ފަތިހަށް އަލިވިލެން ފެށުމާއެކު ހާލާއި، ކޮވެލީގެ އަޑުން ރަށުތެރެ ގުގުމަން ފެށިއެވެ. ހިނދުހިނދަށް ގަދަވަމުން އައި ކޮވެލީގެ އަޑު ކަންފަތަށް އަހާލަން ފަސޭހަ ހިތްގައިމު މިޔުޒިކެއް ފަދައެވެ. ނިދީގެ ފޮނިމީރުކަން ހޯދަމުން ދިޔަ މީހުންތައް ހޭލެއްވުމުގެ ވާޖިބު އެ ދޫނިތައް އަދާކުރަމުން ދިޔައީ ވަރުބަލިކަމެއް ނެތިއެވެ. ރޭގަނޑުގެ އަނދިރިކަމާއި ބިރުވެރިކަން އެއްފަރާތްވެ، މުޅި ދުނިޔެއަށް އުޖާލާކަމާއި، އަލިކަން ފެތުރެމުން އަންނަކަން އިޢުލާން ކުރަމުންނެވެ.

ކޮޓަރި ތެރޭގައިވާ ކަނު އަނދިރިކަމުގެ ތެރެއަށް ކުޑަދޮރުގެ ބިއްލޫރިގަނޑުން ފުރޭނިގެން އައި އަލިކަން ފޭދުނެވެ. އިރުގެ ރަންދޯދިތައް އެނދާ ހަމައަށް ފޯރިއެވެ. ބާރަށް އެނބުރެމުންދިޔަ ފަންކާއަށް ބަރޯސާވެ ނަށަމުންދިޔަ ދޮރުފޮތިގަނޑުގެ ސަބަބުން އެއްވެސް ހުރަހެއްނެތި އެ ރަންދޯދިތައް އިރުއިރުކޮޅުން ފިރާޝާގެ މޫނަށް އެޅެއެވެ. ފިރާޝާގެ ސަމާލުކަން ހޯދަން އުޅޭ ކަހަލައެވެ. ނަމަވެސް އޭނާ އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފައި އޮތް ކަހަލަވެ. އޭނާގެ ދިރިއުޅުމަށް އެ އަލިކަމުން ޒައްރެއްގެ މިންވަރު ވެސް ފޯރާނެކަމުގެ ކުޑަވެސް އުއްމީދެއް ނެތެވެ. އިއްޔެއެކޭ މިއަދެކޭ އެއްވެސް ތަފާތެއް ނެތެވެ. ފިރާޝާގެ ދެލޯ ވަނީ ގިނައިރު ރުއިމުގެ ސަބަބުން ރަތްވެފައެވެ. އެ ދޮން ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. ނިތްކުރީގައި ނޫފައިގެންފައިވާ ހިސާބުގައި އުފެދިފައިވާ ތޫނު ތަދުގެ އަސަރުން، ސިކުނޑި ވަނީ ބަރުކޮށްފައެވެ. އެހެނަސް ހިތްވަރުކޮށްފައި އެއްއަތުން ނިތްކުރީގައި ހިފަހައްޓައިލަމުން ފިރާޝާ ބޯ ހިއްލައިލިއެވެ. ދާދިގާތުގައި ގަދަ ގުގުރީގައި ނިދާފައި އޮތް ކަޅު ބަބުރެއް ކަހަލަ މީހާއަށް ބަލައިލިއެވެ. އެޔާއެކު އޭނާގެ ދެލޮލަށް ހޫނު ކަރުނަ ޖަމާވެގެން އަޔެވެ.

ކުއްލިއަކަށް ދޮރުހުޅުވިގެން ދިޔަ އަޑަށް ފިރާޝާ ސިހުނެވެ. އަވަސްއަވަހަށް ދެއަތުން ބެޑްޝީޓް ނަގައި، ހަށިގަނޑު ނިވާކުރަމުން އެނބުރިލިއެވެ. ދޮރުމަތީގައި ހުރީ ނިހާދެވެ. ފިރާޝާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ގެނެވޭތޯ އުޅުނެވެ. ނަމަވެސް ކޯކަށިގަނޑަށް ވާންވެލުމާއެކު ރިހުމެއް އިޙްސާސްވިއެވެ. އިނގިލިތައް ކޮލުގައި ޖައްސައިލެވުނެވެ. ކޯކަށިގަނޑު ދެފަރާތަށް ދެފަރާތަށް ޚަރަކާތްކޮށްލިއެވެ. ނިހާދުގެ ސަމާލުކަން ހުއްޓިފައި ވަނީ ފިރާޝާގެ ބިއްދޮށުގައި ނިދާ މަރުވެފައި އޮތް ކަލީމަށެވެ.

