މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ކޮވިޑް-19 އުފެއްދުމުގައި ބިލިއަނަރު ބިލް ގޭޓްސްގެ ދައުރެއް އޮންނާނެ ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ މަޝްހޫރު ޕޮލިޓިކަލް ކޮންސަލްޓެންޓެއް ކަމަށްވާ ރޮޖާ ސްޓޯން ބުނެފިއެވެ.

ރޮގާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް މީގެ ކުރިން ބައެއް ކަންކަމުގައި ޚިޔާލު ދީފައިވާ މީހެކެވެ. އޭނާ އަކީ މަޝްހޫރު ފޮތްތަކެއް ލިޔެފައިވާ ލިޔުންތެރިއެކެވެ. ނަމަވެސް މިދިޔަ އަހަރު އެމެރިކާ އިން ކުރިއަށް ގެންދިޔަ މުލާގެ މައްސަލައިގެ ތަޙްޤީޤަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށް ރޮޖާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރޮޖާ ބުނީ ކޮވިޑް-19 އުފެއްދުމުގައި ބިލް ގޭޓްސް ބައިވެރިވެފައި ވަނީ ކޮންމެ މީހެއްގެ ގައިގަ މައިކްރޯ ޗިޕެއް ހަރުކުރުމުގެ ބޭނުމުގައި ކަމަށެވެ. މިއީ ކޮންމެ މީހަކު ވެސް ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ހުރިތޯ ކަށަވަރު ކުރަން ހަރުކުރާ ޗިޕެއް ކަމަށާއި މިއީ ވައިރަސް އަށް ޓެސްޓް ކޮށްފިތޯ ބަލަން ހަރުކުރާ ޗިޕެއް ކަމަށް ބުނި ނަމަވެސް ބިލް ގޭޓްސް މިކަމުން އިތުރު ފައިދާތަކެއް ނަގާނެ ކަމަށް ރޮޖާ ބުންޏެވެ.

ކޮވިޑް-19 އާއި ބިލް ގޭޓްސްއާ ގުޅުވައިގެން ރޮޖާ ދެއްކި ވާހަކަތަކަކީ އެއްވެސް ހެއްކެއްގެ މައްޗަށް ބިނާކޮށް ދެއްކި ވާހަކަތަކެއް ނޫނެވެ.

ނަމަވެސް ބިލް ގޭޓްސް ވަނީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފާނެ ފަދަ ބަލިމަޑުކަމެއް ދުނިޔޭގައި ފެތުރިގެން ހިނގައިދާނެ ކަމާއި އެފަދަ ބަލިމަޑުކަމަކަށް ދުނިޔެ އޮތީ ތައްޔާރުވެފައި ނޫން ކަމަށް 2015 ވަނަ އަހަރު ވިދާޅުވެފައެވެ. އޭރު ބިލް ގޭޓްސް ވަނީ ގައުމުތަކުން މިފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމަށް ގޮވާލާފައެވެ.

ނަމަވެސް ކޮވިޑް-19 ދުނިޔެއަށް ފެތުރެން ފެށިއިރު މިބަލިމަޑުކަމަށް ދުނިޔެ އޮތީ ތައްޔާރުވެފައެއް ނޫނެވެ. ނަތީޖާއަކަށްވީ ބަލި ފެތުރެން ފެށިތާ ހަތަރު ވަރަކަށް މަސް ދުވަސް ވެގެން ދިޔައިރު އަދިވެސް ބަލި ކޮންޓްރޯލް ނުކުރެވުމެވެ.

ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަށާއި، ބަލި މީހުންނަށް ފަރުވާ ކުރުމަށް ކުރަމުން ގެންދާ މަސައްކަތައް ބިލް ގޭޓްސް މިހާރު ވަނީ 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަދިޔާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރޯނާ

    ތިހެން ނުބުނޭ ޗައިނާ މީހުން ވާލާއި ކުއްތާ ރޮލާ އަލުން ކާން ފަށާފާނެ

  2. Anonymous

    މި ހަބަރުގެ ބޭނުމެއް ނުވިސްނޭ މީގަ ބުނެފަ އޮތް އެއްޗަށް ބަލާ އިރު

    7
    1