ކޮވިޑް-19 އާއި ގުޅިގެން މީޑީއާތަކުން އިނގިރޭސިވިލާތުގެ ހާލަތު ސިފަކުރާހައި ސީރިއަސް ހާލަތަށް އެޤައުމު ނުދާކަމަށް ޕްރިންސް ހެރީ ވިދާޅުވެއްޖެ އެވެ.

ޕްރިންސް ހެރީ މިގޮތަށް ވިދާޅުވެފައި ވަނީ އޭނާ މިހާރު އެމެރިކާގެ ލޮސް އެންޖެލްސް އަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޤައުމުގެ ހާލަތު ބަޔާންކޮށް ނޫސްތަކަށް މަޢުލޫމާތު ދެމުންނެވެ.

ޕްރިންސް ހެރީ ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އިނގިރޭސިވިލާތަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވަމުން ދިޔަނަމަވެސް، ނޫސްތަކުން ސިފަކުރާ ވަރަށްވުރެ، ޤައުމުގެ ހާލަތު ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި އެޤައުމުގެ ރައްޔިތުންނާއި ޚިދުމަތްދޭ އިދާރާތަކާއި މެދު ފަޚުރުވެރިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ހެރީ އަށް ފާޑުކިޔުން އަމާޒުކުރަމުން ދާއިރު، އިނގިރޭސިވިލާތުގެ މަޝްހޫރު ޑޮކްޓަރަކު ވަނީ ޕްރިންސްގެ ވާހަކަތައް ކުށްވެރިކޮށްފައެވެ. އަދި އޭނާ އެވާހަކަތައް ދައްކާފައި ވަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލުކޮށް، ޤައުމަށް މި ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅުގައި އެހީވުމުގެ ބަދަލުގައި ޕްރިންސް ހެރީ ހަޤީޤަތް ފޮރުވަން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު، ވައިރަސްގެ އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 އާއި ބެހޭ މައުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް އެޤައުމުން 114217 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން މަރުވި މީހުންގެ އަދަދު 15464 އަށް އަރާފައި ވާއިރު، އެޤައުމުގައި ބަލިން ރަނގަޅުވީ ނިސްބަތުން މަދު އަދަދެއްގެ ބައެކެވެ. އިނގިރޭސިވިލާތަކީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި، މި ބަލީގައި ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ހާލަތު ސީރިއަސް ނޫން ކަމަށް ޕްރިންސް ހެރީ ވިދާޅުވެފައިވާއިރު، އެޤައުމުން ބައްޔަށް ފައްސިވީ މީހުންގެ ތެރޭގައި ހެރީގެ ބައްޕާފުޅު، ޕްރިންސް ޗާލްސްވެސް ހިމެނެއެވެ. ބައްޔާއި ގުޅިގެން ޗާލްސް އަށް ޝާހީ ގަނޑުވަރުގައި ފަރުވާދެމުންދާއިރު، އަދި އޭނާގެ ހާލަތު މީޑިއާތަކުގައި ހާމަކޮށްފައެއް ނުވެއެވެ. ޕްރިންސް ޗާލްސްގެ އިތުރުން އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން އަށް ވެސް ކޮވިޑް-19 ޖެހިފައި ވެއެވެ. ބޮރިސް އަށް އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްފައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާޔާ

    ޕްރިންސް ހެރީ ހަމަ ބެސްޓް.
    ހާދަރީއްޗޭ.

    7
    3
  2. އުއަހުމަދު އަބީރު

    ހެހެހެ.ބަލަ.ހެރީ އެތަނަށް ދަތުރެއް ކުރަނީކީ އެއް ނޫނެވެ.އޭނަ އޭނަގެ އަނބި މީހާއައި ދަރި ފުޅު ގޮވައިގެން އިގިރޭސި ގަނޑުވަރު ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރީއެވެ.

    8
    1