1970 ގެ ކުރީގެ އަހަރުތަކުގައި ބޮލީވުޑަށް ނިކުތް ކުޅަދާނަ އެކްޓަރު އަބީތާބު ބައްޗަންގެ ނަން އަދިވެސް ފަނޑުވުމެއްނެތި ބޮލީވުޑްގެ އެކްޓަރުންގެ ލިސްޓުގައި ހިމެނިފައިވާއިރު، ބުރުސޫރަ ރީތިކުރުމަށް ކުރެވެން ހުރި ކަމެއް ވިއްޔާ މިހާރުވެސް އަބީތާބު ދަނީ ކުރަމުންނެވެ. އެގޮތުން، އޭނާގެ "ޑަބަލް ޗިން" ނުވަތަ ދަތްދޮޅި ދަށުގައި އޮންނަ ހަންގަނޑު ކުޑަކުރުމަށް މަސައްކަތްކުރާ ކަމަށް ބުނެ އޭނާ ކުރި ޕޯސްޓެއް މިހާރު މިވަނީ މީސްމީޑިއާގައި އާންމުވެފައެވެ.

"ޑަބަލް ޗިން" ކުޑަ ކުރުމަށް އެހީވެދޭ ވީޑިއޯއަކާއިއެކު އަބީތާބު ކުރި ޓުވީޓުގައި އޭނާ ލިޔެފައިވަނީ އޭނާވެސް މިހާރު އެ ކަންތައް ކުރާ ކަމުގައެވެ.

 

މީގެ ކުރިންވެސް، ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވެދޭ ވީޑިއޯތައް ޝެއާ ކުރާ އަމީތާބުގެ މިފަހަރުގެ މި ޕޯސްޓު ފެނި އެނާގެ ގިނަ އަދަދެއްގެ ފޭނުން ދަނީ މިކަމަށް ކޮމެންޓު ކުރަމުންނެވެ.

އެގޮތުން އެއް ފޭނަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ، "ޑަބަލް ޗިން" އިނަސް ރީތި ކަމަށާއި ކޮންމެ ސިފައެއްގައި ހުއްޓަސް އަބަދުވެސް އަމީތާބު ދެކެ ލޯބިވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން މިކަން ޖޯކެއްގެ ގޮތުގައި ދެކެފައިވާއިރު، އެ ފަރާތްތަކުންވަނީ މަލާމާތުގެ ރާގުގައި ކޮމެންޓު ކޮށްފައި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ދާދިފަހުން އަބީތާބު ވަނީ ސެލްފީ ނެގުމަށް "ޓިޕްސް" ހިމެނޭ ވީޑިއޯއެއްވެސް ޝެއާ ކޮށްފައެވެ. މިހެންވެ، "ޑަބަލް ޗިން" ދުއްވާލަން އެ މަސައްކަތް ކުރަނީ ރީތި ސެލްފީއެއް ނަގަން ކަމަށްވެސް ވެދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

އުމުރުން 75 އަހަރުގެ އަމީތާބު ދެން އެންމެ އަވަހަށް ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނީ، ބޮލީވުޑް ފިލްމު "102 ނޮޓް އައުޓް" އިންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުގައެވެ.