ކޮންޕިއުޓަރ މައުސްއަށް ޒަމާނާއެކު ބޮޑެތި ބަދަލުތަކެއްވަނީ އައިސްފައެވެ. ބޯލް ޕޮއިންޓް މައުސްއިން ލޭޒަރ މައުސްއަށް ބަދަލުވި ޒަމާން ހަދާނުގައި އެބަހުއްޓެވެ. ގޭމިން މައުސްއާއި އެކި ބޭނުންތަކަށް ޚާއްސަ މައުސްތަށްވެސް ފަހަކަށްއައިސް ފެނިގެންދިޔައެވެ. އެހެންނަމަވެސް މިފަހަރު މިއޮތީ މުޅިން ތަފާތުކޮށްލާފައެވެ.

ޔޫޓިއުބް ނުވަތަ އެނޫންވެސް އެފަދަ ޕުލެޓްފޯމްއެއް މެދުވެރިކޮށް ވީޑިއޯ ބަލަމުން ކަންކަން ދަސްކުރާ މީހުން މިދިވެހި މުޖުތަމަޢުގައިވެސް މަދެއް ނުވާނެއެވެ. މިފަދަ ހާލަތެއްގައި އަތުން އެދަސްކުރާ އެއްޗެއް، މިސާލަކަށް ޕިޔާނޯ ކުޅެމުން، ވީޑިއޯ ކޮންޓްރޯލް ކުރުމަކީ އުދަގޫ ކަމެކެވެ. ފައިން ކޮންޓްރޯލް ކުރެވޭ މައުސްގެ ޚިޔާލުއައީ މިހާހިސާބުންނެވެ.

ސުމޭޝް މައުސްގެ ނަމުން ނަން ދެވިފައިވާ މިމައުސް މިހާރު މާރކެޓަށް ނެރެފިއެވެ. ގިނަ ބައެއްގެ ސަމާލުކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި މިމައުސްއަށް ލިބުނުއިރު، އާދައިގެ މައުސްއަކުން ކުރެވޭ ހުރިހާ ކަމެއް މިމައުސްއިން ކުރެވޭނެ ކަމަށް މިމައުސް އުފެއްދި ފަރާތުން މައުލޫމާތުދެއެވެ. މީގެ އިތުރުން ވީޑިއޯ ރިވައިންޑް އަދި ސުޓޮޕް ކުރެވުމަށް ޚާއްސަ ބަޓަންއެއް މިމައުސްގައިވެއެވެ.

ދުނިޔޭގެ މާކެޓްގައި ހަލުވިކަމާއެކު މިޑިވައިސް ވިކެމުންދާއިރު މިޑިވައިސް އައިފޯންތަކާށާއި ހުރިހާ އޮޕަރޭޓިން ސިސްޓަމްއެއްގެ ލެޕްޓޮޕްގައި ބޭނުން ކުރެވެއެވެ. އަދި މިމައުސް ވައިފައި، ބުލޫޓޫތް އަދި ޔޫއެސްބީ ވާގަނޑެއް މެދުވެރިކޮށްވެސް ކަނެކްޓްކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު