އިންޑިއާގެ ޕަޓިއަލާ ސިޓީގައި ގަހަނާ ފިހާރައަކަށް ވަދެ، ލެޑް ޓީވީއެއް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވިއިރު، ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔައީ، އަގުބޮޑު އެތައް ގަހަނާއެއް ތިބި އެ ފިހާރައިން ގަހަނާތައް ވަގަށް ނަގާފައި ނުވާތީއެވެ.
މި މައްސަލަ ޕަޓިއަލާ ފުލުހުން ދަނީ ބަލަމުންނެވެ.
އެ ފިހާރައިގެ ވެރިޔާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި، ފިހާރައިގެ އިންނަ ލެޑް ޓީވީ ވަގަށް ގެންދިޔަ ނަމަވެސް، ފިހާރައިގެ އެއްވެސް އަގުބޮޑު ގަހަނާއެއްގައި އެ މީހާ އަތް ލާފައެއް ނުވެއެވެ. އެހެންކަމުން އެ މީހާއަކީ ސީދާ ޓީވީ ވަގަށް ނެގުމަށް އައި މީހެއްކަން މި ވަނީ އެނގިފައެވެ.
ޕުރި މާކެޓް ކައިރީގައި ހުންނަ އެ ފިހާރައިން ވައްކަން ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ވައްކަން ކުރަން ފިހާރައަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖް ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުން ބުނީ، އެ މީހާ އަދި ހޯދިފައި ނުވާ ކަމަށާއި، އެ މީހާ ހޯދުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
އަދި ފުލުހުން ދަނީ އެއީ ކާކުތޯ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ މީހާ ވަގަށް ނެގި ލެޑް ޓީވީގެ އަގަކީ 7000 ރުޕީސް އެވެ.
އެ މީހާ ޓީވީ ވަގަށް ގެންދިޔައިރު، އެ މީހާ އެ ޓީވީ ގެންދިޔައީ ކިހިނެއްކަން ހާމަކޮށްފައެއް ނުވެއެވެ.