އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އެޕްލިކޭޝަން ކަމަށްވާ "ޓިކްޓޮކް" އިން ކޮވިޑް-19 ފަންޑްތަކަށް 250 މިލިއަން އެމެރިކާ ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ބުނެފިއެވެ.
ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓިކްޓޮކް އިން ނެރުނު ބަޔާނެއްގައި ބުނީ މިފައިސާ ޚަރަދު ކުރާނީ ކޮވިޑް-19 އާއި ދެކޮޅަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށާއި، އެންމެ ބޮޑަށް ބަލީގެ އަސަރު ކޮށްފައިވާ މުޖުތަމަޢުތަކަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ދައުރު އަޅުގަނޑުމެން އަދާކުރާނަން. އެހީތެރިކަމަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ އުފަލެއް." ޓިކްޓޮކްގެ ރައީސް އެލެކްސް ޒޫ ވިދާޅުވިއެވެ.
ޓިކްޓޮކް އިން ހަދިޔާ ކުރާ ފައިސާގެ ތެރެއިން 150 މިލިއަން ދޮލަރު ހަދިޔާ ކުރާނީ އެމެރިކާގެ ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލާއި ޑަބްލިއުއެޗްއޯ އާއިއެންމެ ބޮޑަށް ކޮވިޑް-19 ގެ އަސަރު ކުރަމުން ގެންދާ އިންޑިއާ، އިންޑޮނޭޝިއާ، އިޓަލީ އަދި ދެކުނު ކޮރެއާގެ ރަސްމީ އިދާރާތަކަށެވެ. އެފައިސާ އެ ޚަރަދު ކުރާނީ ސިއްހީ ކަންކަމަށް ބޭނުންވާ ތަކެތި ގަތުމަށެވެ.
ބާކީ ފައިސާގެ ތެރެއިން 40 މިލިއަން ޑޮލަރު ހަދިޔާ ކުރާނީ އެކި ފަރާތްތައް ތަމްސީލް ކުރާ ޖަމިއްޔާ ތަކަށެވެ. އޭގެ ތެރޭގައި މުއުޒީޝަނުންނާއި، އާޓިސްޓުންނާއި، ނަރުހުންނާއި، މުދައްރިސުންނާއި އަދި ތަފާތު އާއިލާތައް ތަމްސީލްކުރާ ޖަމިއްޔާތައް ހިމެނެއެވެ.
ދިހަ މިލިއަން ޑޮލަރު ކޮމިއުނިޓީ ރިލީފް ފަންޑަށް ހަދިޔާ ކުރާނެއެވެ. މިފައިސާ އިން އާޓިސްޓުންނާއި މިއުޒިކްގެ އެކި މަސައްކަތްތައް ކުރާ މީހުންނަށް އެހީ ލިބޭނެއެވެ. އެއީ ކޮވިޑް-19 އާއި ގުޅިގެން އާމްދަނީ އަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީ ލިބޭނެ ފަންޑެކެވެ.
50 މިލިއަން ޑޮލަރު ކްރިއޭޓިވް ލާނިން ފަންޑަށް ހަދިޔާ ކުރާނެއެވެ. މިފަންޑުން އެހީ ހޯދަން ކޮންމެ ގައުމެއްގެ މީހަކަށް ވެސް ހުށަހެޅޭނެ ކަމަށް ޓިކްޓޮކް އިން ބުނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަމައެކަނި މާޗް މަހު ވެސް އެ އެޕްލިކޭޝަން 65 މިލިއަން މީހުން ޑައުންލޯޑް ކޮށްފައި ވެއެވެ. ނަމަވެސް އެމެރިކާގެ ސަލާމަތީ ކަންކަމާއި ބެހޭ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ޓިކްޓޮކް އަކީ ޗައިނާ އިން ޖާސޫސް ކުރަން ބޭނުން ކުރާ އެޕްލިކޭޝަނެކެވެ.