"އޭ! ބޮކަޅޭ! ކަލޯ އަލިވެއްޖެއޭ." ބެޑްޝީޓްގެ ކޮޅުން ފެންނަން އޮތް ކަލީމްގެ ފައިގައި ހިފައި ދަމައިގަންނަމުން ނިހާދު ގޮވައިލިއެވެ. އެޔާއެކު ކަލީމް ސިހިފައި ދެލޯ ހުޅުވައިލިއެވެ.

"އަލިވީއޭ." ކަލީމް ކަންނެތްގޮތަށް މޯޅިއަކަށް ދެމިލަމުން އަހައިލިއެވެ.

"އާނ. ތެދުވޭ. ރަށުމީހުންނަށް ނޭގެނީސް މިގެއިން ރައްކާވޭ." ތަށިމުށިގަނޑު މަތީގައި އޮތް ޖިންސާއި ޓީޝާޓު ނަގައި، ކަލީމާ ދިމާއަށް ހޫރުވައިލަމުން ނިހާދު ޖަވާބު ދިނެވެ.

ކަލީމް ޓީޝާޓް ބޮލުން މަހައިލިއެވެ. އިސްޖެހިފައި އިން ފިރާޝާއަށް ބަލަމުން ނިހާދު ނުކުތީ ބޭރަށެވެ. ބޭރު ދޮރުކައިރިއަށް ގޮސް ސިނގިރޭޓެއް ނަގައި ތުނބުގައި ޖަހައިލިއެވެ. ލައިޓަރު ނަގައި ރޯކޮށްލިއެވެ. އެތެރެއަށް ދަމާލި ނޭވާތަކާ އެކު ފަޒާގެ ތެރެއަށް ފުލުފުލުގައި އެ ވިހަ ދުންތައް ދޫކުރަން ފެށިއެވެ. އިރުކޮޅަކުން ކަލީމް ނުކުތެވެ. ބޭރަށް ނުކުންނަމުން ނިހާދުގެ އަތަށް ދުއިސައްތަ ރުފިޔާދިނެވެ. ނިހާދުގެ ނިތްކުރިއަށް ރޫ ގިނަވެގެން ދިޔައެވެ.

"އޭތް! ކަލޭ ބުނީ ފަސްސަތޭކައޭ ނު."

"ކަލޭ އަންހެނުން ރަމަތަ އަރުވަން ކުރަންޖެހުނު މަސައްކަތުގެ އަގު ކަނޑާފައި ތި އޮތީ." ކަލީމް ޖަވާބު ދިނެވެ. ފަސް އެނބުރި ބެލުމެއްނެތި ކަލީމް ނުކުމެގެން ދިޔައީއެވެ.

ނިހާދު ހިތްހަމަނުޖެހުނެވެ. އަތުތެރޭގައި އޮތް ސަތޭކައިގެ ދެ ނޫޓު ބޮނޑިކޮށްލިއިރު އެ މޫނު ރަތް ވެއްޖެއެވެ. ދެބުމަ ގޮށް ޖެހުނެވެ. ދެދަތްޕިލަ ބާރުކޮށްލި ވަގުތު ކޯކަށިގަނޑު ތެޅިލިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ހަރުކޮށް ހިނގައިފައި ގޮސް ކޮޓަރި ތެރެއަށް ވަނެވެ. އަތުގައި ހުރި ބާރެއްލައިފައި ދޮރު ޖެހި އަޑަށް ގެއަށް ވެސް ލޮޅުން އަރައިގެން ދިޔައެވެ.

"މަ އަތުން މި *** މަރުވާނެ!" ނިހާދުގެ އަޑު ހޮނުގުގުރިއެއްހާ ބާރެވެ. ލަދު ހުތުރު ބަސްތަކުން ހެއްދެވި ނުހެއްދެވިއަށް ނިހާދު ގޮވައިގަތެވެ.

