މިއީ ވަރަށް ގިނައިން ކުރެވޭ ޒުވާބެކެވެ. ކުރީގެ ލޯބިވެރިޔާއަށް ތިމާގެ ހިތުގައި ކުރީގެ އޮތް ޖާގަ ފޮހެލާ އެންމެ ގާތް އެކުވެރިޔާގެ މަޤާމް ދެވިދާނެ ކަމަށް ކުރެވޭ ސުވާލާއި އޭގެ ޖަވާބުގައި ކުރެވޭ ބަހުސް އަށް ނިމުމެއް ނެތެވެ.

މިސުވާލުގެ ޖަވާބަށް ގޮތެއް ނިންމުމުގެ ކުރިން ބައެއް ފަރާތްތަކުގެ ކުރެން މިކަމާ ބެހޭގޮތުން ދެކޭގޮތް ބަލާލަމާހިނގާށެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ކުރީގެ ލޯބިވެރިޔާވެސް ބައެއް ހާލަތްތަކުގައި އެންމެ ގާތް އެކުވެރިޔާއަށް ވެވިދާނެއެވެ.

"އިޓް ޑިޕެންޑްސް ދޯ! މިސާާލަކަށް ދެމީހުން ރަނގަޅަށް ވާހަކަ ދައްކާއިގެން މިއުޗުއަލް އަންޑަސްޓޭންޑިންއަކުން ރުޅި ވެއްޖެނަމަ ފަހަރުގައި އެދެމީހުންނަނަށް ހަމަ ގާތް އެކުވެރިންނަށްވެސް ވެވިދާނެ. ދެން ނޭނގެ، މިކަހަލަ އެކްޕީރިއަންސްއެއް ކުރެވިފައެއް ނެތް. ރުޅި ވުމަށްފަހު އެކްސް އަކާ ވާހަކަ ނުދައްކަން." ކުރީގެ ލޯބިވެރިޔާ ތިމާގެ އެންމެ ގާތް އެކުވެރިޔާއަށް ވެވިދާނެތޯ ކުރި ސުވާލުގެ ޖަވާބުގައި 20 އަހަރުގެ އަންހެނަކު ބުންޏެވެ.

އެހެންނަމަވެސް ބައެއް މީހުން ޤަބޫލު ކުރާގޮތުގައި އެންމެ ގާތް ރަޙްމަތްތެރިއަކަށް ކުރީގެ ލޯބިވެރިޔާއަކަށް ނުވެވޭނެއެވެ. ސަބަބެއް ކަމުގައި ބައެއް މީހުން ބުނަނީ ދެމީހުންނަކީވެސް ކުރީގެ ލޯބިވެރިން ކަމުގައި ވުމުން ލޯބި އަދިވެސް ހިތުގައި ހުންނާނެކަމެކެވެ.

" ބެސްޓް ފުރެންޑޭ!!؟ ނުވެވޭނެ. ތިބުނީ ކުރީގައި އުޅުނު ގޮތް ހަދާން ނުހުންނާ އޭ؟ އެއްކޮށް އުޅެންޏާ ކުރިން ކުރި ކަންތައްތައް ވެސް ކުރާނެ. ހަމައެކަނި ތަފާތުވާނީ ކަން ކުރާއިރު އަނެކާގެ ހައިސިއްޔަތު. ކުރިން ލޯބިވެރިޔާ، މިހާރު ބެސްޓް ފުރެންޑް ހަމަ ގެރޭ ނުހުރެވޭނެކަން. އެޔަކަށް ނުކިޔާނެ ބެސްޓް ފުރެންޑްއެކޭ. ދެލޯބިވެރިން ބެސްޓްފުރެންޑްއޭ ބުނެފިނަމަ ހީކޮށްލާ، އެއީ މިހާރުގެ ލޯބިވެރިޔާއަށް ލަނޑުދޭ ދެމީހުންކަމަށް." އޭނާގެ ލޯބިވެރިޔާ "ބެސްޓްފުރެންޑް" އޭ ކިޔާ ކުރީގެ ލޯބިވެރިޔާާ ގެންގުޅުނު 21 އަހަރުގެ ފިރިހެނަކު ވަރަށް ރުޅިއަރާފައިހުރެ ކިޔައިދިނެވެ.

ދިވެހިންގެ ތެރޭގައި ކުރެވުނު ދިރާސާއެއް ދައްކާގޮތުން 87 އިންސައްތަ މީހުން ޤަބޫލު ކުރާ ގޮތުގައި ކުރީގެ ލޯބިވެރިޔާއަކަށް ތިމާގެ އެންމެ ގާތް އެކުވެރިއަކަށް ނުވެވޭނެއެވެ. ފިރިހެނުންގެ ތެރެއިން 93 އިންސައްތަ މީހުން ކުރީގެ ލޯބިވެރިޔާއަކަށް ތިމާގެ އެންމެ ގާތް އެކުވެރިއަކަށް ނުވެވޭނެކަމަށް ޤަބޫލު ކުރާއިރު، އަންހެނުންގެ ތެރެއިން 30 އިންސައްތަ މީހުން ޤަބޫލު ކުރަނީ ލޯބިވެރިޔާއަކަށް ތިމާގެ އެންމެ ގާތް އެކުވެރިއަކަށް ވެވޭނެކަމަށެވެ.

އެކިމީހުންގެ ތަފާތު މިކަމުގައި ތަފާތު ކަމުގައި ވީނަމަވެސް ތިމާގެ ކުރީގެ ލޯބިވެރިޔާއަށް ތިމާގެ އެންމެ ގާތް އެކުވެރިޔާއަށް ވެވިދާާނެތޯ ކުރާ ސުވާލަށް ޖަވާބު ދޭން އެނގޭނީ ޚުދު ތިމާއަށެވެ.