މަޝްރޫމްއަކީ އާންމުކޮށް ކެއުމުގައި ބެނުންކުރެވޭ އެއްޗެކެވެ. އެގޮތުން ޕެޕަރޯނީއަށްފަހު މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ޕިއްޒާގައި ޓޮޕިންގްއެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗަކީ މަޝްރޫމްސްއެވެ. މަޝްރޫމްއަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެއްކަން ދަންނަނީ ކިތައް ބޭފުޅުން ހެއްޔެވެ؟

މީގެ ކުރިންވެސް ސައިންސްވެރިން ވަނީ މަޝްރޫމްސްއަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެހެންނަމަވެސް އެފަރާތްތަކުން ކިޔައިދީފައިވަނީ މަޝްރޫމްއިން ހަށިގަނޑަށް ފައިދާވާ މިންވަރުގެ ކުޑަ މިންވަރެކެވެ.

މަޝްރޫމްއަކީ ސުޕަފުޑްއެއްގެ ގޮތުގައި މިހާރު ސައިންސްވެރިން ނަން ދީފައިވާ އެއްޗެކެވެ. އެގޮތުން މަޝްރޫމްއަކީ އޭގައި އެއްވެސް ކަހަލަ ކޮލެސްޓްރޯލްއެއް ގްލޫޓެންއެއް ނުހުންނަ އެއްޗަކަށްވާއިރު ފެޓްސް، ހަކުރު، ސޯޑިއަމް އަދި ކެލޮރީސްވެސް މަދު އަދަދަކަށް ނޫނީ މަޝްރޫމްގައި ނުހިމެނެއެވެ. ބޭސްވެރިކަމަށްވެސް ބޭނުންކުރެވޭ މަޝްރޫމްއަކީ ޕްރޮޓީންސް، ވިޓަމިން ބީ، ފައިބާރ އަދި މީހާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެތައް މާއްދާއެއް ހިމެނޭ އެއްޗެކެވެ.

އޭގެ އިތުރުންވެސް ސެލީނިއަމް، ވިޓަމިން ޑީ، ގްލޫޓަތިއޯން އަދި އާރގޮތިނިން ނަމަކަށްކިޔާ އެންޓި އޮކްސިޑެންޓްސްވެސް މަޝްރޫމްގައި ގިނަ އަދަދަކަށް ހިމެނެއެވެ. އެ ހުރިހާ މާއްދާތަކަކީވެސް އޮކްސިޑޭޓިވް ސްޓްރެސްގެ މިންވަރު ހަށިގަނޑުގައި ދަށްކުރުވާ އެއްޗިއްސެވެ. އޮކްސިޑޭޓިވް ސްޓްރެސްއަކީ ކެންސަރު އަދި އުމުރުން ދުވަސްވުމުން ކުރިމަތިވާ ބަލިތަކަށް އެންމެ ފަސޭހައިން މަގުފަހިކުރުވާ އެކައްޗެވެ.

މަޝްރޫމްއަކީ ގްލުޓަތިއޯން ނަމަކަށްކިޔާ އެންޓި އޮކްސިޑެންޓް އެންމެ ގިނައިން ހަށިގަނޑަށް ލިއްބައިދޭ ކާނާއެވެ. މަޝްރޫމްގެ ސަބަބުން އަލްޒެއިމާރސް އަދި ޕާކިންސަންސް ބަލިންވެސް ރައްކާތެރިކޮށްދޭކަމަށް ދިރާސާތަކުން ވަނީ ހޯދައިފައެވެ. ވުމާއިއެކު މަޝްރޫމް ކާ ހިތްނުވާ މީހަކު ދެން ފަހަރަކުން ޕިއްޒާއެއް އޯޑަރުކުރާނަމަ މި ދެންނެވި ކަންކަމަށް ވިސްނާލާށެވެ.