އަނބިމީހާ އަންހެން ކުއްޖަކު ވިހެއުމުން، އޭނާގެ ފިރިމީހާ އެކަމާއި ހިތްހަމަނުޖެހި އަނބިމީހާގެ ގަޔަށް އެސިޑް ޖަހައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފިރިމިހާ ހީކުރީ އެ ދެމަފިރިންނަށް ލިބޭނީ ފިރިހެން ދަރިޔަކު ކަމަށެވެ.

މި މަހުގެ އަށް ވަނަ ދުވަހު އުއްތަރްޕްރަދޭޝްގައި މި ހާދިސާ ހިނގިއިރު، އަނބިމީހާ ފަރާހްގެ ހަށިގަނޑުގެ 25 އިންސައްތަ ވަނީ އަނދާފައެވެ. ސިރާޖް ނަމަކަށް ކިޔާ ފިރިމީހާ ގަބޫލުކުރާގޮތުގައި، ފަރާހް އޭނާ ބޭނުންވާ އެއްވެސް ކަމެއްކޮށްވެސް ނުދެއެވެ.

ސިރާޖް ފަރާހް ގަޔަށް އެސިޑް ޖެހުމާއެކު ފަރާހް ވަނީ ދުވެފައި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގޮސްފައެވެ. ފަރާހްގެ މޫނާއި ކަރު ހުރީ ވަރަށް ބޮޑަށް އަނދާފައެވެ.

މި ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ އަށް އަހަރު ވެއްޖެއެވެ. ދެމީހުންގެ ދެ އަންހެން ދަރިންވެސް އެބަތިއްބެވެ.

ފުލުހުން މިހާރު ދަނީ އުމުރުން 32 އަހަރުގެ ސިރާޖް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސިރާޖު ވަނީ އަންހެން ދަރިއަކު ހޯދާފައި ވާތީ އަނބިމީހާގެ ގަޔަށް އެސިޑް ޖަހާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.

އިންޑިއާގައި އަނބިންނާއި އާއިލާ މެންބަރުންގެ ގަޔަށް އެސިޑް ޖެހުމަކީ ވަރަށް އާއްމު މައްސަލައެކެވެ. އަންހެން ދަރިން ލިބުމަކީ ވެސް އިންޑިއާގެ ގިނަ މީހުން ބޭނުންވާ ގޮތެއް ނޫނެވެ. އަންހެން ދަރިއަކަށް ބަނޑުބޮޑުވެއްޖެ ނަމަ ދަރި ވައްޓާލުން ފަދަ ކަންކަން ވެސް އިންޑިއާގައި އާއްމު ކުރެއެވެ. އެހެންވެ އިންޑިއާގައި ފިރިހެނުންގެ އާބާދީއަށް ވުރެ އަންހެނުންގެ އާބާދީ މަދެވެ.

އިންޑިއާގައި 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު ވެސް 1483 އެސިޑް ހަމަލާ ދީފައި ވެއެވެ. ނަމަވެސް ހަމަލާ ދޭ މީހުންގެ ތެރެއިން ހައްޔަރު ކުރެވެނީ ނުވަތަ ކުށް ސާބިތު ކުރެވެނީ ވަރަށް މަދު އަދަދެއްގެ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟިހެން

    ޙާދަ ރަހުމް ކުޑަ މީހެކޭ! ޢޭނަ މޫނަށް ކޮންމެވެސް މީހަކު އެސިޑް ޖަހާ އަންދާލަ ބަލަ! ޢޭރަށް އެގޭނެ އެއީ ކިހާ ބޮޑް ކަމެއްކަން... ކިހާވޭން ދެނިވި ކަމެއްކަން... އެމީހާ ހޯދާ!

    11
  2. އަލްޖިބްރާ

    ޖާހިލު ކަމުގެ ލާމަސީލު !