ދުނިޔޭގައި އުޅޭ އިރު އެންމެ މުސީބާތެއް ކުރިމަތިވުމަކީ ދާއިމަށް ދިރިއުޅުން ބަދަލުކޮށްލާކަމެކެވެ.

ހަނގުރާމަތަކާއި ކާރިސާތައް ދިމާވާ މީހުންނާއި، ސިއްހީ ބޮޑެތި މުސީބާތްތަކުގެ އަސަރު ކުރާ މީހުންނަކީ ދުވަހަކުވެސް އެ ތަޖުރިބާ ދެވަނަ ފަހަރަށް އެ ތަޖުރިބާ ކުރާކަށް ބޭނުމެއް ނުވެއެވެ. އެފަދަ ހާލަތުގައި ދުނޔޭގައި ދެ ބޮޑު ހަނގުރާމަ އާއި ސިއްހީ ބޮޑު ދެ ކާރިސާއާއި ކުރިމަތިލާން ޖެހުނު މީހަކަށް ކުރެވުނު އިހުސާސް ތަސައްވުރުވެސް ނުކުރެވޭނެކަން ޔަޤީނެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް 19 ޖެހުމަށް ފަހު ރަނގަޅުވި އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށްވާ އުމުރުން 106 އަހަރުގެ ކޮނީ ޓިޗެން އަކީ މީގެ ކުރިންވެސް އެތައް މުސީބާތަކާއި ހަނގުރާމަކޮށް ކާމިޔާބު ހޯދި މީހެކެވެ.

އޭނާ އަކީ އެއްވަނަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަގުރާމަ އަދި ސްޕެނިޝްފްލޫގެ ކާރިސާވެސް ފެނުނު މަދު މީހުންގެ ތެރެއިން އެކަކެވެ.

އަދި ދިރުއުޅުމުގައި ދުވަހަކުވެސް ބަޔަކު ދެކެން ބޭނުން ނުވާނެ ފަދަ ދަތިތައް ވެސް ތަަހައްމަލް ކުރި ފަރާތެކެވެ.

އޭނާ ވަނީ 1918ގެ ސްޕެނިޝް ފްލޫ ޖެހި އެ ބަލިން ރަނގަޅުވެފައެވެ. ސްޕެނިޝް ފްލޫ 500 މިލިއަން މީހުންނަށް ޖެހި 50 މިލިއަން މީހުން މަރުވި ކަމަށް ވެއެވެ.

މިދިޔަ އަންގާރަ ދުވަހު ބްރިމިންހަމް ސިޓީ ހޮސްޕިޓަލުން ކޮވިޑްް 19 އަށް ފަރުވާދިނުމަށް ފަހު ކޮނީ ދޫކޮށްލީ 3 ހަފްތާވަންދެން އޭނާ އަށް ފަރުވާދިނުމަށް ފަހުއެވެ.

ސޭލްސް އެސިސްޓެންޓެއްގެ މަޤާމް ކުރިން އަދާކުރި ކޮނީ ހޮސްޕިޓަލަށް ގެންދިޔައީ ނިއުމޯނިއާގެ ނިޝާންތަކެއް ހުރެގެންނެވެ. އެހެންނަމަވެސް އެނާ ކޮވިޑް 19 އަށް ޓެސްޓް ކުރި އިރު ފައްސިވުމުން، އޭނާ އަށް ފަރުވާދެން ފެށީއެވެ.

ކޮނީ ބުނީ ކޮވިޑް19އިން ސަލާމަތް ވުމުން އޭނާ އަކީ ނަސީބުވެރިއެއް ކަމަށް އިހުސާސްވާ ކަމަށާ ބެނުންވަނީ މާމަކުދިން ބަލާލަން ދާން ކަމަށެވެ.

1913 ގައި އުފަންވި ކޮނީ އަކީ ވަރަށް ދުޅަހެޔޮ ދިރިއުޅުމެއް ވޭތުކުރި އަންހެނެކެވެ. އޭނާ މިހާރުވެސް ކައްކާ އުޅެނީވެސް އަމިއްލައަށެވެ.