ކުއްލިއަކަށް މަންމައަށް ގޮވަމުން، ވޭނުން ފުރިގެންވާ އަޑަކުން ފިރާޝާ ހަޅޭލަވައިގަތް އަޑު އިވުނެވެ. ދެން އެ ކޮޓަރި ތެރެއިން އިވެން ފެށީ ރަހުމުކުރުމަށް އެދި އާދޭސްކުރާ އަޑެވެ. މަޢާފަށް އެދެމުން ގިސްލައި އަޑެވެ. ނަމަވެސް ނިހާދުގެ ހިލަ ހިތަށް ރަހުމު ވަން ހެނެއް ހިޔެއްނުވެއެވެ. ފިރާޝާގެ އަޑު ހިނދުންހިނދަށް ގަދަވަމުން އައިކަން އެކަމުގެ ހެތްކަކަށް ފުދެއެވެ. އެ އަޑުތައް އަހާނެ މީހެއް އެ ފުރާޅު ދަށުގައި ނެތީ ހެއްޔެވެ؟ ފިރާޝާ އެ ނަރަކައިން މިންޖުކުރާނެ ޔާރެއް ނުވަނީ ހެއްޔެވެ؟

ޖެހިގެން ހުރި ކޮޓަރީގައި އިން އުމުރުން 08 އަހަރުގެ ރީޝާއަށް އެ އަޑުތައް ސާފުކޮށް އިވެއެވެ. މަންމަ އެ ކަށިކުނބުރު ޖަންގަލިން ސަލާމަތްކޮށްދޭން ރީޝާ ބޭނުންވެއެވެ. އެހެނަސް އެ ހިތްވަރެއް ނެތެވެ. ކޮޓަރީގެ ކަނަކަށް ޖެހިފައި އިނދެ ދެލޮލުން ކަރުނަ ބޭލުން ނޫންކަމެއް އެ ނިކަމެތި ކުއްޖާއަށް ނުކުރެވެއެވެ. ތުރުތުރުލަމުން ދިޔަ ކުޑަކުޑަ ދެއަތް ތުންފަތުގައި ޖައްސައިލައިގެން އިން ގޮތުން ވެސް ބިރުގެންފައިވާ ވަރު އަންދާޒާކޮށްލެވެއެވެ. މަންމަގެ އަޑު ގަދަވެގެންދާ ހިނދު ރީޝާގެ މޭ ތެޅިގަނެވެ. ދެލޮލަށް ކަރުނަތައް ގިނަވެއެވެ. ދެލޮލަށް ނުކުޅަދާނަވާ ވަރަށެވެ. ބަޑި ފަޅައިގެން ގޮސް ބާރަށް ރޮއެގަނެފާނެހެން ހީވެއެވެ. ނަމަވެސް އޭގެ ކުރިން އަނގަމަތީ އަތް އަޅައި ބާރުކޮށްލައެވެ. ރުއިމުގެ އަޑު ބައްޕައަށް އިވިއްޖެނަމަ "އަދަބު" ލިބޭނެކަން ރީޝާ ހަނދާން ހުރެއެވެ.

ރީޝާ ހަނދާން ހުންނަން ފެށީންސުރެ ބައްޕައާ މަންމަގެ މެދުގައި ހަމަޖެހުމެއް ނޯވެއެވެ. ލޯތްބެއް ނުވެއެވެ. އަބަދުވެސް ބައްޕަ މަންމައަށް ނަފުރަތު ކުރެއެވެ. ރުޅި އާދެއެވެ. އޯގާތެރިކަމާއި އަޅައިލުން އެއީ ބައްޕަގެ ރަދީފުގައި އޮންނަ ބަސްތަކެއް ނޫނެވެ. އެންމެ ތުއްތު ތުއްތު އިރުންސުރެއް ބައްޕަގެ ފުށުން ފެނުނީ މަންމައަށް ކުރަމުންދިޔަ އަނިޔާއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. ބައްޕަ މަންމަދެކެ އެވަރަށް ނަފުރަތު ކުރާ ސަބަބެއް ރީޝާގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ.

