ކޮވިޑް-19 ގެ ސަބަބުން ބޭރަށް ދާން ބޭނުން ވެފައިވާ ފަރާތްތަކަށް އުމުރުން ފަސް އަހަރުގެ ކުއްޖަކު މެސެޖެއް ފޮނުވައިފިއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލަސްކާގެ ފެއާ ބޭންކަށް ނިސްބަތްވާ ނޯވާ ނައިޓް ވަނީ ކޮވިޑް-19 އިން މީހުން ރައްކާތެރިވެގެން ތިބުމަށް ހިތްވަރުދީ 40 ސިކުންތުގެ ވީޑިއޯއެއް މީސްމީޑިއާގައި އާންމު ކޮށްފައެވެ. އޭގެފަހުންވެސް ނޯވާ ވަނީ އިތުރު 2 ވީޑިއޯ އެއް އާންމު ކޮށްފައެވެ.

އެ ވީޑިއޯ 18،000 އަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، އެތަށް ބަޔަކު ވަނީ އެ ވިޑީއޯ ޝެއާ ކޮށްފައެވެ.

"ގެއިން ބޭރަށް އެއްވެސް ތަނަކަށް ނުދާތި، އަށްދޮވެގެން ގޭގައި ތިބޭ. މިއީ ވަރަށް ސީރިއަސް ވާހަކައެއް. އެހެން ކަމުން ކޮންމެ ދުވަހަކު މި ވީޑިއޯ ބަލަން ޖެހޭނެ. އޭރުން ހަނދާން ހުންނާނެ" ނޯވާ އާންމުކޮށްފައިވާ ފުރަތަމަ ވީޑިއޯގައި ބުނެފައިވެއެވެ.

ނޯވާ ބުނެފައިވަނީ އޭނާ އެ ވީޑިއޯ ހަދަން ބޭނުންވީ، ދައްތައަކު އޭނާގެ ކުދިން ބޭރަށް ނުދާ ކަމަށް ބުނެ ޝުކުރު އަދާ ކޮށް ވީޑީއޯއެއް ފޮނުވުމުން ކަމަށެވެ.

ދެވަނަ އަށް އާންމު ކޮށްފައިވާ ވީޑީއޯގައި ނޯވާ ވަނީ ކެއްސާއިރު އުޅަނބޮށިން އަށް ލަނބާލުމަށްފަހު ކެއްސުމަށް ބުނެފައެވެ. އެގޮތަށް ހެދުމުން ވައިރަސް ދަތުރު ކުރުން ހުއްޓޭނެ ކަމަށް ވަނީ ބުނެފައެވެ.

ތިންވަނަ އަށް އާންމު ކޮށްފައިވާ ވީޑިއޯގައި ނޯވާ ބުނެފައިވަނީ އޭނާގެ ރައްޓެހިން މަތިން ހަނދާންވާ ކަމަށާއި އެކަމަކުވެސް ބޭރަށް ނުގޮސް އަދިވެސް ގޭގައި މަޑު ކޮށްގެން ހުންނަނީ ކަމަށެވެ.

ނޯވާ އަސްލު ބޭނުންވީ ފޭސްބުކުގެ ލައިވް އަށް އަރައި އެ މެސެޖު ކިއުމަށް ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެވަގުތު ހެދުން ނުލައި ހުރުމުން ވީޑިއޯ ލައިވް ނުކޮށް ރިކޯޑިން ނަގައިދޭން ބުނުމުން މައްސަލައެއް ނެތްކަމަށް ބުނެ އެ ވިޑީއޯ ރެކޯޑު ކުރީ ކަމަށް ނޯވާގެ މަންމަ ބުންޏެވެ.

އެ ވީޑިއޯ ބެލުމަށްފަހު އެ ސިޓީގެ ގިނަ ބަޔަކު ވަނީ ނޯވާ އަށް ޝުކުރު އަދާކޮށްފައެވެ. އަދި ގިނަ ބަޔަކު މިހާރު އަންނަނީ އެ ވީޑީއޯ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލު ކަމަށްގެނެސް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ މާހިރުންވެސް އެންމެ ބޮޑަށް ބާރު އަޅަމުން އަންނަނީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ގެއިން ބޭރަށް ނުގޮސް ތިބުމެވެ. އޭރުން ވައިރަސް ޖެހޭ މިންވަރު މަދު ކުރެވޭނެ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޭޏަމްޏަމް

    ހާދަހާ ލޯބި ކުއްޖެއް?

    • މރ

      މާޝާ ﷲ