ރިހަ އަކީ އިންޑިޔާ، ޕާކިސްތާން އަދި ސްރީ ލަންކާ ފަދަ ދުނިޔޭގެ ބައެއް ގައުމުތަކުގައި އެންމެ އާންމުކޮށް ކެއުމުގައި ބޭނުންކުރެވޭ އެއް ކާ އެއްޗެވެ. އެހެންނަމަވެސް ދުވަހަކުވެސް އިންސާނުންގެ ނަޖިހުގެ ރަހައިގެ މައްޗަށް ބިނާކުރެވިގެން އުފައްދާފައިވާ ރިހައެއްގެ ވާހަކަ އަޑުއެއްސެވިންތޯ؟ ޖަޕާނުގެ ރެސްޓޯރެންޓަކުން ވަނީ އެކަންވެސް ހަގީގަތަކަށް ހަދައިފައެވެ. 2015 ވަނަ އަހަރު ހުޅުވިގެންދިޔަ ކަރީ ޝޮޕް ޝިމިޒޫ ނަމަކަށްކިޔާ އެ ރެސްޓޯރެންޓްއަކީ އިންސާނުންގެ ނަޖިހުގެ ރަހައަށް ބަލައިގެން ސީދާ އެ ރަހަ ދިނުމަށް ފަރުމާކުރެވިފައިވާ ރިހައެއް އުފައްދާފައިވާ ރެސްޓޯރެންޓެކެވެ.

އެ ރެސްޓޯރެންޓްގައި ރިހަ ގެނެވެނީވެސް ފާހަނަތަށްޓެއްގެ ބައްޓަމަށް ހުންނަ ތަށްޓެއްގައެވެ. އެ ރިހައިގައި ހިމެނޭ ތަކެތީގެ ތެރޭގައި ސްވާރޓިއާ ސައި އަދި ހިތިރަހަދޭ ކަރާގެ ބާވަތެއްވެސް ހިމެނެއެވެ. އެ ރެސްޓޯރެންޓަށް ޒިޔާރަތްކުރާނެތޯ އަހައި 400 މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ވަނީ 80 އިންސައްތަ މީހުން އެ ރެސްޓޯރެންޓަށް ނުދާނޭކަމަށް ދައްކުވައިދީފައެވެ. ދެން އުފެދޭ ސުވާލަކީ އެ ރެސްޓޯރެންޓުގެ ވެރިން އެތަން ހުޅުވީ ކީއްވެގެންބާއެވެ؟ އެ ސުވާލަށް ދޭން އޮތް ޖަވާބަކީ އެޔަށްވުރެ އާދަޔާޙިލާފް ރެސްޓޯރެންޓެއްގެ ވާހަކަ ދުވަހަކުވެސް ނީވޭނެތީއެވެ.

އަދި އެ ރެސްޓޯރެންޓުން ދޭ ކެއުމެއް ކައި ހުސްކޮށްފިނަމަ އިނާމެއްވެސް ލިބެއެވެ. އެގޮތުން އެންމެ ބޮޑު ސައިޒުގެ ރިހަ ތަށްޓެއް އެއްކޮށް ހުސްކުރާ ފަރާތަކަށް ހާއްސަ ސްޓިކާރއެއްގެ އިތުރުން އިނާމެއްވެސް ލިބިގެންދެއެވެ. އަސްލު ނަޖިސް ނުހިމެނުނަސް އެއީ ސީދާ އެ ރަހަ ދިނުމަށް ހެދިފައިވާ ރިހައެކެވެ. އެހެންވުމާއިއެކު އެއީ ކެއުމަށް މީރު އެއްޗެއް ނޫނެވެ. ރެސްޓޯރެންޓުން އިނާމު ދެނީވެސް އެ މީހެއްގެ ހިތްވަރާއި ކުޅަދާނަކަމުގެ އަގުވަޒަންކުރުމަށްކަމަށްވެސް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު