މަޝްހޫރު "ފްރެންޑްސް" ސީރީޒް އިން މަގުބޫލުކަން ހޯދި ޖެނިފާ އެނިސްޓަން އާއި އޭނާގެ ފިރިމީހާ ޖަސްޓިން ތެރޮކްސް އެދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައުމަށް އެއްބަސްވެއްޖެއެވެ.

އެދެމީހުންގެ ކައިވެންޏަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެދެމީހުން ވަކިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އެދެމީހުން ނެރުނު ބަޔާނެއްގައި ވަނީ "މި ނިންމުމަކީ ދެމީހުން ވާހަކަ ދައްކައިގެން ވަރަށް ލޯބިން އަދި އެކުވެރިކަމާއެކު މިދިޔަ އަހަރު ފަހުކޮޅު ނިންމާފައިވާ ނިންމުމެއް" ކަމަށެވެ.

"އާންމު އުސޫލެއްގެ ގޮތުން އަހަރުމެން މިކަން ކުރަން އުޅުނީ މިހާ ފާޅުކަން ބޮޑު ގޮތެއްގައެއް ނޫން. އެކަމަކު މީޑިއާގެ ފަރާތުންވާނެ އުދަގުލެއްގެ ސަބަބުން މިހާ ފާޅުކަންބޮޑު ގޮތަކަށް މިކަން ކުރަން ނިންމީ." އެދެމީހުންގެ ފަރާތުން ނެރުނު ބަޔާނެއްއްގައި ބުނެފައިވެއެވެ.

އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ "އަހަރެމެން ދެމީހުންގެ ދިރިއުޅުމާއި ގުޅިގެން މި ބަޔާން ނޫންތާކު ލިޔެފައިވާ އެއްވެސް އެއްޗަކީ އެއްވެސް ހަގީގަތެއް އެކުލެވިފައިވާ އެއްޗެއް ނޫން. އެއީ އަހަރެމެންގެ ބަހެއް ނޫން. އެމީހުނަށް ފެނުނު ގޮތަކަށް އެމީހުން ލިޔެފައި އެވެނީ." ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުން ދޮގު މައުލޫމާތު ފަތުރާކަމަށް ބުނަމުން އެ ސްޓޭޓްމަންޓްގައި ވެއެވެ.

ޖެނިފާ އެނިސްޓަން އާއި ޖަސްޓިން ތެރޮކްސް އެންގޭޖް ކޮށްފައިވަނީ 2012 އޮގްސްޓް މަހުގެ ތެރޭގައެވެ. އަދި 2015 އޮގްސްޓް މަހުގެ ތެރޭގައި ކައިވެނި ކޮށްފައިވާއިރު މި ކައިވެންޏަށް ކުއްޖަކު ލިބިފައި ނުވެއެވެ.

އެބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައިވަނީ މިއީ ގާތް ދެ ރަހުމަތްތެރިންނަށް، ރަހުމަތްތެރިކަމުގެ ގުޅުމުން ކުރެވުނު ކައިވެންޏެއް އަނެއްކާވެސް ދެ އެކުވެރިންގެ ގޮތަށް ރުޖޫއަކުރުމަށް ދުރުވާ ދުރުވުމެއް ކަމުގައެވެ.

ޖެނިފާ އެނިސްޓަން އަށް މިހާރު 49 އަހަރު ވެފައިވާއިރު ޖަސްޓިން ތެރޮކްސް އަށް ވީ 46 އަހަރެވެ. ބައެއް މީހުން ބުނާ ކައިވެނި ރޫޅުމުގެ ސަބަބަކީ އެދެމީހުންގެ އުމުރުގެ ތަފާތުކަމަށްވެސް ވެދާނެކަމަށެވެ.