ދުނިޔެއަށް ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ކުރިމަތިވިހިނދު، ތަޢުލީމު އުނގެނުމުގެ އާ ދޮރުތަކެއް ޤައުމުތަކުން ދަރިވަރުންނަށް ހުޅުވާލި އެވެ. ގޭގައި ތިބެގެން ކްލާސްތަކަށް ހާޒިރުވެވޭނެ އިންތިޒާމްތައް ހަމަޖެހި، ތަޢުލީމު އުނގެނެން ކުރިޔަށްވުރެ މާ ފަސޭހަ، އަދި މޮޅެތި ގޮތްތައް ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް ލިބިއްޖެއެވެ. ނަމަވެސް އެ ހުރިހާ ކަމަކުން މަހުރޫމްވެފައި ތިބި ކުދިންތަކަކަށް، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު، ކުރިން ލިބުނު ހަމައެކަނި ފުރުސަތުތައް ވެސް ބަންދުވެގެން ގޮސްފައިވާކަން އެނގެނީ މަދު ބަޔަކަށެވެ.

ކޮވިޑް-19 ގެ ކުރިންވެސް ދުނިޔޭގައި އެންމެ ބޮޑު ހާސްކަމެއްގެ ތެރޭގައި، އެންމެ ހާލުގައި އުޅެމުންދާ އެއް ބަޔަކީ ސީރިޔާގެ ކޭޕްމްތަކުގައި އުޅޭ މީހުންނެވެ. ހަނގުރާމައިގެ މައިދާނުގެ ނުރައްކަލާއި ކޮންމެ ވަގުތެއްގައި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރަށް، ހަމަނޭވާއެއްލާން ނުކެރިފައި ތިބޭއިރު އެމީހުންނަށް ދިރިއުޅުމުގެ ޒަރޫރަތްތައް ވެސް ފުއްދޭނެ ގޮތެއް ނެތި އޭރުވެސް ތިބީ އުންމީދެއް ނެތްހާލުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ޤައުމުތަކުން، ދަރިވަރުންނަށް އޮންލައިންކޮށް ކިޔެވޭގެ މަގު ތަނަވަސްކޮށްދިން އިރު، ސީރިއާގެ ޓެންޓުތަކުގައި ކްލާސް ހަދައިގެން ކިޔަވާ ދަރިވަރުންނަށް އެފަދަ ފުރުސަތެއް ނުލިބެއެވެ. އިންޓަނެޓުގެ ޚިދުމަތް ނުލިބޭތާ، އެފަދަ ޚިދުމަތެއް ބޭނުންކުރާނެ އާލާތެއްވެސް އެކުދިންގެ އަތުގައި ނެތެވެ. އެހެންވެ، އެކުދިންނަށް ތަޢުލީމު ހުއްޓިފައިވާ މި ހާލަތުގައި، މަޖުބޫރުވެފައި ވަނީ، އަލުން ކްލާސްތައް ފަށާނެ ދުވަހެއްގެ އިންތިޒާރު ކުރުމެވެ.

ކިޔެވުން ހުއްޓިފައިވާ ސީރިޔާ ކުއްޖެއްގެ އާއިލާ އިން ނޫހަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ސީރިޔާގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު މިހާރު ބަންދުވެފައި ވާއިރު، ދިރިއުޅުމުގެ އެއްވެސް ކަމެއް ފުރިހަމަ ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހީގެ ގޮތުގައި ލިބޭ ކާބޯތަކެތިވެސް މި ދުވަސްވަރު ލިބުން ހުއްޓިފައިވުމާއެކު، ބަނޑަށްޖެހި ހައިހޫނު ދުވަސްތަކަކާއި ކުރިމަތިލާން ތައްޔާރުވެގެން ތިބި އެތައް ބަޔަކު ސީރިޔާގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި، ފެތުރެމުންދާ ވައިރަސްގެ ނުރައްކާ އެންމެ ބޮޑަށް ކުރާ ބަޔަކީ އެއީ ކަމުގައި ވީނަމަވެސް، "ދުނިޔޭގެ ސަމާލުކަމެއް އެމީހުންނަށް ލިބެމުން ނުދާ ކަމީ ހިތާމަކުރާ ކަމެއް" ކަމަށެވެ.

