ބޮލީވުޑްގެ ފިލްމުތަކުން ފެނިގެން ދިޔަ ކުޅަދާނަ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއަކީ މިހާރު "އިންޓަނޭޝަނަލް ސްޓާރ" އެކެވެ. އެހެންވެ، ގިނަފަހަރު އޭނާ އުޅެން ޖެހެނީ ވެސް ޤައުމުން ބޭރުގައެވެ. އެހެންނަމަވެސް ފަތުރުވެރިކަމާއި ބެހޭ އިޝްތިހާރެއް ކުޅުމަށް އަނެއްކާވެސް ޕްރިޔަންކާ އިންޑިޔާ އަށް އަތުވެއްޖެއެވެ.

އައްސާމްގެ ޓޫރިޒަމް އެމްބަސަޑާގެ މަޤާމުގައި ހުރި ޕްރިޔަންކާ ކުޅުމަށް ހަމަޖެހިފައިވާ އިޝްތިހާރަކީ "#އޯސަމްއައްސާމް" ނަމުގައި ހިންގާ ފަތުރުވެރި ކަމުގެ ކެމްޕެއިނެއްގެ އިޝްތިހާރެކެވެ.

ޙަބަރުތައް ބުނާ ގޮތުގައި، ޕްރިޔަންކާ އެއާޕޯޓުން ފެނުނުއިރު އޭނާ ހުރީ އޮރެންޖެ ކުލައިގެ ޓީ-ޝާޓެއް ލައިގެންނެވެ. އަދި އޭނާ އެއާޕޯޓްގައި ސަޤާފީ ނެށުމެއްވެސް ދައްކާލި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައިވެސް ޕްރިޔަންކާ ވަނީ މި ޓޫރިޒަމް ޑިޕާޓްމެންޓުގެ ހަރަކާތެއްގެ ގޮތުން ފޮޓޯ ޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މިފަހަރުގެ މި އިޝްތިހާރުވެސް ޕްރިޔަންކާއަށް ހާއްސަވެގެން ދިޔައީ، އޭނާއަކީ މޮޅު އެކްޓަރެއްގެ އިތުރުން ޓޫރިޒަމް އެމްބަސަޑާ ކަމުގައި ވާތީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިވަގުތު ޕްރިޔަންކާ ކުރަމުން ގެންދަނީ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގެ ސީޒަން ދޭއްގެ މަސައްކަތެވެ. އަދި ވަރަށް އަވަހަށް ސަލްމާން ޚާންއާއި ކެޓްރީނާ ކައިފްއާއިއެކު ބޮލީވުޑް ފިލްމު "ބަރަޓް" އިން ވެސް ޕްރިޔަންކާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.