ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުމާއި ހާސްކަން އުފެދިފައެވެ. އަދި އެ ބަލި ފެތުރިދާނެ ކަމުގެ ބިރަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން އަވަށްޓެރި އިންޑިއާގައި ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

އެގޮތުން އިންޑިއާ ފުރަބަންދުކޮށްފައިވީ ނަމަވެސް އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ސްކޫލް، ތިއޭޓާ، އޮފީސް، މޯލްތައް، ޖިމް ފަދަ ތަންތަން ބަންދުކޮށް ގޭގައި ތިބުމަށް މީހުންނަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން ފިލްމްތަކާއި، ޓީވީ ސީރީޒްތަކުގެ ޝޫޓިންތައް ވެސް މިވަގުތު އެ ގައުމުގައި ވަނީ ހުއްޓާލާފައެވެ.

އެ ގައުމުގައި އޮތް 21 ދުވަހުގެ ފުރަބަންދުގެ އުސޫލުތަކަށް ތަބާވުމަށް އެ ގައުމުގެ ފަންނާނުން ދަނީ ސަޕޯޓަރުންނަށް ނަސޭހަތްތެރިވަމުންނެވެ.

އަދި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދަނީ މި ދަނޑިވަޅުގައި ބުރަކޮށް މަސައްކަތް ކުރާ އެކި ފަރާތްތަކަށް ހިތްވަރު ދިނުމަށް ތަފާތު އެކި ހަރަކާތްތައް މުޅި ގައުމުގައި ބާއްވާފައެވެ.

އެ ހަރަކާތްތަކަކީ ގޭތެރޭގައި ތިބެގެން ކުރިއަށް ގެންދެވޭނެ ފަދަ ހަރަކާތްތަކެކެވެ.

އެގޮތުން މީގެ ކުރިން އެ ގައުމުގައި ހުރިހާ މީހުން ދަގަނޑު ތެލީގައި ވަކި ވަގުތުކޮޅެއް ވަންދެން ތަޅާފައިވެއެވެ. އެކަމުގެ ބޭނުމަކީ ސިއްހީ މަސައްކަތްތެރިންނަށް ހިތްވަރުދިނުމެވެ.

ދާދި ފަހުން އެ ގައުމުގެ ބޮޑު ވަޒީރު ވަނީ ހުރިހާ ގެއެއްގައި ވެސް 9 ޖަހާ އިރު ތެޔޮ ބައްތިތައް ދިއްލާ ގެ އަލިކުރުމަށް، ޚާއްސަ ހަރަކާތެއް ހިންގާފައެވެ. އެ ހަރަކާތުގައި ޓޯޗް ފަދަ އަލި ކުރެވޭ ޒާތުގެ އާލާތްތައް ވެސް ބޭނުން ކުރިއެވެ.

މި ހަރަކާތުގެ ބޭނުމަކަށްވީ މި ދަނޑިވަޅުގައި އެންމެން ތިބީ ގުޅިގެންކަން ދެއްކުމާއި، މި ކާރިސާ އާއި ހަނގުރާމަކުރާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

މި ދަނޑިވަޅުގައި ތަފާތު އެކި ސަބަބުތަކާ ހުރެ އިންޑިއާގެ މަގްބޫލް ބަތަލް އަމީތާބް ބަޗަން އަބަދުވެސް ސުރުހީތަކުން ޖާގަ ހޯދައެވެ. އެއީ އޭނާ މި ދަނޑިވަޅުގައި ގޭގައި ހުރެގެން ހިއްސާކުރާ ތަފާތު މެސެޖާއި، ފޮޓޯ އަދި ވީޑިއޯގެ ސަބަބުންނާއި، މި ދަނޑިވަޅުގައި އޭނާ ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުންނެވެ.

މި ފަހަރު އޭނާ ސުރުހީއަކަށް މި އެރީ އެހާ ކަމުދާ ސަބަބަކާއި ހުރެއެއް ނޫނެވެ.

ކުރިން އިޝާރާތްކުރި ބައްތިތައް ދިއްލި ހަރަކާތަށް ފަހު މީސްމީޑިއާގައި ސެޓެލައިޓް ފޮޓޯއަކުން އިންޑިއާ ދިއްލިފައިވާ މަންޒަރު ފެންނަ ފޭކް ފޮޓޯއެއް ދައުރުވިއެވެ.

އަމީތާބު މި ފޮޓޯ އޭނާގެ ޓްވިޓާގައި ހިއްސާކުރުމުން އެތައް ބަޔަކު ދަނީ އޭނާ އަށް މަލާމާތް ކުރަމުންނެވެ.

އޭނާ އެ ޓުވީޓްގައި ބުނެފައި ވަނީ މުޅި ގައުމު އަނދިރިކަމުގައި އޮތް އިރު އިންޑިއާ އޮތީ ދިއްލިފައި ކަމަށެވެ. އެ ފޮޓޯއިން ބުނެދޭ ވާހަކައަކީ އެއީ ކަމަށްވެސް އޭނާ ބުންޏެވެ.

އަދި އިންޑިއާއަކީ އެއްބައެއް ކަމަށް އޭނާގެ ޓްވީޓްގައި ބުނެފައިވެއެވެ. އަމީތާބު ފަދަ ތަރިއަކަށް އެއީ ފޭކް ފޮޓޯއެއް ކަން ނޭނގުމުން މީހުން ދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.