މީގެ ކުރިން ކޮވިޑް-19 އާއި ގުޅޭގޮތުން ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު ގިނަ މީހުންނަށް އެނގޭ ވަރަށް ގިނަ މައުލޫމާތު ތަކެއް އެބަ ހުއްޓެވެ. އެގޮތުން ވައިރަސް ޖެހިފައިހުރި މީހަކު ހިފާފައިވާ ތަނެއް ނުވަތަ އެމީހަކު ހުރިތަނެއްގައި ވައިރަސް ހުންނާނީ ކިހާ ވަގުތަކަށްކަން ވެސް ކުރީގެ ހޯދުންތަކުން އެނގިވައި ވެއެވެ. އެހެން ނަމަވެސް ނޭނގޭ ކަމަކީ ބަލި ޖެހި އިންސާނާ މަރުވެގެންދާއިރު، މިބަލީގެ އަސަރު ހުންނާނީ ކިހައި މިންވަރަކަށް ކަމެވެ.

މިއީ ގިނަ ބަޔަކަށް މިއަދާއި ހަމައަށް ނޭނގޭ ކަމަކެވެ. މެލޭޝިއާގެ ހެލްތް މިނިސްޓްރީން މިއަދު ބުނެފައިވަނީ އެގައުމުން ހަދާފައިވާ ޕޯސްޓް މޯޓަމް އަކުން އެ ސުވާލުގެ ޖަވާބު ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ޕޯސްޓްމޯޓަމްގެ ނަތީޖާއިން، ވައިރަސް ޖެހިގެން މަރުވާ މީހާގެ ހަންގަނޑުގައި ވެސް މި ވައިރަސްގެ އަސަރު ހުންނަކަން ހާމަވެފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މެލޭޝިއާގެ ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ނޫރް ހިޝާމް އަބްދުﷲ ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޖަނާޒާ ކުރިއަށްދާއިރު އެމީހުން ތިބެން ޖެހެނީ ޕްލާސްޓިކް ދަބަހެއް ނުވަތަ "ބޮޑީ ބޭގެއް" ގައި ކަމަށެވެ. އެއީ މަރުވާ މީހާގެ ހަންގަނޑުގައި ވައިރަސް ހުރެއްޖެ ނަމަ، އެތަނެއްގައި ތިބޭ އެހެން ބައެއްގެ ހަށިގަނޑަށްވެސް މި ވައިރަސްގެ އަސަރު ކޮށްފާނެ ކަމަށްޓަކައެވެ.

މެލޭޝިއާގެ ހެލްތް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ނޫރް ހިޝާމް އަބްދުﷲ

"މިގޮތަށް ނިންމާފައިވަނީ ދާދި ފަހުން ހަދާފައިވާ ޕޯސްޓް މޯޓަމަކަށް ބަލާފައި. އެ ޕޯސްޓް މޯޓަމުން އިނގޭ ގޮތުގައި މީހާ މަރުވުމަށްފަހުވެސް ހަންގަނޑުގައި ކޮވިޑް-19 ވައިރަސް ހުންނަކަން. އެހެންކަމުން ރައްކާތެރި ގޮތަކީ މި ބަލީގައި މަރުވާ މީހުން ވަޅުލުމާއި ހަމައަށްވެސް ބޮޑީ ބޭގެއްގައި ބޭއްވުން،" އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން މެލޭޝިއާގެ ފަތްވާ ކޮމިޓީން ވަނީ ބަލި ޖެހިގެން މަރުވާ މުސްލިމުން ހިނެވުމުގެ ބަދަލުގައި ތަޔައްމުމު ކުރުމަށް ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ބެއްވި ކޮންފެރެންސެއްގައެވެ. މިއީ ކޮވިޑް-19 ގެ ނުރައްކާ ކުޑަކޮށް، ވައިރަސް އިތުރަށް ފެތުރިޔަ ނުދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.

މެލޭޝިއާއިން މިހާތަނަށް ކޮވިޑް-19 ޖުމްލަ 4,530 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އަދި މި ބަލި ޖެހިގެން އެގައުމުން މިހާތަނަށް މަރުވެފައިވަނީ 73 މީހުންނެވެ. އޭގެ ތެރެއިން 3 މީހުންނަކީ ފާއިތުވި 24 ގަޑިއިރު އެގައުމުން މަރުވެފައިވާ މީހުންނެވެ. މެލޭޝިއާގައި ވެސް މި ވައިރަސް ފެތުރި އޭގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ. މި ސަބަބަށްޓަކައި އެޤައުމުގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް ވަނީ އަޅަން ފަށާފައެވެ.