ނިހާދު ހަމަޖެހުމުގެ ނޭވާއެއް ލީ ވެސް އޭނާ ހިތްހަމަޖެހޭ ވަރަށް ފިރާޝާއަށް ހަސްކާ ދެވުމުންނެވެ. ފިރާޝާ އޮތީ ޅަބުޅާ ގަނޑެއްހެން ފާރު ބުޑަށް ޖެހިފައެވެ. އެއް އަރިއަށް އޮތްއިރު ދެކަކޫ ވަނީ މެއާ ދިމާއިން ހަށިގަނޑާ ކައިރިކޮށްލައިފައެވެ. ދެއަތް ވެސް ވަނީ މޭމަތިން ހުރަސްކޮށްލެވިފައެވެ. މުޅި ހަށިގަނޑުގައި ވަނީ މަޑުމަޑު ތުރުތުރުލުމެކެވެ. ހަށިގަނޑުގެ އެކި ހިސާބުގައި އުފެދެމުން އައީ ދިލަ ރިހުމެވެ. އެ ވޭނުގެ ސަބަބުން ތުރުތުރުލަމުން ދިޔަ ދެ ތުންފަތް ފޫއަޅުވާލައިފައި މަޑު ގިސްލުމެއްގެ އަޑު ނުކުންނަމުން ދިޔައެވެ. އެ ދޮން ހަށިގަނޑުގައި ވަނީ ރަތްކުލައިގެ ނިޝާންތަކެކެވެ. އެއީ ނިހާދުގެ އަތުގައި އޮޅާލެވިފައި އޮތް ބެލްޓުން ލިބުނު "ހަދިޔާ" ކަން ކަށަވަރެވެ. ފިރާޝާ އޮތް ހާލު ފެނުމުން ވެސް ނިހާދުގެ ހިތަށް ރަހުމެއް ނުވަނެވެ. އޭނާ ކޮޓަރިން ނުކުންނަމުން ދިން އިންޒާރު އެކަމުގެ ހެތްކަކަށް ފުދެއެވެ. އެއީ ލާރި ހޯދަންކުރާ މަސައްކަތަށް ބުރުއަރުވަން އުޅެފިނަމަ ފުރާނަ ދުއްވައިލާނެކަމުގެ އިންޒާރެވެ.

އެ ބަސްތައް ވެސް ރީޝާގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެ މަންޒަރު ލޮލަށް ނުފެނުނު ނަމަވެސް މަންމަ އޮންނާނެ ހާލު ތަސައްވުރު ކުރެވުނެވެ. މަންމަ މަރާލައިފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު ހިތްދަތިވެ ހިތްފަޅައިގެން ގޮސްފައި އިން ރީޝާއަށް ކުއްލި ސިހުމެއް ލިބުނެވެ. މުޅި ދުނިޔެ އަނދިރިވެގެން ދިޔަހެން ހީވިއެވެ. އެޔާއެކު ރީޝާގެ ކެތްތެރިކަން ކޮޅުންލިއެވެ. ބަޑި ފަޅައިގެން ގޮސް ބާރަށް ރޮއެގަނެވުނެވެ. މަންމަ ނެތް ދުނިޔެއެއްގައި ރީޝާ ހުންނާކަށް ބޭނުމެއްނޫނެވެ. އަމިއްލަ އިޚްތިޔާރަކާ ނުލާ މަންމައަށް ބާރަށް ގޮވައިލެވުނެވެ. ނަމަވެސް އިންތަނުން ތެދުވާނެ ހިތްވަރެއް ނުލިބުނެވެ. ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. މިފަހަރު ރީޝާއަށް ލިބުނު ސިހުން ވަރުގަދައެވެ. ލިބުނު ސިހުމާއެކު ކޮޅަށް ތެދުވެވުނު ގޮތް ވެސް ނޭނގުނެވެ. އޭރު ދެލޯ ވަނީ މުދުނުގައެވެ. ބިރުވެރިކަން އޭނާގެ ހަތަރު ފަރާތުން އައިސް ވަށައިލިއެވެ. ނޭވާލުމަށް ދަތިވިއެވެ. ހަތަރު ފަރާތުން ފާރުތައް އައިސް ފިއްތައިލި ކަހަލައެވެ. ނިހާދުގެ ބަދަލުގައި ފުރޭތައެއް ފެނުނު ނަމަވެސް ރީޝާ އެހާ ބިރެއް ނުގަތީހެވެ.

