މި ފަހަކަށް އައިސް، ބޮލީވުޑްގައި ފައިތިލަ ސާބިތުކުރަމުން އަންނަ ކުޅަދާނަ އެކްޓަރު ޝްރައްދާ ކަޕޫރް، ކައިވެނި ކުރާނީ އޭނާގެ އަމިއްލަ އިޚްތިޔާރުގެ ފިރިހެނަކާއި ކަމަށް އޭނާގެ ބައްޕަ އެކްޓަރު ޝަކްތީ ކަޕޫރް ބުނެފިއެވެ.

ޝަކްތީގެ ފިލްމު "ދަ ޖާނީ އޮފް ކަރްމާ" ގެ ޓީޒާ އާންމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އޭނާ ވަނީ، ކައިވެނީގެ ކަންތައްތަކުގައި އަމިއްލަ އިޚްތިޔާރު ޝްރައްދާއަށް ދީފައިވާ ކަމަށް ބުނެފައެވެ.

"އެއްވެސް މަންމައަކާއި ބައްޕައެއް ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިއަކަށް ދެރަ ގޮތެއް ވާކަށް. އެހެންވެ އަބަދުވެސް ދަރިންނަށް ރަނގަޅު ގޮތް މައިންބަފައިން ކަނޑައަޅާ ނިންމަނީ. އޭގެތެރެއިންވެސް ކައިވެނީގެ ކަންތައްތައްވެސް ނިންމަނީ މައިންބަފައިން ދަރިންނަށް ރަނގަޅު ގޮތް އެދޭ ހާލުގަ. އެކަމަކު އަހަރެން ޤަބޫލު ކުރަނީ އެއީ މާ ކުރީގެ ގޮތެއް ކަމަށް. ދަރިންނަށް ހަޔާތުގެ ބައިވެރިއެއް ހޮވުމުގެ އަމިއްލަ އިޚްތިޔާރު ދޭން ޖެހޭނެ" ޝަކްތީ ބުނެފައިވެއެވެ.

ޝްރައްދާ މިވަގުތު އުޅެމުންދަނީ އޭނާގެ ކެރިއަރުގެ މަސައްކަތްތަކުގައި ވަރަށް އަވިދިނެތި ކަމަށާއި ޝްރައްދާ އިސްވެ އޭނާގެ ކައިވެނީގެ ވާހަކަ ދެއްކުމުން އެއްވެސް ކަމަކާ ދެކޮޅު ނުހަދާނެ ކަމަށްވެސް ޝަކްތީ ވަނީ ބުނެފައެވެ.

"އަހަރެން ވަރަށް އުފާވޭ ޝްރައްދާ ތަފާތު ރޯލުތަކުގެ ފިލްމުތައް ކުޅޭތީ. ކޮންމެ ފިލްމެއްގަ ވަކި ތަފާތު ރޯލަކަށް ތައްޔާރު ވާން ޖެހޭތީ ޝޫޓިންގެ ތެރެއިން އެ ލިބޭ ޓްރެއިން ތަކަކީ ޝްރައްދާގެ ކުރިމަގަށް ލިބިގެން ދާނެ ވަރަށް ބޮޑު ތަޖުރިބާ ތަކަކަށް ވާނެ" ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވާ ޝަކްތީ ބުނެފައިވެއެވެ.

ޝްރައްދާގެ އުމުރުން މިހާރު 31 އަހަރުވެފައިވާއިރު، އޭނާ ފިލްމީ ދާއިރާއަށް ނިކުމެފައިވަނީ 2010 ވަނަ އަހަރުގައެވެ.