ކޮވިޑް-19 ރާއްޖެ އިން ފެނުނުތާ 39 ދުވަސް ފަހުން މިއަދު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސި (ޕޮޒިޓިވް) ވުމުން ރާއްޖޭގެ ހާލަތު މިވަނީ ބަދަލު ވެފައެވެ. ރާއްޖޭގެ ހާލަތު މިއަދު ބަދަލުވެފައިވާ އެއް ސަބަބަކީ ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރުކޮށްފައި ނެތް، އަދި ބަލި ޖެހިފައި ހުރި މީހަކާއި ބައްދަލުވެފައި ހުރިކަން ވެސް ނޭނގޭ މީހަކަށް ކޮވިޑް-19 ޖެހުމުންނެވެ. މިހާލަތައް މިކިޔަނީ ލޯކަލް ޓްރާންސްމިޝަންއެވެ.

ކޮވިޑް-19 ޖެހިފައި ހުރި މީހަކު މާލެ އިން ފެނުމުން މިހާރު މާލޭގެ އެލާޓް ލެވަލް ވަނީ ރަތައް ޖައްސާފައެވެ. ރަތް އެލާޓް ނެރެނީ އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނެތް މީހުންގެ މެދުގައި ބަލި ފެތުރެން ފެށުމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ، މާލެއިން ފައްސިވި މީހާއަށް އެ ބަލި ޖެހުނު ގޮތެއް އަދި ނޭނގޭ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ހޯދިފައިވާ މައުލޫމާތުތަކަށްބަލާއިރު، އެ މީހާއަށް ބަލިޖެހިފައިވުމުގެ ފުރުސަތު ބޮޑި، އެ ބައްޔަށް ޕޮޒިޓިވްވެ، އެކަމަކު ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހެއްގެ ފަރާތުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މިއަދު މާލެ އިން ކޮވިޑް-19 އަށް ފައްސިވި ދިވެއްސަކީ ލޯކަލް ޓްރާންސްމިޝަންއެއްކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.

"އެކަން ކަށަވަރުވުމުން ރެޑް އެލާޓް ނެރުނީ." މަބްރޫކް އަޒީޒް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކޮވިޑް-19 މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން ކުރެވޭނެ ކަމަކީ އާއްމުން ބޭރަށް ނިކުމެ އުޅުން ހުއްޓާލުމެވެ. އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރެވޭ މަންޒަރު ފެންނަން ފަށާފައި ވަނީ އާއްމުން ބޭރަށް ނިކުތުން ހުއްޓާލުމުންނެވެ.

އާއްމުން ބޭރަށް ނިކުތުން ހުއްޓާލުމުން ބަލީގެ އަލާމާތެއް ނެތި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރުން ހުއްޓުމަކަށް ގެނެވެއެވެ.

ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނިކުތް ނަމަވެސް ގެއަށް އާދެވުމާއި އެކު އެންމެ އިސްކަމެއް ދީގެން އަތް ދޮވެ، ސާފުތާހިރު ވާން ޖެހެއެވެ. އެއީ ބޭރުން ވައިރަސްގެ އަސަރެއް ކޮށްފައި ހުރިނަމަ އެކަމުން ސަލާމަތްވުމަށްޓަކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞުު

    ޥަގުތު 1 ވަނަ

    19
    2
  2. މީޒްލީ

    ބޮޑުކަމެއް، ސީރިއަސް ކަމެއް، ސީރިއަސް ވަގުތުގައި، ސީރިއަސް ކަމެއްގެ ގޮތުގައި ނުނެގުން! އަދި އެޗްފީއޭ ގެ މަސައްކަތުގެ ތެރެއަށް ވަންނަން ނުޖެހޭ މިނިސްޓްރީ ތަކުންނާއި ސިޔާސީ މީހުން ވަދެ ގޮތް ކިޔުމާއި، ފާޑު ފާޑުގެ ޓްވީޓްކޮށް، އަދި ނުވިތާކަށް ޤައުމުގައި ކާފިއުވެސް ހިންގިޔަ ނުދީ، ހެލްތް ސެކްޓާ ގައި ތިބިބޭފުން ކަޑި ބެހެއްޓުމަށް މަޖްބޫރު ވާގޮތަށް ކަންކަން ކުރަމުން ގޮސް އެންމެ ފަހުން އަންނަ ހަފްތާގައި ސަރުކާރު އޮފީސްތަށް ވެސް ހުޅުވަން މަސައްކަތް ކުރަމުން ދިޔައީ، މީކުޅޭ ކުޅިވަރަކަށް ދެކިގެން، މިހާހު ދެން ކޮން މޮޅު ޓްވީޓް ތަކެއް ކުރާކަށް، ދެން ވެސް ޓްވީޓް ނުކޮށް ބޭރަށް ނުގޮސް ގޭގައި މަޑުކޮއްލަބަ!

    40
    1
  3. ބީރުމީހާ

    ފުރަތަމަ މީހާ ކޮބާހޭ ދެވަނަ މީހާ ފެނުނީ ފުރަތަމަ މީހާގެ ސަބަބުން 3 ފެނުނުއިރު 1 ވަނަ މީހާ ނުފެނޭ