ގިނަ ބައެއްގެ މެދުގައި މަގުބޫލްކަން ހޯދާފައިވާ ޓީވީ ސީރީސް "ބްލްކް ލިސްޓް" ގައި އެލިޒަބަތު ކީންގެ ކާފަގެ ރޯލް އަދާކުރި ބްރިއަން ޑެނީ މަރުވެއްޖެއެވެ.

ހަފަހަރެއްގެ މަތިން އެމީ އެވޯޑަށް ނޮމިނޭޓްވި ޑެނީ މަރުވީ އުމުރުން 81 އަހަރުގައެވެ. ޑެނީގެ ދަރިފުޅު ކުރި ޓްވީޓެއްގައި ބުނީ ޑެނީ މަރުވީ ގުދުރަތީ މަރަކުން ކަމަށާއި، ޑޭނީގެ މަރާއި ކޮވިޑް-19 އާއި ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

ގިނަ އަދަދެއްގެ ފިލްމުތަކާއި ސީރީސްތައް ކުޅެފައިވާ ޑެނީ އެންމެފަހުން ފެނުނީ ވެސް އެންބީސީގެ ޑްރާމާ ސީރީސް ބްލެކް ލިސްޓުންނެވެ. އެ ސީރީސްގައި ވެސް ޑެނީ ވަނީ މީގެ ކުރިން މަރުވެފައެވެ. ނަމަވެސް މިއަދު ސީރީސްގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނީ ސީޒަން-07 ގައި ގެނެސްދޭ އެންމެ ފަހު އެޕިސޯޑް ކަމަށްވާ އެޕިސޯޑް-22 ގައި ޑެނީއަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން އޭނާގެ މަންޒަރުތަކެއް ހިމަނާނެ ކަމަށެވެ.

ޑެނީ މަރުވުމުން ބްލެކްލިސްޓްގެ ގިނަ ތަރިންނާއި، ހޮލީވުޑްގެ ގިނަ ތަރިން ގެންދަނީ ހިތާމަފާޅުކޮށް އޭނާ އަށް ހެޔޮ ދުއާ ކުރަމުންނެވެ.

ބްލެކްލިސްޓްގައި ޑެނީ ފުރަތަމަ ފެނުނީ ސީޒަން-03 އިންނެވެ. ޑޮމިނިކް ވިލްކިންސަންގެ ރޯލުން އޭނާ ފެނިގެން ދިޔައިރު އޭނާ އަދާކޮށްފައި ވަނީ ރަޝިއާގެ ޖާސޫސެއް ކަމަށްވާ ކެޓްރީނާ ރަސްޓޯވާގެ ބައްޕަގެ ރޯލެވެ. އެއީ އެލިޒަބަތު ކީންގެ ކާފައެވެ. ބްލެކްލިސްޓްގައި ކިޔައިދީފައިވާ ގޮތުން ޑޮމިނިކް އަކީ ވެސް ކޭޖީބީގެ ޖާސޫސެކެވެ.