޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާރިޔާ

    ކަލޯ ތިޔަވަރުވިކަން ހަމަ ނަސީބުތީ.