އެންޖެލީން ސައިމޮންސްއަކީ އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަށް ދުވަހު ވެންޓިލޭޓަރުގައި ބަލަހައްޓަން ޖެހުނު ބަލި މީހެކެވެ. ޑޮކްޓަރުން ސިފަ ކުރި ގޮތުގައި ކޮވިޑް-19 އިން އެމީހާ ރަނގަޅުވުމަކީ އަޖައިބެއް ކަހަލަ ކަމެކެވެ. އެކަމާ ޑޮކްޓަރުން ވެސް ތިބީ ހައިރާންވެފައެވެ.

އެންޖެލީން ގިނަ ދުވަހު ވެންޓިލޭޓަރުގައި އޮތުމުން އަދިވެސް އޭނާގެ އަޑު އެއްކޮށް ރަނގަޅެއް ނޫނެވެ.

އެންޖެލީން މި ބަލިން ސަލާމަތްވާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައެއް ވެސް ނުވެއެވެ.

ނަމަވެސް އޭނާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ދުވަހު ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހުން ސަފަކަށް އެތުރިގެން ތިބީ އޭނާ އަށް އަލްވަދާއު ކިއާށެވެ.

"އަހަރެން ކޮޓަރިން ނުކުތް އިރު އެންމެން ތިބީ ސަފު ހަދާލައިގެން ނުކުމެ. ވަރަސް އުފާވި ހޯލްގައި ލައިން ހަދައިގެން ތިބިތަން ފެނުނީމަ،" އެންޖެލީން ކިޔައިދިނެވެ.

އެމީހާ ކިޔައި ދިން ގޮތުގައި 56 އަހަރުގައި އޭނާ ކުރަން ޖެހުނު މި ދަތުރަކީ ގޮތް ނޭނގޭ ބިރުވެރި ދަތުރެކެވެ. އޭނާ އަށް ވަރުބަލިކަމުގެ ސަބަބުން ހިނގުމުގައި ދަތިތައް ހުރުމާ އެކު، ގެއަށް ފޮނުވާލަން ކާރަށް ގެންދިޔައީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ހޮސްޕިޓަލްގެ ސްޓާފުންނަށް އަލްވަދާއު ކިޔަންވީ ވަގުތު އެންޖެލީން އަށް ރޮވުނެވެ. އެންޖެލީން އޭނާގެ ދަރިންނާއި އަނބުރާ ބައްދަލުވި ވަގުތު ޑޮކްޓަރުން ދިޔައީ އަތްތިލަ ބަޑި ޖަހާ އޭނާ އަށް ހިތްވަރުދެމުންނެވެ.

އޭނާ ބުނާ ގޮތުން ކޮވިޑްް-19 ގެ އަލާމާތްތައް ހުރިކަން ފާހަގަވީ އޭނާ ދަންވަރު ޑިއުޓީ އަދާކުރި ދުވަހެއްގައެވެ. އެންޖެލީން އަކީ ލެބް އެސިސްޓެންޓެކެވެ. އޭނާގެ ކިބައިން ފެނުނު އަލާމާތަކީ މެއަށް ތަދުވުން އެކަންޏެވެ.

އެންޖެލީން ބުނާ ގޮތުން އޭނާ އަށް ހެދުނު ގޯހަކީ މި ބަލި ލުއިކޮށް ނެގުމެވެ. އަދި އޭނާގެ އިލްތިމާސް އަކީ މި ބަލީގެ ސީރިއަސްކަން ވިސްނައި ކަމާބެހޭ ފަރާތްތަކުގެ ފިޔަވަޅުތަކަށް ބޯލަނބާ ކިޔަމަންވުމެވެ.

ކިޔުންތެރިންގެ ހިޔާލު