"އޭ!" ނިހާދު ހަޅޭލަވައިގަތެވެ. "ކަލޭ ކޮން ހޭރުމެއް ހޭރޭކަށް."

ނިހާދުގެ ދެލޮލުން ފެނުނީ އަބަދުވެސް ފެންނަ ރުޅިވެރިކަމެވެ. ޒައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ނުފެނެއެވެ. ރީޝާގެ މޭގަނޑު އިހުނަށްވުރެ ބާރަށް ތެޅިގަތެވެ. ދެފައިކޮޅު ތުރުތުރު އަޅަން ފެށިއެވެ. ދެއަތް އުފުލައިލަމުން މަޑުމަޑުން ބޯ ހޫރުވައިލެވުނެވެ. ފަހަތަށް ޖެހިލަން މަސައްކަތްކުރިއެވެ. ބުރިކަށި ފާރުގައި ޖެހުނެވެ. ދެއަތަށް ބޯ ހޫރުވަމުން އެއްޗެއް ބުނަން އުޅުނެވެ. އެހެނަސް އެ އަޑު ބޭރެއް ނުވިއެވެ.

"މި ވެސް ހަމަ އަމާ ކަހަލަ އެއްޗެކޭ!" ނިހާދު ވައިސޫރިއެއް ހެން ރީޝާއާ ދިމާއަށް ދިޔައެވެ.

ރީޝާ ރޮއެގަތެވެ. ވާން އުޅޭ ގޮތް އޭނާއަށް އެނގޭ ކަހަލައެވެ. ކަރުބުޑުން ހަންދާވަރަށް މަންމައަށް ގޮވައިލެވުނެވެ. ނިހާދުގެ އަތް ދަށުން ސަލާމަތްވުމަށް ދުއްވައިގަތެވެ. ދެވުނީ ދޮރާ ހަމައަށެވެ. ނިހާދު ފަހަތުން ހަޅޭލަވަމުން އައިސް ރީޝާގެ އަތުގައި ހިފައިގަތެވެ. ބާރަށް ޖެހި ލަތްކާއެކު ރީޝާ އުފުރިގެން އައިސް ނިހާދުގެ ގައިގައި ޖެހުނެވެ. ނިހާދު އަތްތިލައަށް ބާރުލަމުން ދަމައިފައި ގެންގޮސް އަލަމާރީގެ ދޮރު ފަތް ހުޅުވައިލިއެވެ. ރީޝާ ގަދަ ހެދިއެވެ. ގަދަފައިވިއްދިއެވެ. މަންމައަށް ގޮވަމުން ހަޅޭލެވިއެވެ. އެހެނަސް އެ ނިކަމެތި ކުއްޖާ ރޮއެރޮއެ އޮއްވައި ދެއަތުގެ ހިކަނދި މަސްގަނޑުގައި ހިފައި އުފުލައިލިއެވެ. ނިހާދު ދަތްކުނޑި ވިކައިލިއެވެ. އަދި އަލަމާރީގެ ތެރެއަށް ގަންނުވައިލިއެވެ. ދޮރު ލައްޕައި ތަޅުވެސް ލިއެވެ.

***

އޭނާގެ ދެލޮލަށް ޖަމާވަމުން އައި ކަރުނައިގެ ސަބަބުން މަންޒަރު ފުސްވިއެވެ. އަރުތެރެ ވަނީ ހިކިފައެވެ. ހިންދިރުވަން އުނދަގޫވާ ކަހަލަ ގޮތެއްވިއެވެ. މިހާރު ލެޕްޓޮޕްގެ ސުކްރީން ވެސް ފެންނަނީ ފަނޑުކޮށެވެ. ލިޔަމުން ދިޔަ ވާހަކައިގެ ބަސްތައް ވަނީ ގުޅިލާމެހިފައެވެ. އޭނާގެ ދިރިއުޅުމެކޭ އެއް ގޮތަށް އޮޅުން ބޮޅުންވެފައެވެ. ތުރުތުރުލުމެއް ހުރި އިނގިލިތަކުން ސިކުނޑީގައި ކުރެހިފައި ވި ތަސްވީރު ލަފްޒުތަކަކަށް ބަދަލުކުރެވޭތޯ މަސައްކަތްކުރިއެވެ. އެހެނަސް އަށް އަހަރުކުރީގެ އެ ބިރުވެރި މާޒީގެ މަންޒަރު ސިފަވުމާއެކު އޭނާގެ ހިތްވަރު އެލުނެވެ. ގޮނޑިން ތެދުވެ ދެކޮޅަށްދެކޮޅަށް ހިނގަން ފެށިއެވެ. ފުލުފުލުގައި ފުން ނޭވާތައް ދޫކުރަމުން ނަފްސަށް ހަމަޖެހުން ގެނެވޭތޯ އުޅުނެވެ.

