ނިންޓެންޑޯ ސްވިޗްގެ އެންމެ މަޤުބޫލު އެއް އޮންލައިން ގޭމް ކަމަށްވާ، "އެނިމަލް ކްރިސިންގް" މެދުވެރިކޮށް ހޮންކޮންގް ގައި ގިނަ އަދަދެއްގެ ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު ކުރުމުގެ ކުރިން ހޮންގްކޮންގް ގައި ކުރަމުންދިޔަ ބޮޑެތި މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި އެކްޓިވިސްޓުން އިސްވެ ތިބެ މި ގޭމް މެދުވެރިކޮށް ވަނީ އެ ޤައުމުގެ ހާލަތު ހާމަކޮށްފައެވެ. އަދި ޗައިނާގެ ރައީސް އާއި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ ފޮޓޯތައް ވެސް ގޭމް މެދިވެރިކޮށް ނުރުހުން ފާޅުކުރުމަށް އެފަރާތްތަކުން ވަނީ ބޭނުންކޮށްފައެވެ.

ހޮންކޮންގް އަކީ ވަކި ގައުމެއް ނަމަވެސް ހޮންކޮންގް އޮންނަނީ ޗައިނާގެ ބާރުގެ ދަށުގައެވެ. ޗައިނާ މީހުން ދެކޭ ގޮތުގައި ހޮންކޮންގް އަކީ އެ ގައުމުގެ ސިޓީއެކެވެ.

މި މުޒާހަރާތަކުގެ ބައިވެރިން ގޭމް މެދުވެރިކޮށް ބުނަމުން ދިޔައީ، އެމީހުން ޤައުމަށް ޑިމޮކްރެސީ ގެނައުމަށްކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އެފަރާތްތަކުން ވަނީ ސަރުކާރުގެ ބައެއް އިސް ވެރިންގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ. ގޭމް މެދުވެރިކޮށްކުރާ މި މުޒާހަރާގެ މަންޒަރުތައް މިހާރު އެފަރާތްތަކުން ދަނީ މީސްމީޑިއާގައި އާންމުކުރަމުންނެވެ.

ހޮންކޮންގް މިނިވަން ކުރުމަށް ގޮވާލައި އެޤައުމުގެ ސިޔާސީ އެކްޓިވިސްޓުން ފެށި މި މުޒާހަރާތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދާއިރު، މިކަމާއި ގުޅިގެން މިހާރު ހޮންގްކޮންގެ ސްޓޯރުތަކުން މި ގޭމު ވިއްކުން ހުއްޓުވުމަށް އިދާރާތަކުން މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ހޮންކޮންގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހޮންކޮންގެ މުޒާހަރާއަށް ސުލްހަވެރި ސިޔާސީ ހައްލެއް އައުމަކީ ދުރުކަމެކެވެ. މުޒާހަރާތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ ބާރުގެ ބޭނުންކޮށް މުޒާހަރާތައް ރޫޅާލުން ކަމަށް އެފަރާތްތަކުން ކުރިން ބުނެފައިވާއިރު، މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއްވެސް ކުރިން ވަނީ ހިނގާފައެވެ.

ހޮންކޮންގްގައި ސިލްސިލާ މުޒާހަރާތައް ކުރިޔަށްގެންދާތާ އެތައް ދުވަހެއް ވެފައިވާއިރު، މި މުޒާހަރާތައް ފެށީ ހޮންކޮންގުގެ ރައްޔިތުންގެ ޝަރީއަތް ހިންގަން ޗައިނާ އަށް ފޮނުވަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ބިލަކާއި ގުޅިގެންނެވެ. މި ބިލް ހުށަހެޅުމާއެކު މިލިއަނަކަށް ވުރެ ގިނަ މީހުން ނިކުމެ ކުރަން ފެށި މުޒާހަރާތައް ފަހުން ވަނީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެގެން ގޮސްފައެވެ.