ސީރިޔާއަށްވެސް ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިވެފައިވާއިރު، އެޤައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސިއްޙީ ޚިދުމަތް ލިބޭނެ ދޮރުތައް ވެސް ވަނީ ބަންދުވެފައެވެ. ވައިރަސް އަށް ޝައްކު ކުރެވޭ މީހުން ވަކި ޓެންޓުތަކެއްގައި އެކަހެރިކޮށް ބައިތިއްބާފައި ތިބޭއިރު، އެމީހުންނަށް ފަރުވާދީ އަޅާލާނެ ނަރުހުންނާއި ޑޮކްޓަރުންވެސް އެޤައުމުގައި ނެތެވެ. ހަމަ އެހެންމެ، މިފަދަ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށްވާ މީހަކަށް ފަރުވާދިނުމަށް ބޭނުންވާނެ އާލާތެއް ވެސް އެޤައުމުގައި ނެތެވެ.

މި ނުރައްކާތެރި ދަނޑިވަޅު ސިފަކޮށް ސީރިޔާގެ މެޑިކަލް ސޮސައިޓީގެ އޮފިޝަލަކު ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެ ޤައުމަށް ފޮނުވަން ހަމަޖެހުނު ވެންޓިލޭޓަރުތައް ވެސް ނުލިބި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ވެންޓިލޭޓަރުތައް ނެތުމުންނާއި، ސިއްޙީ ހާލަތު އެޤައުމުގައި އޮތް ގޮތުން ބަލީގެ ނުރައްކާ އެޤައުމަށް މިހާރަށްވުރެ ބޮޑުވެއްޖެ ހާލަތެއްގައި، މި ބަލި ކޮންޓްރޯލްނުވެ އެތައް ބައެއްގެ ފުރާނަ ގެއްލި ދިއުމަކީ ދިއުމަކީ ގާތްކަމެއް ކަމަށް އޭނާ ދެކެއެވެ.

ހަނގުރާމަތަކާއި ހަމަނުޖެހުން ބޮޑު ސީރިޔާގައި އެތައް ހާސް ބަޔަކު ގެދޮރުގެއްލި ހާލުގައި ޖެހިފައި އެބަތިއްބެވެ. މިހާތަނަށް އެޤައުމުގެ މިލިއަނެއްހައި މީހުންގެ ގޮދުރު ގެއްލިފައިވާކަން ރެކޯޑުތަކުން އެނގޭއިރު، އޭގެތެރެއިން ވަޒީފާއަށް ދާ މީހުންނަށް އާންމު ގޮތެއްގައި ދުވާލަކަށް ލިބެނީ ދެ ޑޮލަރެވެ. ކޮވިޑް-19 އާއި އެކު ޤައުމުތަކުން އެހީގެ ތަކެތި ލިބުން މަޑުޖެހިފައި ވާއިރު، އެ ތަކެތި ޑެލިވަރީކޮށްގެން ކުރިން ލިބޭ މަދު ފައިސާކޮޅުވެސް މިހާރު އެމީހުންނަށް ލިބޭނެ ދޮރު ވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭޝޯޚު

    ރާއްޖެ ގެންނަންވީނު އެކުދިންނަށް ތިޔަހާ ކިޔަވާދޭ ހިތް ވަންޏާ.

    2
    8
    • ބާޝޯހު

      އަބަދުވެސް ރުޅިވެރިކަމުގައި ދޯ؟ ހާދަ ވޭނެއްގައޭ ކަލޭ ތިއުޅެނީ.