ސިކުނޑީގެ ޑިޖެނެރެޓިވް ސިއްހީ މައްސަލައެއް ހުރި އުމުރުން 1 އަހަރާއި 11 މަހުގެ އަލްފީ އެވަންސް އަށް ފަރުވާދިނުން ހޮސްޕިޓަލުން ހުއްޓާލިތާ އެއް ހަފްތާ ތެރޭގައި މަރުވެއްޖެއެވެ.

އަލްފީ އިވަންސްއަށް އިތުރު ފަރުވާދިނުމަށް ޑޮކްޓަރުން ދެކޮޅު ހަދާފައިވަނީ އެ ކުއްޖާގެ ސިއްހީ މައްސަލައިގެ ޒާތުގެ ގޮތުން އިތުރު ފަރުވާ ދިނުމަކީ ބޭކާރު އަދި އަނިޔާވެރިކަމެއްކަމަށް ބުނުމަށްފަހުއެވެ. އެހެންނަމަވެސް އަލްފީގެ މައިންބަފައިން ވަނީ އަލްފީ އިތުރު ފަރުވާ ހޯދުމަށް އިޓަލީވިލާތުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދިނުމަށްވެސް އެދިފައެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިގެންދިޔައިރު ކޯޓުން ވަނީ އެ މައްސަލައިގައި ހޮސްޕިޓަލާއި އެއްކޮޅަށް ހުކުމްކޮށްފައެވެ.

އަލްފީގެ ލައިފް ސަޕޯޓް މިދިޔަ ހޯމަ ދުވަހު ވަކިކުރެވިގެންދިޔައިރު އެތައް ބަޔަކު ވަނީ އަލްފީއަށް އިތުރު ފަރުވާ ހޯދައިދިނުމަށް އޭނާގެ މައިންބަފައިން ކުރަމުން އައި މަސައްކަތަށް ހުއްދަދިނުމަށް އެދި ގޮވާލައިފައެވެ.

އަލްފީގެ މަރާއިއެކު އެތައް ބަޔަކު ހިތާމަފާޅުކުރުމުގެ މެސެޖު ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާއިރު އަލްފީ އޮތް ހޮސްޕިޓަލްއިންވެސް ވަނީ ހިތާމައާއި ހަމްދަރުދީ ފާޅުކޮށް މެސެޖެއް އާންމުކޮށްފައެވެ.

އަލްފީ އުފަންވެފައިވަނީ 2016 ވަނަ އަހަރުގެ މޭ މަހުގައެވެ. އޭނާ އެންމެ ފުރަތަމަ ހޮސްޕިޓަލަށް ގެންދެވިފައިވަނީ ސީޒާރސްތަކެއްގެ ސަބަބުން އެ އަހަރުގެ ޑިސެމްބަރ މަހު ހާލުދެރަވުމުންނެވެ. އެހާ ހިސާބުން އަލްފީ ނިޔާވިއިރުވެސް އޭނާ އޮތީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުގެ ސްކޭންތަކުން ވަނީ އަލްފީގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް ދައްކުވައިދީ އިތުރު ފަރުވާ ދިނުމުންވެސް މައްސަލަ ވަކި ރަނގަޅުނުވާނޭކަން ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އ

    މާތްﷲ ހަޒުރަތަށް ގެންދެވުން ކަނޑައަޅުއްވަވާފަވާ ކަމުގާ ވަންޏާ ވަގުތު ޖެހުމުން ގެންދަވާނެ