ކުރިން ބެލެވުނު ވަރަށްވުރެ އަވަހަށް، ނުރައްކާތެރި ކޮވިޑް-19 ގެ ވެކްސިނެއް އުފެއްދޭނެ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާވެރިން ބުނެފައިވާ ގޮތުގައި މީގެ ކުރިން ކޮވިޑް-19 ގެ ފަރުވާއެއް ހޯދަން 18 މަސް ހޭދަވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް، އަންނަ ސެޕްޓެމްބަރު މަހާއި ހަމައަށް މި ބަލީގެ ވެކްސިން އެޤައުމުގައި އުފައްދާނެއެވެ. މިއީ ގާތްގަނޑަކަށް ވައިރަސް ފެނުނީއްސުރެ 9 މަހެވެ.

ކައިރި މުސްތަޤުބަލެއްގައި ކޮވިޑް-19 ގެ ފަރުވާއެއް ހޯދޭނެކަމުގެ ޚަބަރު އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާވެރިން ދީފައިވާއިރު، އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ، މެޓް ހެންކޮކް ވިދާޅުވެފައި ވަނީ، މި ވައިރަސް އަށް ފަރުވާއެއް ހޯދުމަށް ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް އެޤައުމުގައި ބޭނުން ކުރާނެ ކަމަށެވެ. އަދި އަމާޒަކީ ވީ އެންމެ އަވަހަކަށް މި ވައިރަސް އަށް ވެކްސިނެއް ހޯދައި މި ބަލިމަޑުކަމުން އަރައިގަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހެންކޮކް ވަނީ، އޮކްސްފޯޑުން މި ވައިރަސް އަށް ވެކްސިނެއް އުފެއްދުމަށް ފަށާފައިވާ ޕްރޮޖެކްޓަށް ވެސް 20 މިލިއަން ޔޫރޯގެ އެހީއެއް ސަރުކާރުން ވެދޭނެކަން ހާމަކޮށްފައެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ފަރުވާއެއް ހޯދުމަށް އިމްޕީރިއަލް ކޮލެޖް ލަންޑަނުން ހިންގާ ތަހުލީލުތަކަށް ވެސް 22.5 މިލިއަންގެ އެހީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ގެ ވެކްސިނެއް ކައިރި މުސްތަޤުބަލެއްގައި ހޯދިދާނެކަމުގެ އުފާވެރި ޚަބަރު ދީފައި ވާއިރު، މި ވައިރަސްއަށް އެންމެ އެކަށީގެންވާ ފަރުވާއެއް ބެލުމަށް އެމެރިކާ އާއި ޗައިނާ އަދި ޖާމަނީން ވަނީ އިންސާނުން ބޭނުންކޮށްގެން ޓެސްޓްތައް ފަށާފައިވާކަން އިއުލާނުކޮށްފައެވެ.

މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ޖުމްލަ 2.7 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން 190000 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. މި ބަލިން މިހާތަނަށް ރަނގަޅުވެފައި ވަނީ 742255 މީހެކެވެ. މިހާރު މި ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުން ދަނީ އެމެރިކާގައެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް 876156 މީހަކު ބައްޔަށް ފައްސިވެފައި ވެއެވެ.