އެއީ ބިރުވެރިކަމާއި ގިލަންވެރިކަމުން ފުރިފައިވި އޭނާގެ ހަޔާތުގެ ދާސްތާނެވެ. އޭނާގެ ނިކަމެތި މަންމައަށް ލިބުނު ވޭނާއި ހިތްދަތިކަމުގެ ރިވާޔަތެވެ. އެ ޖައްބާރު ބައްޕަގެ ގޮތްކުޑަ ދިރިއުޅުމުގެ ވާހަކައެވެ. ހަޤީޤީ ހާދިޘާއެކެވެ. އެހެން ވާހަކަތަކާއި ޚިލާފަށް މި ވާހަކައިގައި ބޭނުންކުރެވިފައިވާ ނަންތަކަކީ ވެސް ހަމަ ހަޤީޤީ ނަންތަކެކެވެ. އޭނާގެ ނަމަކީ ރީޝާއެވެ.

ރީޝާ އެނބުރި ގޮސް ކުރިން އިށީދެ އިން ގޮނޑީގައި އިށީނެވެ. ވާހަކަ ލިޔުމަށް ތައްޔާރުވި ވަގުތު ފޯނު ރިންގު ވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ދަންވަރުގެ ވަގުތުކަމުންނާއި ނުދަންނަ ނަންބަރަކުން ގުޅާތީ، ފޯނަށް ޖަވާބު ދިނުމުގެ ޝަޢުޤެއް ރީޝާގެ ހިތަކު ނުއުފެދުނެވެ. އޭނާ ފޯނަށް ބަލަހައްޓައިގެން އިނީއެވެ. ފޯނު ކެނޑުމާއެކު ފުލުފުލުގައި މެސެޖުތައް އަންނަން ފެށިއެވެ.

"ރީޝްގެ އިންތިޒާރުގައި މިހުރީ އަދިވެސް."

"ކުރިޔަށްވުރެއް ވެސް މިހާރު ރީތިވެފައި ޗާލު."

"މިގަޑީގައި ބައްދަލުކޮށްލެވިދާނެތަ؟"

"ރީޝްގެ ބިޓެއް ހުރެޔޭ ބުނީމަ އުނދަގޫނުކުރަން މި ހުރިހާ ދުވަހު ވެސް އިންތިޒާރުގައި މިހުންނަނީ. އެނގިއްޖެދޯ މީ ކާކުކަން."

މެސެޖުތައް ކިޔަން ފެށިއިރު ރީޝާގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ލިބުނީ ފަހު މެސެޖުންނެވެ. އޭނާއަށް ލޯބި ހުށަހެޅި މީހުންގެ ތެރެއިން ލޯބިވެރިއެއް ހުންނަކަމަށް ބުނެފައިވާނީ ހަމަ އެންމެ މީހެއްގެ ގާތުގައެވެ. އެއީ ނަވީލެވެ. ނަވީލްކަން އެނގުމުން ވަގުތުން ފޯނުގެ ރަނގަބީލު އަޑު ކަނޑައިލިއެވެ. އެ މެސެޖުތަކާއި ކޯލުތަކަށް ޖަވާބު ދިނުމަށްވުރެ ރީޝާގެ ހަޔާތުގެ ވާހަކަ މީހުންނަށް ކިޔާދިނުން މުހިންމެވެ. އެ އުންމީދުގައި ފުން ނޭވާއެއް ދޫކޮށްލަމުން "ކީބޯޑު"ގެ ފިއްތަކަށް އޮބަން ފެށިއެވެ.

(ނުނިމޭ)

ނޯޓު: މި ވާހަކަ ގެނެސްދޭނީ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުހު

    ޝަހީމްގެ އަޑު އިވިއްޖެ..މި ނެރެނީ އޭނަ ޖަލުން