ކޮންމެ ދެމީހެއްގެ ކައިވެނީގެ ހަޔާތެއް ފަށާނީ ފޮނި ހުވަފެންތައް ދެކެމުންނެވެ. އެކީގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށް މަރުވާންދެން އެގޮތުގައި ތިބުމަށް އުންމީދުކޮށްގެން ނެވެ. ނަމަވެސް ދުނިޔޭގައި ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އެ އުންމީދުތަކަށް ހުރަސް އެޅި، ހީނުކުރާ ހާލަތްތައް މެދުވެރިވެއެވެ. މިއީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެފަދަ ހިތާމައަކާއި ކުރިމަތިވެފައިވާ ދެމަފިރިއެއްގެ ވާހަކައެވެ.

އިޓަލީއަށް ނިސްބަތްވާ އުމުރުން 71 އަހަރުގެ ސޭންޑްރާ އާއި އޭނާގެ އުމުރުން 73 އަހަރުގެ ފިރިމީހާ ގިއާންކަރލޯގެ ކައިވެންޏަށް މިއަދު 50 އަހަރު ފުރުނީއެވެ. ނަމަވެސް މި އުފާވެރި ދުވަހާއި އެމީހުން ކުރިމަތިލާން ޖެހުނީ ފުރާނައަށް ނުރައްކާވެފައިވާ ހާލުގައި އައިސީޔޫގެ އެނދުމަތިންނެވެ.

ސޭންޑްރާ އާއި ގިއާންކަރލޯގެ "ގޯލްޑެން އެނިވާސަރީ" ޖެހުނުއިރު އެމީހުން ކޮވިޑް-19 ގެ ޝިކާރައަކަށް ވެފައިވީނަމަވެސް، އެކުގައި ދިރިތިބޭ ކޮންމެ ދުވަހަކީވެސް އެދެމީހުންގެ ލޯބި ކުރިއެކޭވެސް އެއްގޮތަށް އޮންނާނެ ދުވަހެއްކަން ވަނީ ސާބިތިކޮށްދީފައެވެ. އެގޮތުން އައިސީޔޫގައި ކައިރިކައިރީގައި ހުރި ދެ އެނދެއްގައި ފަރުވާދެމުންދާ އެދެމީހުން، ދުވަހުގެ މުނާސަބަތުގައި އަތުގައި ހިފައިގެން ތިބޭ މަންޒަރު ފެންނަ ފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ސޭންޑްރާ އާއި ގިއާންކަރލޯ އަށް ފަރުވާދޭ ޓީމުގެ ނަރުހަކު ނޫސްތަކުގައި ބުނެފައިވަނީ، މިއަދަކީ ޚާއްސަ ދުވަހެއްކަން އެ ދެމީހުންނަށްވެސް އެނގޭ ކަމަށެވެ. ނަމަވެސް އެކަކު އަނެކަކަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރި ހާލާއި މެދު ދެމީހުންވެސް ތިބީ ކަންބޮޑުވެ މާޔޫސްވެފައިކަމަށް އޭނާ ބުންޏެވެ.

ސޭންޑްރާ އާއި ގިއާންކަރލޯގެ ކައިވެންޏަށް 50 އަހަރު ފުރުމާއި ގުޅިގެން އެދެމީހުންނަށް ފަރުވާދޭ ޓީމުން ވަނީ މި ދުވަސް ފާހަގަކުރުމުގެ ގޮތުން އައިސީޔޫގައި އެމީހުންނަށް ޕާޓީއެއް ބާއްވާފައެވެ. ރައްކާތެރިކަމުގެ ގިއަރުގައި އެފަރާތްތަކުން ބޭއްވި މި ޕާޓީއަށް ހޭދަވީ ދިހަ މިނެޓު ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

"އަހަރެމެން މި ޕާޓީ ބޭއްވީ އެދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާވަރާއި، މި ދުވަސް ފާހަގަކުރަން ބޭނުންވެފައި ތިބި މިންވަރު އެނގޭތީ. ކުޑަ ޕާޓީއެއް ބާއްވަން ނިންމީ އެހެންވެ. އެމީހުންނަށް އަހަރެމެންގެ ޓީމުން ކޭކެއް ހަދިޔާކުރިން. އެކަމަކު ޕާޓީ ދިގުނުދެންމުނީ އެއީ ރައްކާތެރި ކަމަކަށް ނުވާތީ،" ނަރުހަކު ބުނެފައި ވެއެވެ.

މި ހޮސްޕިޓަލްގެ ފަރާތުން ވަނީ ސޭންޑްރާ އާއި ގިއާންކަރލޯގެ މި އުފާވެރި ވަގުތުކޮޅު ފެންނަ ފޮޓޯތައް ނަގައި، އާއިލާއަށް ފޮނުވާފައެވެ. އެ ހޮސްޕިޓަލްގެ އައިސީޔޫގެ ވެރިޔާ ބުނެފައިވަނީ، އައިސީޔޫއަށް ގެންނަ ކޮންމެ ބަޔަކަށްވެސް އޭނާ ފަރުވާދޭން ބޭނުންވަނީ އެއީ އާއިލާގެ މެމްބަރުން ކަމަށް ދެކިގެން ކަމަށާއި، މި ޕާޓީއަކީވެސް އެގޮތުން ބޭއްވި ޕާޓީއެއް ކަމަށެވެ. އަދި އެކަމާއި ސޭންޑްރާ އާއި ގިއާންކަރލޯގެ އާއިލާއިން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް އޭނާ ބުންޏެވެ.

ނުރައްކާތެރި ކޮވިޑް-19 އަށް އަދި އެއްވެސް ފަރުވާއެއް ހޯދިފައި ނުވާއިރު، ދެވޭ ހަމައެކަނި ފަރުވާއަކީ ބަލި މީހާ އިތުރަށް ހާލުދެރަނުވާނެހެން ފަރުވާ ކުރުމެވެ. މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށެވެ. ސޭންޑްރާ އާއި ގިއާންކަރލޯ ނިސްބަތްވާ އިޓަލީން އެކަނިވެސް މި ބަލީގައި 20000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.