ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކަލާއި ގުޅިގެން ތައިލޭންޑުގައި އަލަށް އުފަންވާ ކުދިންނަށް "ފޭސް ޝީލްޑް" ތަކެއް ދޭން ފަށަފައިފިއެވެ.

އަލަށް އުފަންވާ ކުދިންނަށް ފޭސް ޝީލްޑް ބޭނުންކުރާ މަންޒަރު ފެންނަ ފޮޓޯތައް މިހާރު ތައިލާންޑުގެ ވެރިކަންކުރާ ބެންކޮކްގެ ބައެއް ހޮސްޕިޓަލްތަކުން އާންމުކޮށްފައި ވާއިރު، އެޤައުމުގެ އެހެން ހޮސްޕިޓަލްތަކުގައި ވެސް މި އުސޫލާއި އެއްގޮތަށް އަމަލުކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަލަށް އުފަންވާ ކުދިންނަށް ތައިލޭންޑުގައި ފޭސް ޝީލްޑްތައް ދޭން ފަށާފައި މިވަނީ އެޤައުމަށް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވުމާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

ނިސްބަތުން ދުނިޔޭގައި އަލަށް އުފަންވާ ކުދިންނަށް ކޮވިޑް-19 ޖެހޭ މިންވަރު މަދު ނަމަވެސް، މީގެ ކުރިން ބައެއް ޤައުމުތަކުން ތުއްތު ކުދިންނާއި ކުޑަކުދިންނަށް މި ވައިރަސް ޖެހިފައި ވެއެވެ. އަދި އޭގެތެރެއިން ބައެއް ކުދިން މަރުވެފައިވެސް ވެއެވެ. އެހެންކަމުން ތުއްތު ކުދިންގެ ހަށިގަނޑަށްވެސް މި ވައިރަސް އަށް ވާސިލުވެ، ފުރާނައަށް ނުރައްކާ ކުރުމުގެ ފުރުސަތު އޮވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ތައިލޭންޑުގައި ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުން ދާއިރު، އިއްޔެ އެކަނިވެސް 50 މީހަކު ތައިލޭންޑުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މިހާރު އެޤައުމުން މި ވައިރަސް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދު ވަނީ 2473 އަށް އަރާފައެވެ. އެޤައުމުން މި ބަލީގައި މިހާތަނަށް 33 މީހަކު މަރުވެފައިވާއިރު، ބަލިން ރަނގަޅުވެފައި ވަނީ 1013 މީހެކެވެ. އަދި 61 މީހަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދެއެވެ.

ތައިލޭންޑުގައި ކޮވިޑް-19 ފެތުރެމުންދާތީ އެޤައުމުގައި ވެސް ފުރަބަންދުގެ ގަޑިތަކެއް ކަނޑައަޅާފައި ވެއެވެ. އަދި އާންމު ޚިދުމަތްދޭ ތަންތަން ވަގުތީގޮތުން ބަންދުކޮށްފައި ވާއިރު، އެޤައުމަށް ފަތުރުވެރިން ދަތުރުކުރުން ވެސް އޮތީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.