ކޮވިޑް 19 އާއި ގުޅިގެން އަވަށްޓެރި އިންޑިއާގައި ވެސް ވަނީ މި ސަރަހައްދުގެ ގިނަ ޤައުމުތަކާއި އެއްގޮތަށް ފުރަބަންދު އިއުލާންކޮށްފައެވެ.

އެހެންނަމަވެސް ހަރުކަށި ފިޔަވަޅުތަކާއި އެކުވެސް އިންޑިއާގައި ފުރަބަންދު ތަންފީޒްކުރުން ވަނީ އުނދަނގޫ ކަމަކަށެވެ. މީހުން ފުރަބަންދުގެ އުސޫލުތަކަށް ތަބާނުވެ މަގުމަތީގައި އުޅޭ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް މީސްމީޑިއާގައިވެސް ދަނީ ހާމަވަމުންނެވެ.

އަދި އުސޫލްތަކަށް ތަބާ ނުވުމުގެ ސަބަބުން އިންޑިއާގައި ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތަށް އެތައް ދަތިތަކަކާއި ދިމާވާކަން ކަމާއި ބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ބޮލީވުޑްގެ ބަތަލް ސަލްމާން ޚާން ކައިރިއަށް އާއްމުންގެ މި އަމަލުތައް ހުރިގޮތުން ވަނީ ވަރަށް ރުޅި އައިސްފައެވެ.

އެކްޓް ކުރުމުގެ އިތުރުން މުޖުތަމައުގައި އެކި ކަންކަމާއި މެދު ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަބަދުވެސް ކުރަމުންދާ ސަލްމާން ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި 10 މިނިޓްގެ ވީޑިއޯ މެސެޖެއް ހިއްސާކޮށްފައެވެ. އެ މެސެޖްގައި ފުރަބަންދަށް ތަބާ ނުވާ މީހުންނާއި މެދު ވަރަށް ނުރުހުން ވެގެން އޭނާ ވަނީ ވާހަކަދައްކާފައެވެ.

އަދި މި ދަނޑިވަޅުގައި ވެސް ކަމާއި ބެހޭ ފަރާތްތަކުގެ ފިޔަވަޅުތަކަށް ތަބާ ނުވެ ގޭގައި މަޑު ނުކުރާ ފަރާތްތަަށް ސަލްމާންގެ ފާޑުކިޔުމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

ފުރަތަމަ ފެށި އިރު ތަންކޮޅެއް މަޑު މައިތިރިކޮށް މެސެޖް ފެށި ނަމަވެސް ވާހަކަ ކުރިއަށް ދާ ވަރަކަށް އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. އޭނާ އެ ވީޑިއޯ ފެށީ ކަލާސް އިން ގެންނަ މަގްބޫލް ރިއަލިޓީ ޝޯ ބިގް ބޮސް އާއި އެއް މޭރުމަކުންނެވެ.

https://www.instagram.com/tv/B_Arunbl6nW/?utm_source=ig_embed

ސަލްމާން ވަނީ މީހުންނަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެ ގައުމު ފުރަބަންދުކުރަން ނިންމި ސަބަބު ތަންކޮޅެއް ހަރުކަށިކޮށް ބުނެދޭން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި އެ ފަދަ މީހުންގެ ސަބަބުން އެތައް ބައެއް ބަލީގެ ނުރައްކަލަށް ހުށަހެޅޭތީ އެކަމާއި މެދު އޭނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޗައިނާގައި ވެސް ކޮވިޑް19އިން ސަލާމަތް ވެވުނީ ސަރުކާރުން އެޅި ފިޔަވަޅުތަކަށް އާއްމުން ބޯލެނބި ގޮތް ފުރިހަމަ ވުމުންކަން އޭނާ ފާހަގަކުރިއެވެ.

ސަލްމާން ވަނީ ފުލުހުންވެސް މިހާރަށް ވުރެ ހަރުކަށިވުމަށް ގޮވާލާފައެވެ. އަދި ބޭރަށް ނުކުންނަ މީހުންގެ ގައިގައި ފުލުހުން ތަޅާތީ އެކަމަށް ފާޑު ކިޔާ ކިޔުމަށް ރައްދުދީ ސަލްމާން ބުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެން ވެސް ފުރަބަންދު ތަންފީޒުކުރަން ޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ.

އިންޑިއާގައި ކޮވިޑް 19 ފެތުރެމުންދާ ގޮތް ހަލުވި އިރު، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިޖްތިމާއީ ގައިދުރުވުމަށް ދޭ ސަމާލުކަން ކުޑަވުމުން ބަލި ފެތުރޭ މިންވަރު ހަލުވިވުމެވެ.