ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓްސް ޑިނާގައި ކޮމީޑިއަން މިޝެލް ވުލްފްގެ ބަސްތަކެއްގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާންމުކޮށް ވަރުގަދަ ޝަހްސިއްޔަތެއް ދައްކާ ސާރާހް ހަކަބީ ސެންޑާރސްއަށް ނުރޮވި ހުރީ ހަމަ ކިރިޔާއެވެ. އެ ޑިނާއަށް ވައިޓް ހައުސްގެ އެންމެ އިސް އޮފިޝަލުން ހާޒިރުވިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާޒިރުވެފައެއްނުވެއެވެ. އެ ހަފްލާގައި ވާހަކަދައްކަމުން މިޝެލް ވުލްފް ވަނީ ޓްރަމްޕްގެ އިތުރުން އޭނާގެ އެންމެ އިސް އޮފިޝަލުންނަށް ވެސް މަލާމަތް ރައްދުވާފަދަ ގޮތަކަށް ވާހަކަދައްކައިފައެވެ.

މިޝެލް ވުލްފް ވަނީ ޕްރެސް ސެކްރެޓަރީ ސޭންޑާރސްއަކީ ތެދު މައުލޫމާތު އަންދައިގެން އޭގެ އަޅިން މީހުންގެ ލޮލުގައި އަދުން އަޅުވާ މީހެއްކަމަށާއި އަދި އެއީ ލިބިފައިވާ ހާއްސަ ހުނަރެއްތޯ ނުވަތަ ދޮގެއްތޯ ސުވާލު އުފައްދައިފައެވެ. އަދި މިޝެލް ވަނީ ސެންޑާރސްގެ ނަމާއި ބެހޭގޮތުންވެސް އެތައް އިރެއް ވަންދެން ވާހަކަދައްކައި ސަމާސާކޮށްފައެވެ. އަދި ޑޮނަލްޑް ޓްރަމްޕްގެ އިސް ވަކީލު މައިކަލް ކޮހެން ބަރަހަނާ ފިލްމް ކުޅޭ ފަރާތަކަށް އެއް ލައްކަ ޑޮލަރު ދިން މައްސަލައާއި ބެހޭގޮތުންވެސް މިޝެލް ވަނީ ވާހަކަދައްކައިފައެވެ. މިޝެލްގެ ބައެއް ވާހަކަތަކުން އޯޑިއެންސްއަށް އުނދަގޫވިނަމަވެސް އެންމެ ބޮޑަށް އަސަރުކުރި އެކަކަކީ ޕްރެސް ސެކްރެޓަރީ ސޭންޑާރސްކަން ފޮޓޯތަކުން ވަނީ ހާމަވެފައެވެ.

އެމެރިކާގެ ރައީސް އާންމުކޮށް ހާޒިރުވާ އެ ހަފްލާއަށް ޓްރަމްޕް މި އަހަރު ހާޒިރުނުވިއިރު މިދިޔަ އަހަރުވެސް ޓްރަމްޕް ވަނީ ހާޒިރުނުވެފައެވެ.

ގިނަ ބަޔަކު ވަނީ ޓްރަމްޕް އެ ހަފްލާގެ ސަގާފަތެއްކަމުގައިވާ ކޮމީޑިއަނަކު ސްޓޭޖަށް އަރައި އެތަނުގެ ތިބި އެންމެންނަށް ސަމާސާކުރުމަށް ދައްކާ ވާހަކަތަކާއި ހިތްހަމަނުޖެހޭތީވެ ހާޒިރުނުވަނީކަމަށް ލަފާކޮށްފައެވެ. އެގޮތުން އޭގެ ކުރިން ޓްރަމްޕް ހާޒިރުވި ކޮރެސްޕޮންޑެންޓްސް ޑިނާރ ހަފްލާއެއްގައި ޓްރަމްޕްއާއި ސަމާސާކުރުމުން ޓްރަމްޕްގެ މޫނުމަތިން ވަނީ ހިތްހަމަނުޖެހުނުކަން ވަރަށް ރަނގަޅަށް ހާމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު