ދުނިޔޭގެ އެންމެ ބޮޑު "ވީޑިއޯ ޝެއަރިން ޕްލެޓްފޯމް"، ޔޫޓިއުބް އަކީ މިހާރު އެތައް ބަޔަކާއި ގުޅިފައިވާ މަޤުބޫލު މަންސައެކެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ވީޑިއޯއެއް ޔޫޓިއުބް މެދުވެރިކޮށް އާންމު ކުރާއިރު، މި މަންސް މެދުވެރިކޮށް އެންމެ ފުރަތަމަ ވީޑިއޯއެއް އާންމު ކުރިތާ އިއްޔެއަށް ވަނީ 15 އަހަރު ވެފައެވެ.

އެންމެ ފުރަތަމަ މި މަންސަ މެދުވެރިކޮށް ވީޑިއޯއެއް އާންމުކޮށްފައި ވަނީ ޔޫޓިއުބުގެ ކޯ-ފައުންޑަރ، ޖާވިދް ކަރީމް އެވެ. މި ވީޑިއޯއަށް 15 އަހަރުވެފައި ވާއިރު، މިހާތަނަށް 90 މިލިއަންއަށްވުރެ ގިނަ ފަހަރު އެކިއެކި ފަރާތްތަކުން ވަނީ މި ވީޑިއޯ ބަލާފައެވެ.

"މީ އެޓް ޒޫ" ގެ ނަމުގައި ގައި އާންމުކޮށްފައިވާ 18 ސިކުންތުގެ މި ވީޑިއޯގައި ފެންނަނީ ޖާވިދު ޒުލެއްގައި ހުރެ ނަގާފައިވާ މަންޒަރެކެވެ. ވީޑިއޯ އިން އެ ޒުލުގައި ގެންގުޅުނު އެއް ތަކެއް ޖާވިދުގެ ފަހަތުން ފެންނައިރު، ޖާވިދު ވަނީ އެއްތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އަދި މި ޖަނަވާރުގެ ތަފާތުކަމާއި އޭގެ ސިފަތައް އޭނާ ވަނީ ވީޑިއޯގައި ކިޔައިދީފައެވެ.

ޔޫޓިއުބް ޗެނަލްތައް މެދުވެރިކޮށް މިހާރު އާންމު ގޮތެއްގައި މަޝްހޫރު ފަރާތްތަކުން ވީޑިއޯ ނިންމާލާގޮތާއި ޚިލާފަށް ޖާވިދުގެ މި ކުރު ވީޑިއޯ ނިންމާލަމުން އޭނާ ބުނެފައިވަނީ، "މިވަގުތު ދައްކާން ހުރި ވާހަކައަކީ އެއީ" ކަމަށެވެ. އާންމު ގޮތެއްގައި ޔޫޓިއުބުގައި މިފަދަ ވީޑިއޯ އާންމުކުރާ ފަރާތްތަކުން ވީޑިއޯ ނިންމާލަކީ، އެފަރާތެއްގެ ޗެނަލަށް "ސަބްސްކްރައިބް" ކޮށް ވީޑިއޯއަށް ލައިކް ދިނުމަށް އެދެމުންނެވެ. ނަމަވެސް އޭރު ޔޫޓިއުބަކީ މާގިނަ ބަޔަކު ދަންނަ މަންސައަކަށް ނުވާތީ ޖާވިދު އެފަދަ އެދުމެއް ވީޑިއޯގައި އެދިފައެއް ނުވެއެވެ.

"މީ އެޓް ޒޫ" ވީޑިއޯއަށް އަހަރެއް ފަހުން ކަރީމް އާއި ޔޫޓިއުބު އުފެއްދުމުގައި އޭނާ އާއި އެކު މަސައްކަތް ކުރި އޭނާގެ އެކުވެރިޔާ ވަނީ މި މަންސަ، ގޫގުލްއަށް ވިއްކާލާފައެވެ. އެދެމީހުން ޔޫޓިއުބް ވިއްކާލާފައި ވަނީ 1.65 ބިލިއަން ޑޮލަރަށް ކަމަށް ވެއެވެ. ޔޫޓިއުބު އުފެދިގެން އައިއިރު އެފަދަ އިތުރު މަންސައެއް ނެތުމުން، ގިނަ ބައެއްގެ ސަމާލުކަން އޭރު ޔޫޓިއުބަށް އައީ ލިބެމުންނެވެ.

މިއަދު ޔޫޓިއުބަކީ ދުނިޔޭގައި އެންމެ ކުރިއަރާފައިވާ މަންސަތަކުގެ ތެރޭގައި ހިމެނޭ އެއް މަންސައެވެ. ކޮންމެ މަހަކު ދެ ބިލިއަން އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރާ ޔޫޓިއުބަށް ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑެތި ކުރިއެރުންތައް ވަނީ ލިބިގެން ގޮސްފައެވެ. ޔޫޓިއުބުން ބުނާ ގޮތުގައި އެ މަންސަ މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެއް ބިލިއަން ގަޑިއިރުގެ ވީޑިއޯ ބަލައެވެ.

ކާމިޔާބު މި މަންސައަށް 15 އަހަރު ފުރި މިއަދު އެކަން ފާހަގަކުރާއިރު، މި ހުރިހާ ކަމެއް ފެށިގެން އައީ، ކަރީމްގެ "މީ އެޓް ޒޫ" އިންނެވެ.