ނުރައްކާތެރި ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުން ދެނެގަންނާނެ މޯބައިލް އެޕްލިކޭޝަނެއް އުފައްދަން، އެޕަލް އާއި ގޫގުލް އިން ތައްޔާރުވާން ފަށައިފިއެވެ.

މި ދެކުންފުނިން މިހާރު މިކަން އިއުލާނުކޮށްފައި ވާއިރު، މި އެޕްލިކޭޝަނަކީ ކޮވިޑް-19 ޖެހިފައިވާ މީހުން ޓްރެކް ކޮށް، ބަލި ފެތުރުން ކުޑަކުރުމުގެ ބޭނުމުގައި އުފައްދާ އެޕްލިކޭޝަނެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވާ ގޮތުން، މި އެޕްލިކޭޝަންތައް މަސައްކަތް ކުރާނީ ފޯނުގެ ބްލޫޓޫތްގެ ޒަރިއްޔާއިންނެވެ. އެގޮތުން ވައިރަސް އަށް ފައްސިވެފައިވާ މީހެއްގެ ފޯނު އެމީހަކާއި 6 ފޫޓަށްވުރެ ކައިރިވެއްޖެ ނަމަ އެކަން އަންގައިދޭ ނިޓިފިކޭޝަނެއް، މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ވައިރަސް ޖެހިފައިވާ މީހުންގެ މަޢުލޫމާތެއް މި އެޕްލިކޭޝަން މެދުވެރިކޮށް ނުބެލޭނެއެވެ.

މަސްދަރުތަކާއި ހަވާލާދީ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި، ކޮވިޑް-19 ޖެހިފައިވާ މީހުންނަށް އެމީހުންގެ ފޯނު މި އެޕްލިކޭޝަނަށް ރެޖިސްޓަރ ކުރެވޭނީ، އެބަޔަކު ދިރިއުޅޭ ސަރަޙައްދެއްގެ ސިއްޙަތާއި ބެހޭ ވަކި ޚާއްސަ އިދާރާއެއްގެ ހުއްދަ ލިބުމުންނެވެ. އެއީ އެޕްލިކޭޝަން އިން ފޯރުކޮށްދޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

އެޕަލް އާއި ގޫގުލް އަކީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމަށް ބޭނުންކުރެވޭ މިފަދަ މޯބައިލް އެޕްލިކޭޝަނެއް އުފައްދާ ފުރަތަމަ ދެ ކުންފުންޏެވެ. ނަމަވެސް އެ ދެކުންފުނީގެ ފޯނުތަކަށް މި އެޕްލިކޭޝަން ތަޢާރަފް ކުރުމުން އެހެން ކުންފުނިތަކުންވެސް އެޕްލިކޭޝަން ބޭނުންކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ގޫގުލް އިން ދަނީ އަންނަ މޭއި މަހުގެ ތެރޭގައި މި އެޕްލިކޭޝަން ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ކުންފުނީގެ ޚިދުމަތްތައް ބްލޮކްކޮށްފައިވާ ޤައުމުތަކާއި، އޮފިޝަލް ނޫން އެންޑްރޮއިޑް ޑިވައިސްތަކަށް މި އެޕްލިކޭޝަން ބޭނުމެއް ނުކުރެވޭނެއެވެ.

އެޕަލްގެ ޑިވައިސްތަކަށް މި އެޕްލިކޭޝަން އަންނާނީ އެ ޑިވައިސްތަކުގައި ބޭނުންކުރާ އޮޕަރޭޓިންގް ސިސްޓަމަށް އަންނަ އަޕްޑޭޓެއްގެ ގޮތުގައި ކަމަށް ވެއެވެ. ނަމަވެސް އެ ކުންފުނިން މި އަޕްޑޭޓް ގެންނާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.