ހަލުވިކަމާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ ސިންގަޕޫރުގައި ސްކޫލްތައް ބަންދުކޮށް، އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރި އެޕްލިކޭޝަނަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުކޮށްފިއެވެ.

މި ހަމަލާ އަމާޒުކޮށްފައި ވަނީ، އެމެރިކާގެ ޒޫމް ވީޑިއޯ ކޮމިއުނިކޭޝަން ކުންފުނިން އުފައްދާފައިވާ "ޒޫމް" އެޕްލިކޭޝަން މެދުވެރިކޮށް ސިންގަޕޫރުގައި ތައުލީމު ހާސިލްކުރަމުންދިޔަ ދަރިވަރުންތަކެއް ގޭގައި ތިބެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކްލާހެއް ނަގަމުންދިޔަ ދަނޑިވަޅެއްގައެވެ.

ނޫސްތައް ބުނާގޮތުން ހެކަރުން ވަނީ އަންހެން ކުދިންތަކެއް ބައިވެރިވި މި ކްލާހުގެ ލައިވްސްޓްރީމް ހައިޖެކްކޮށް ސްކްރީނުން ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯތައް ދަރިވަރުންނަށް ދައްކާފައެވެ. މިކަން ހިނގި ވަގުތު ކޮންފަރެންސް މެދުވެރިކޮށް ކްލާހުގައި އުމުރުން 13 އަހަރުގެ ދަރިވަރުންވެސް ބައިވެރިވަމުން ދިޔަ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

މި މައްސަލަ އާއި ގުޅިގެން ސިންގަޕޫރުގައި ދަރިވަރުންނަށް އުނގަންނައިދީ ކްލާސްތައް ހިންގުމަށް މި އެޕްލިކޭޝަން ބޭނުންކުރުން މިހާރު ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. އަދި މައްސަލައާއި ބެހޭ ތަހުޤީޤެއްވެސް މިހާރު އެޤައުމުގެ އިދާރާތަކުން ވަނީ ފަށާފައެވެ.

އޮފިޝަލުން ބުނެފައި ވަނީ، މިކަމުގެ ފަހަތުގައި ތިބި ބަޔަކު ދެނެގަނެވިއްޖެ ނަމަ އެފަރާތްތަކާއި ދެކޮޅަށް ދަޢުވާ އުފުލައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ބާރަށް ކުރިޔަށްދާ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ސިންގަޕޫރުގައި މި އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

"ޒޫމް" އަކީ ވީޑިއޯ ކޮންފަރެންސް ކުރިޔަށް ގެންދިއުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ބޭނުންކުރާ މަޤުބޫލު އެޕްލިކޭޝަނެކެވެ. މިގޮތުން ބައެއް ޤައުމުތަކުގައި، ސްކޫލްގެ ކްލާސްތައް ހިންގުމާއި އޮފީސްތަކުގެ މީޓިންގްތަކާއި އާއިލީ ބައްދަލުވުންތައް ބޭއްވުމަށް ވެސް ގިނަ ބަޔަކު މި އެޕްލިކޭޝަން ބޭނުން ކޮށް އުޅެއެވެ.

މީގެ ކުރިން ދިމާވި ހާދިސާ އަކާއި ގުޅިގެން ޖާމަނީ އާއި ޓައިވާނުގައި ވަނީ މި އެޕްލިކޭޝަން "ބޭން" ކޮށްފައެވެ. އަދި އެމެރިކާގެ ސްކޫލަކުން ވެސް މީގެ ކުރިން މި އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލާފައި ވެއެވެ. މީގެ އިތުރުން ސަރުކާރުގެ މުޙިންމު ބައްދަލުވުންތައް މި އެޕްލިކޭޝަން މެދުވެރިކޮށް ކުރުން، އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ވެސް މީގެ ކުރިން މަނާކޮށްފައި ވެއެވެ.