އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދަނިކޮށް މަރުވި ނަރުހަކު ވިހެއި ދަރިފުޅު ސަލާމަތްވެއްޖެއެވެ.

އެގައުމުގެ ލުޓޮން އެންޑް ޑަންސްޓޭބަލް ޔުނިވާސިޓީ ހޮސްޕިޓަލުގެ މަސައްކަތް ކުރަމުން އައި އުމުރުން 28 އަހަރުގެ މަރީ އަގީވާ އަގްޔާޕޮންގް މަރުވެފައިވަނީ ކޮވިޑް-19 ޖެހިގެން ކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް އޭނާ ވިހެއި ދަރިފުޅަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އަދި ސާފުވެފައެއް ނުވެއެވެ.

މަރީގެ ދަރިފުޅު ސަލާމަތް ކުރުމަށް އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ޑޮކްޓަރުން ވަނީ އެމެޖެންސީ ސިޒޭރިއަން އެއް ހަދާފައެވެ. ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އޭނާ އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށާއި އޭގެ ދެ ދުވަސް ފަހުން އޭނާ މަސައްކަތް ކުރަމުން އައި ހޮސްޕިޓަލުގައި އިތުރު ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އޭނާ މަރުވެފައިވަނީ އޭގެ ފަސް ދުވަސް ފަހުން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ބެޑްފޯޑްޝިއާ ހޮސްޕިޓަލްސް އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓްގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ކާޓާ ބުނެފައިވަނީ މަރީ އަކީ ގިނަ ބައެއްގެ ލޯވި ހޯދާފައިވާ މަސައްކަތުގައި ކުޅާދާނަ ނަރުހެއް ކަމަށެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 98،476 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އެގައުމުން މި ބަލި ޖެހިގެން 12،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.