އިންޑިއާގައި ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސިޓީއެއް ކަމަށްވާ ރިޝިކެޝްގައި ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) އާ ހިލާފުވި 10 ފަތުރުވެރިއަކަށް އަދަބު ދީފިއެވެ.

އެ ގައުމުގެ އޮފިޝަލުން ބުނެފައި ވާގޮތުގައި، ފުރަބަންދު ގަވާއިދާއި ހިލާފުވި 10 ފަތުރުވެރިން ލައްވާ ވަނީ 500 ފަހަރަށް "އަހަންނަށް މައާފް ކުރޭ" މިގޮތަށް ލިޔުމަށް އަންގާފައެވެ.

އެ ގައުމުގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ އިއުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު ކުރުމަށްވެސް ނިންމާފައިވާއިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް މީހަކު ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. އެއީ ގެއަށް ބޭނުންވާ ކާނާ ގަތުމަށް ބޭރަށް ދިއުމާއި، ބޭސް ގަތުމަށް ބޭރަށް ދިއުމެވެ.

އެހެން ނަމަވެސް އިސްރާއީލާއި، މެކްސިކޯ އަދި އޮސްޓްރޭލިއާ އާއި އޮސްޓްރިއާއަށް ނިސްބަތްވާ ފަތުރުވެރިންތަކެއް އެ ސިޓީގެ މަގުމަތީގައި ހިނގަމުން ދަނިކޮށް ފެނިގެން އެ މީހުންނަށް ވަނީ އަދަބު ދީފައެވެ.

އެ ސިޓީގެ ފުލުހެއް ކަމާށްވާ ވިނޯދް ޝަރްމާ ބުނެފައިވާގޮތުން، އެ މީހުން ލައްވާ 500 ފަހަރަށް ލިޔުއްވަން ޖައްސާފައި ވަނީ "އަހަރެން ފުރަބަންދުގެ ގަވާއިދަށް ބޯނުލަނބަން، އެކަމާއި އަހަރެން މައާފަށް އެދެން" މިގޮތަށެވެ.

ޝަރްމާ ބުނީ، އެ ސަރަހައްދުގައި އުޅެމުންދާ 700 އަށްވުރެ ގިނަ ފަތުރުވެރިން ފުރަބަންދުގެ ގަވާއިދާއި ހިލާފު ވެފައިވާ ކަމަށެވެ. އަދި މިގޮތަށް އަދަބު ދިނުމަށް ނިންމާފައި ވަނީ އެ މީހުންނަށް ފިލާވަޅެއް ދިނުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ފުލުހުން ބުނީ، އެ ސަރަހައްދުގެ ހޮޓަލްތަކަށް ގޮސް ވެސް ފަތުރުވެރިންނަށްވެސް ނަސޭހަތް ދީފައި ވާ ކަމަށެވެ.

ޝަރްމާ ވަނީ ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

އިންޑިއާވެފައި ވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ އެއް ގައުމަށް ވެފައެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.