ރޯދަ މަހަކީ މުސްލިމުންނަށް އަންނަ އަޅުކަމުގެ މައްސަރެއްގެ އިތުރުން ކޮންމެ ގެއެއްގައި ވެސް އެހެން މަސް މަހާއި ހިލާފަށް ކާބޯތަކެތި ތައްޔާރުކުރުން ގިނަ މަހެކެވެ. ކޮންމެ އާއިލާ އަކުން ވެސް މަސައްކަތް ކުރާނީ ދުވާލުގެ ބަނޑުހައިހޫނު ކަމަށް ފަހު، ވީހާވެސް ގިނަ ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރު ކުރުމަށެވެ.

ނަމަވެސް އިރުއޮއްސުމުން ރޯދަވީއްލުމާއި ހަމައިން ހާރު ކެއުމާއި ހަމައަށްވެސް ދުވާލުގެ ވަރުބަލިކަމާ އެކު ގިނަ ބަޔަކު، ކާނާގެ ޒަރިއްޔާއިން ލިބުނު ހަކަތަ ވިރުވާލެވޭ ފަދަ އެއްވެސް ކަމެއް ނުކުރެއެވެ. މިކަމުގެ ސަބަބުން ކޮންމެ ރޯދަ މަހަކާ ދިމާކޮށް ގިނަ ބައެއްގެ ބަރުދަން އިތުރުވާ ކަމަށް ދިރާސާތަކުން ދައްކައެވެ.

އަދި ދިވެހިން ތެރޭގައި ހާއްސަކޮށް، ކެއުމަށް ކުޅި ނުވަތަ ލޮނު އެއްޗެއް ތައްޔާރުކޮށްފި ނަމަ މަދުވެގެން ފޮނި އެއް ބާވަތް ތައްޔާރު ކުރުމަކީ އާދަޔަކަށް ވެފައިވާ އިރު ރޯދަ ވީއްލުމަށް ބޭނުން ކުރާ ފޮނި ބުންއިންތަކުގެ ސަބަބުން ވެސް އެތައް ބަރުދަނެއް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.

މި ރޯދަ މަހު ބަރުދަން ލުއިކޮށްލަން ބޭނުންކަމުގައިވާ ނަމަ މިކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.

  • ހެދިކާގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރު ސޫޕެއް ނުވަތަ ސެލަޑެއް ބޭނުންކުރުން

ގިނަ ބަޔަކަށް މިހާތަނަށް ގަބޫލު ކުރެވިފައި އޮންނަ ގޮތުގައި ސެލެޑް ނުވަތަ ސޫޕްތަކަކީ ވަރަށް އަނގަޔަށް ނުބައި ބާވަތްތަކެކެވެ. ސޫޕް ހަދާ ކަމުގައިވާ ނަމަ، ހެވީ ކްރީމް ފަދަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ. އަދި ބަރަބޯ ފަދަ ފަސޭހައިން އޮލަކޮށް ކައްކާލެވޭ ބާވަތަކުން ސޫޕެއް ތައްޔާރު ކުރިޔަސް މިހާރު ބޭނުން ކުރާ ބައެއް ހެދިކާތަކަތަށްވުރެ މީރުވާނެ ކަން ޔަގީނެވެ.

ސެލަޑެއް ހަދާ ކަމުގައިވާ ނަމަ، ހުސް ފަތުގެ ސެލަޑެއް ތައްޔާރު ކުރުމުގެ ބަދަލުގައި ބައެއް ކަހަލަ ތަރުކާރީ އާއި، މޭވާ އަދި، މަސް، ލޯފެޓް ޗީޒް ފަަދަ ބާވަތްތައް ސެލެޑުގައި ބޭނުންކުރެވިދާނެއެވެ. އަދި ސެލެޑްގެ އެންމެ މުހިންމު އެއްބައި ކަމުގައިވާ ޑްރެސިން ރަނގަޅުކޮށްފި ނަމަ އެ ސެލަޑެއް ނުބައެއް ނުވާނެއެވެ.

  • ވީހާވެސް ބޮޑަށް ދުޅަހެޔޮ ކަަމަށް އިސްކަންދީ

ރަމަޟާން މަހު ބަރުދަން ލުއިކުރަން ބޭނުން ކަމުގައިވާ ނަމަ، ދުޅަހެޔޮ ކަމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން ރޯދަ ވީއްލުމުން ފެށިގެން ހާރުދަމާއި ހަމަޔަށް ބަނޑުހައި ހޫނުކަން ފިލުވުމަށް އެކި ބާވަތް ބާވަތުގެ ހެދިކާ ބޭނުން ކުރުމަށް ވުރެ، ބަނޑުހައިކަމުގެ އިހްސާސް ކުރެވޭ ފަހަރުތަކުގައި ފެން ބޭނުން ކުރުން މުހިންމެެވެ.

