ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވީ އުމުރުން 101 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ މީހަކު، މި ބަލިން ރަނގަޅުވެއްޖެއެވެ.

އިންގްލޭންޑުގެ އަވަށެއް ކަމަށްވާ ރެޑިޗްގެ އެލެގްޒެންޑްރާ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ކެއިތް ވަޓްސަން ނަމަކަށްކިޔާ މި މީހާ ކޮވިޑް-19 ގެ ބަލިން މުޅިން ރަނގަޅުވެފައި ވާއިރު، އޭނާ މިހާރު ވަނީ ގެޔަށް ފޮނުވާލާފައެވެ. ނޫސްތައް ބުނާގޮތުއި އޭނާ އަށް އެ ހޮސްޕިޓަލްގައި ދެ ހަފްތާ ވަންދެން ވަނީ ފަރުވާދީފައެވެ.

މިކަމާއި ގުޅޭގޮތުން އެލެގްޒެންޑްރާ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ވަނީ ކެއިތް އަށް ފަރުވާދިން އެ ހޮސްޕިޓަލްގެ މެޑިކަލް ޓީމާއެކު އޭނާ ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ، ކެއިތް އަކީ އުމުރުން 101 އަހަރުގެ މީހެއް ކަމަށާއި، އޭނާ ކޮވިޑް-19 ގެ މައްޗަށް ކުރި ހޯދައިފި ކަމަށެވެ. އަދި މި ނުރައްކާތެރި ބަލީގައި ކެއިތް އުޅުނު ދުވަސްތަކުގައި އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ހޮސްޕިޓަލުން ވަނީ މަރުހަބާ ކިޔާފައެވެ.

ގިނަ ބައެއްގެ ސަމާލުކަން މިހާރު މި ޓްވީޓަށް އަމާޒުވެފައި ވާއިރު، މިހާތަނަށް މި ޕޯސްޓަށް 959 ރީޓްވީޓާއި 6500 އަށްވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ. މިކަމާއި ގުޅޭގޮތުން މީސްމީޑިއާގައި ގިނަ ބަޔަކު ކެއިތް އަށް ފަރުވާދިން ޓީމަށް ތައުރީފުކޮށްފައި ވާއިރު، އެފަރާތްތަކުގެ މަސައްކަތާއި ހިއްވަރު ގިނަ ބަޔަކު ދަނީ ފާހަގަކޮށް އެކަމަށ ޝުކުރު އަދާކުރަމުންނެވެ.

ކެއިތް މިދިޔަ މަހު އެލެގްޒެންޑްރާ ހޮސްޕިޓަލަށް ގެންދިޔައީ ސާޖަރީއެއް ކުރުމަށެވެ. ނަމަވެސް އޭނާއަށް ކޮވިޑް-19 ޖެހިފައިވާ ކަން އެނގުނީ އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުންނެވެ. އެއާއެކު ހޮސްޕިޓަލުން ވަނީ އޭނާއަށް މިބައްޔަށް ފަރުވާކުރަން ފަށާފައެވެ. ބަލީގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާއަށް ފަރުވާދިން ނަމަވެސް ހާލު ސީރިއަސް ވެފައި ނުވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު މީހުންނެވެ. މިހާތަނަށް މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނައިން މަރުވެފައި ވަނީ ވެސް އުމުރުން ދުވަސްވީ މީހުންނެބެ.

ކެއިތް ނިސްބަތްވާ އިނގިރޭސިވިލާތަކީ މިހާރު ދުނިޔޭގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 8681 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 73758 މީހަކު އެޤައުމުން މި ބައްޔަށް ފައްސިވެފައި ވާއިރު، އޭގެތެރެއިން މިހާތަނަށް 8958 މީހަކު ވަނީ މަރުވެފައެވެ.