ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފަރުވާ ކުރުމަށް، ދެ ޑިވައިސް އެއް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދީފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ދެ ޑިވައިސް އަކީ، ހަށިގަނޑުގައި ހުންނަ ލޭގައި އެކުލެވޭ ނުރައްކާތެރި ބައިތައް ސާފުކުރުމަށް ބޭނުންކުރާ "ބްލަޑް ޕިއުރިފައިންގް" ޑިވައިސްތަކެކެވެ. އެގޮތުން މި ޑިވައިސްތައް ބޭނުންކޮށްގެން، ހަށިގަނޑުގައި ދައުރުވާ ކޮވިޑް-19 ގެ އިންފެކްޝަން ފިލުވާލެވޭނެ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އޮފިޝަލުން ބުނާގޮތުގައި "ބްލަޑް ޕިއުރިފިކޭޝަން" ޑިވައިސްތައް މެދުވެރިކޮށް ބަލި މީހާގެ ހަށިގަނޑުން ނަގާ ލޭ ސާފު ކުރުމަށްފަހު އަނެއްކާވެސް ފޮނުވަނީ ހަށިގަނޑުގެ ތެރެއަށެވެ. އެހެންކަމުން ޑިވައިސް މެދުވެރިކޮށް ހަށިގަނޑަށް އަޅާ ލެޔަކީ ނުރައްކާތެރިބައިތައް ނުހިމެނޭ "ފްރެޝް" ލެއައް ވާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ. މިގޮތަށް ހަށިގަނޑުގއި ދައުރުވާ ލޭ އެއްކޮށް މި ޑިވައިސް ބޭނުންކޮށްގެނ ސާފުކުރެވެއެވެ.

މި ދެ ޑިވައިސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގައި ދީފައި ވަނީ، ކޮވިޑް-19 ގެ ސީރިއަސް ހާލަތްތަކުގައި، ކޮންމެހެން ބޭނުންކުރަންޖެހޭ ދަނޑިވަޅުތަކުގައެވެ. އެއީ މި ޑިވައިސްތައް ބޭނުންކޮށްގެން ވެސް ފަރުވާ ކުރުމުގައި ރިސްކުތަކެއް ހުންނާތީއެވެ.

ސިއްޙީ ތަޖުރިބާކާރުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން "ބްލަޑް ޕިއުރިފިކޭޝަން" ޑިވައިސް މެދުވެރިކޮށް ފަރުވާ ހޯދާ ފަރާތްތަކަށް ހިތުގެ މައްސަލަތަކާއި، ލޭ މަދުވުން ފަދަ މައްސަލަތަކުގެ އިތުރުން، އިންފެކްޝަނާއި އެލާޖިކް ރިއެކްޝަން ތަކުގެ މައްސަލަތައް، ފަރުވައަށް ފަހު ދިމާވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން އެކި މީހުންނަށް މި ޑިވައިސް ބޭނުންކޮށްގެން ކުރާ އަސަރު ތަފާތުވެދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ދުނިޔޭގައި ފެތުރެން ފެށި ކޮވިޑް-19 އަށް އަދި ސީދާ ފަރުވާއެއް ނުވަތަ ވެކްސިނެއް އުފެއްދިފައި ނުވާއިރު، އެކަމަށް އެކި ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އަދި މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ. ބައެއް ޤައުމުތަކުން ކޮވިޑް-19 އަށް ފަރުވާކުރާ ވެކްސިންތައް އުފައްދައި ޓެސްޓިންގް މަރުޙަލާގައި އުޅޭއިރު، ޔަޤީންކަމާއެކު މި ވައިރަސް ހަށިގަނޑުން ނައްތާލެވޭ ވެކްސިނެއް އުފެއްދިފައި ނުވެއެވެ.

ކޮވިޑް-19 ގެ ވެކްސިނެއް އުފެއްދުނަސް، އޭގެ ތަހުލީލުތައް ކުރިޔަށް ގެންގޮސް، ފުރިހަމަ ކުރަން ޖެހޭ އެނޫންވެސް މަރުޙަލާތައް ފުރިހަމަކޮށް ބޭނުންކުރަން ފަށަން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.