ފަހަރެއްގައި ބަނޑުހައި ކަމުގެ އިހްސާސް ފެން ފޮދެއް ބޭނުންވެގެން ވެސް ކުރެވިދާނެއެވެ. ހަމައެކަނި ފެން ބޮއިގެން ބަނޑުހައިކަން ނުފިލައިފި ނަމަ، ލުއި އެއްޗެއް ބޭނުންކޮށްލުން ގޯހެއް ނޫނެވެ.

  • ތެލުލި ކާނާ ބޭނުންކުރާ މިންވަރު މަދުކޮށްލާ

ކޮންމެ ރޯދަ މަހެއްގައި ވެސް ތެލުލާފައި ހުންނަ އެތައް ބާވަތްތަކެއް ސުފުރާ މަތިން ފެނެއެވެ. އަދި ދިވެހިން ބޭނުންކުރާ ގިނަ ހެދިކާގެ ބަވާތްތަކަކީ ދެ ފުށުން ތެޔޮލާފައި ހުންނަ ބާވަތްތައް ކަމުގެ ސަބަބުން އެތަކެތި ކޮންމެ ދިވަހަކު ކެއުމަށް ބޭނުންކުރާ ކަމުގައިވާނަމަ ބަރުދަން އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

  • ފޮނި ކާތަކެއްޗާ ދުރަށްދޭ

ކޮންމެ ދުވަހަކު ރޯދަވީއްލުމަށް އަދި ހާރު ކެއުމަށް ސުފުރާމަތީގައި ހުންނަ ފޮނި ކާތަކެއްޗާއި ބަރުދަން ލުއި ކުރަން ބޭނުން ނަމަ އެއްކޮށް ދުރަށް ދާން ޖެހެއެވެ. މިފަދަ ބާވަތްތަކަކީ އޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ހަކަތަ އެކުލެވިފައި ހުންނަ ތަކެތި ކަމުން އެ ބާވަތްތައް ބޭނުންކޮށްގެން ގައިގައި ސަރުބީ ހުންނަ މިންވަރު އިތުރުވުމަކީ ގާތް ކަމެކެވެ.

އެހެން ކަމުން ހަށިގަނޑުން ބަރުދަން ލުއިކުރަން ބޭނުން ކަމުގައިވާ ނަމަ ކޮންމެ ދުވަހަކު ފޮނި ކާތަކެތި ކެެއުމުގެ ބަދަލުގައި މޭވާ އަކުން ފުއްދާލެވިދާނެއެވެ. މޭވާގެ ތެރެއިން އަންނާރު، ދޮންކެޔޮ އަދި މޭބިސްކަދުރުގެ އިތުރުން ކަރާ ފަދަ ތަކެއްޗަކީ އޭގެ ސަބަބުން މި ރޯދަމަހު ހަށިގަނޑުން މަދުވެދާނެ ބައެއް ބާވަތްތައް ހޯދުމަށްވެސް މުހިންމު ބާވަތަކެކެވެ. ހަމައެކަނި މޭވާ ބޭނުން ކުރުމުގެ ބަދަލުގައި ލޯފެޓް ޔޯގެޓާއި އެއްކޮށް މޭވާ ބޭނުންކުރުން ރަނގަޅެވެ.

  • ހަށިގަނޑު ހަރަކާތްތެރިވާ މިންވަރު އިތުރުކުރުން

ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި ބަނޑުހައި ހޫނުކަން އިހްސާސްކުރުމަށްފަހު ރޯދަވީއްލުމުން ހަށިގަނޑަށް ކަންނެތް ކަން ވެރިވެއެވެ. އަދި ދުވާލުގެ ވަގުތުތަކުގައިވެސް އެހެން މަސްމަހާ ހިލާފަށް ހަށިގަނޑުގައި ކަންކަން ކުރާނެ ހަކަތަ ނުހުންނަކަން ފާހަގަކުރެވެއެވެ.

ނަމަވެސް އެކިކަންކަމުގައި މަސްއޫލުވެގެން ނުވަތަ ކަސްރަތުކޮށްގެން ހަށިގަނޑުގެ ހަރަކާތްތައް އިތުރުކޮށްލާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަހޫ

    އާ ވާހަކަ އެއް ނެތެއްނު، ކަސްރަތު ކުރޭ ފޮނިކާއެއްޗެހި ނުކާ.. މީ ކަމުދާ ލިޔުމެއް ނޫން..

  2. މީ

    ތޭންކްސް

    1
    2