ކޮރޯނާވައިރަސް (ކޮވިޑް-19) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރި، މުޅި ދުނިޔެއަށް އޭގެ ނުރައްކާ ކުރިމަތި ކުރަމުންދާއިރު، ވައިރަސް އިން ރައްކާތެރިވުމަށް ގިނަ ޤައުމުތަކުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އިންޑޮނީޝިއާގެ އަވަށެއްގައި، ރައްކާތެރިކަން ކަށަވަރު ކުރުމަށް "ޖިންނި" ތަކެއް އުޅުނު ކަމަށް ބުނާ އަޑުތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ފެތުރިފައެވެ.

ނޫސްތައް ބުނާގޮތުން، ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑޮނީޝިއާގެ ޖާވާ އައިލޭންޑުގެ އަވަށެއް ކަމަށްވާ ކޭޕޫގައި ވަނީ އާދަޔާއި ޚިލާފު ކަންކަން ހިނގާފައެވެ. އެގޮތުން އެޤައުމުގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ އަމުރަށް ނުކިޔަމަންތެރިވެ، ދަންވަރުގެ ވަގުތުތަކުގައި ގެއިން ބޭރަށް ނިކުންނަ މީހުންނަށް ބިރު ދައްކައި ގެޔަށް ފޮނުވުމަށް އެޤައުމުގެ ޒުވާނުންތަކެއް ވަނީ ތަފާތު ގޮތަކަށް ނިކުމެފައެވެ.

މި މީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން އިންޑޮނީޝިއާގެ ނޫހެއްގައި ބުނެފައިވާ ގޮތުގައި، ފުރަބަންދުގެ އަމުރަށް ނުކިޔަމަންތެރިވާ މީހުންނަށް ބިރު ދެއްކުމަށް އެ ޒުވާނުން ބޭނުންކުރަމުން ދިޔައީ ބިރުވެރި ސިފަތަކަށް ހުންނަ ކޮސްޓިއުމްތަކެކެވެ. އެގޮތުން ދަންވަރު މަގުމަތިން ފެންނަ މީހުންނަށް ބިރުދައްކައި އެމީހުން ފަހައި ގެޔަށް ވެއްދުމަށް އެ ޒުވާނުން، ކޮސްޓިއުމްގައި ހަރަކާތްތެރިވާން ފެށުމުން، އެކަމުގެ ހެޔޮ ބަދަލު މިހާރު ފެންނަމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަހަރެމެން ބޭނުންވީ ތަފާތު ކަމެއް ކުރަން. އެކަމަކުން އެންމެންނަށް ފައިދާވާނެ ކަމެއް ކުރަން. އެގޮތުން ކުރަމުން އަންނަ ކަމެއް މިއީ. މި އަވަށުގެ މަގުތަކުން ދަންވަރު ވަގުތު ޖިންނި ފެންނާތީ ގިނަ ބަޔަކު ބިރުން ބޭރަށް ނުނިކުމޭ. މިއީ ރަނގަޅު ބަދަލެއް ނޫންތޯ." ޒުވާނުންގެ ޓީމުން ނޫސްވެރިންނަށް މަޢުލޫމާތުދިން ފަރާތުން ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިންޑޮނީޝިއާގައި ވެސް އިތުރުވަމުން އަންނައިރު، އިއްޔެ އެކަނިވެސް 316 މީހަކު ހިމެނޭހެން އެޤައުމުން މިހާތަނަށް ޖުމްލަ 4557 މީހަކަށް ވައިރަސް ޖެހިފައި ވެއެވެ. މީގެ ތެރެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 399 އަށް އަރާފައެވެ. އިންޑޮނީޝިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަދި ރަނގަޅުވީ 380 މީހުން ކަމަށް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅިހި

    ދެން އެންމެނަށްވެސް އެނގުނީ ތީ ޖިންނި ނޫންކަން. އެހެންވީމާ ބޭރަށް ނުކުންނާނެ ތިވީގޮތުން.

    11
  2. އަލެކްސް

    މަރުވެފާތުބޭމީހުން ކިނެގެން އެމީހުންގެ ކަށިގަށުގަ ހެދުން ލައްވައިގެން ނާޗަރަންގީކުޅޭބައެއްތިއީ! އަސްލު ޖިންނިންވެސް ތިމީހުންދެކެ ބިރުގަނޭ!

    10
    1