ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ނުރައްކަލަށް ބޭނުންކުރާ މާސްކުތަކެއް، ބޭނުން ކުރުމަށްފަހު އުކާލާފައި ވަނިކޮށް އެތަކެތި އަލުން ވިއްކަން އުޅުނު ބަޔަކު ތައިލޭންޑުން އަތުލައިގެންފިއެވެ.

މިކަން ހިނގާފައި ވަނީ ތައިލޭންޑުގައި ވެސް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ވައިރަސް އިން ރައްކާތެރިވުމަށް ބޭނުންކުރާ މިފަދަ މާސްކުތަކުގެ ޑިމާންޑް އެޤައުމުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ނޫސްތައް ބުނާގޮތުގައި ބަޔަކު ވިޔަފާރީގެ ބޭނުމަށް، ބޭނުންކޮށްފައި ހުރި ފޭސް މާސްކުތަކެއް ވިއްކަން ތައްޔާރުކުރަމުން ދަނިކޮށް އެމީހުން އަތުލައިގެންފައި ވަނީ މާސްކުތައް އިސްތިރިކޮށް ޕެކު ކުރަމުން ދަނިކޮށެވެ. މި މައްސަލައިގައި ތައިލޭންޑު ފުލުހުން ވަނީ މިކަން ކުރަމުންދިޔަ ގެއިން ހަ މީހަކު އަތުލައިގެންފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އުކާލާފައި ހުންނަ މާސްކުތައް އެކި ތަންތަނުން ހޮވައިގެން ގެންދިއުމަށްފަހު އެތަކެތި ވިއްކަން އެމީހުން ތައްޔާރު ވަމުން ދިޔައީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ތަނެއްގެ ތެރެއިންނެވެ. އެތަނުގެ ތެރެއިން މާސްކުތައް ދޮންނަން ބޭނުންކުރަމުންދިޔަ ދޮންނަ މެޝިންތަކާއި، ބަންދުކޮށްފައި ހުރި، އެއްފަހަރަށްވުރެ ގިނައިން ބޭނުންކޮށްފައި ހުރި ގިނަ އަދަދެއްގެ މާސްކު ވަނީ ފެނިފައެވެ.

މި މަންޒަރު ފެންނަ ފޮޓޯތައް މިހާރު މީޑިއާތަކުގައި ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަނީ އޮޅުވާލައިގެން މާސްކުތައް ވިއްކުމަށް ތައްޔާރުކޮށްފައި ހުރި މަންޒަރެވެ. އަދި މާސްކުތައް ބަހައްޓާފައި ހުރި ތަނުގައި ކުއްތާއެއް ނިދާފައި އޮންނަ މަންޒަރުވެސް ފޮޓޯތަކުން ފެނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެމީހުން ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތީން މިގޮތަށް ބޭނުންކޮށްފައި ހުރި މާސްކުތައް ދޮވެ އިސްތިރިކޮށްގެން އާންމު ތަންތަނުގައި އެތަކެތި ވިއްކާފައެވެ. އަދި އެމީހުން ކޮންމެ ދުވަހެއްގައި ވެސް މިފަދަ 300 އާއި 400 އާއި ދެމެދުގެ އަދަދަކަށް މާސްކު ވިއްކާފައިވާކަން ވަނީ ހާމަވެފައެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ފާއިތުވެ ދިޔަ ދުވަސްތަކުގައި ތައިލޭންޑުގައި ވެސް އިތުރުވެފައިވާއިރު، މިހާތަނަށް އެޤައުމުން 2473 މީހަކު ވަނީ މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހުނު 33 މީހަކު މަރުވެފައިވާއިރު 61 މީހަކަށް ދަނީ ސީރިއަސް ހާލުގައި ފަރުވާދެމުންނެވެ.

ތައިލޭންޑަކީ ދިވެހީން ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ދަތުރުކުރާ ޤައުމެކެވެ. ވިޔަފާރީގެ ބޭނުމަށް ބައެއް މީހުން އެޤައުމުން މާސްކުތައް ގަންނަ ނިސްބަތްވެސް އިތުރުވެފައިވާއިރު، އެޤައުމުގެ އާންމު ގިނަ ފިހާރަތަކުން މިހާރު މާސްކު ވަނީ ހުސްވެފައިކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ދުނިޔޭގެ 209 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، މި ވައިރަސް އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 1.6 މިލިއަން އަށް އަރާފައެވެ. މިހާތަނަށް މި ވައިރަސްގައި 96900 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.