އިލެކްޓްރޯނިކް ބައެއް އާލާތްތަކުން ބޭރުވާ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް މީގެ ކުރިން ދިރާސާތަކުން ވަނީ ދައްކާފައެވެެ. މިހާރު ފޯނުތަކުންނާއި ޓެބްލެޓުތަކުންނާއި އެލްއީޑި ބައެއް ބޮކިތަކުން ބޭރު ކުރާ "ބްލޫ ލައިޓް" އަކީ ކެންސަރު ޖެހުމަށް މަގުފަހި ކުރާ އެއްޗެއް ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.

"ބާސެލޯނާ އިންސްޓިޓިއުޓް ފޯ ގްލޯަލް ހެލްތް" އިން 11 ސަރަހައްދަކަށް ނިސްބަތްވާ 4000 މީހުން ބޭނުންކޮށްގެން ހެދި އެ ދިރާސާއިން ދައްކާފައި ވަނީ ރޭގަނޑު ގަޑީގައި "ބްލޫ ލައިޓް" ގެ އަސަރު ކުރާ މީހުނަށް ޕްރޮސްޓްރޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ދެގުނަ އިތުރު ކަމަށެވެ. އަދި އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 1.5 ގުނަ އިތުރު ކަމަށެވެ.

މި ދިރާސާގެ ނަތިޖާއާއި ގުޅޭ ގޮތުން ޔުނިވާސިޓީ އޮފް އެކްސެޓާގެ ޑރ. އެލަހަންޑްރޯ ސަންޗޭސް ޑި މިގުއެލް ވިދާޅުވީ ބްލޫ ލައިޓްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް މީގެ ކުރިން ސައިންސުވެރިން ލަފާ ކޮށްފައިވާ ކަމަށެވެ. އަދި މިދިރާސާގެ ސަބަބުން ބްލޫ ލައިޓް އާއި ކެންސަރާއި ހުރި ގުޅުން ވަރަށް ސާފުވެގެން ހިނގައްެޖެ ކަމަށް ވިދާޅުވިއެވެ.

ޕްރޮސްޓްރޭޓް ކެންސަރާއި އުރަމަތީގެ ކެންސަރަކީ ހޯމޯންތަކާއި ގުޅިގެން ޖެހޭ ކެންސަރެކެވެ. ބްލޫ ލައިޓް އަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ މެލަޓޮނިން އުފެއްދުން ދަށް ކުރާ އެއްޗެކެވެ. ނަތީޖާއެއްގެ ގޮތުން ހޯމޯންއަށް އަންނަ ބަދަލުން ކެންސަރަށް މަގުފަހިވެދާނެ އެވެ.

ޒަމާނަަށް އަންނަ ބަދަލާއެކު ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި މަގުތަކުގައި ބޭނުން ކުރަމުން ދަނީ ލެޑް ލައިޓުތަކެވެ. މިފަދަ ލައިޓްތަކުންވެސް ދޫކުރަނީ ބްލޫ ލައިޓް ކަމުން މިކަމުގެ ނުރައްކަލަކަށް ވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު