އުތުރު ކޮރެއާގެ ލީޑަރު އާންމު އެއްވެސް ތަނަކުން ނުފެނި ގިނަ ދުވަސްތަކެއް ވެފައިވުމުން އޭނާ "ގެއްލިއްޖެ" ކަމަށް ބޭރުގެ ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފިއެވެ.

މިއަދު އެޤައުމުގައި "ކޮރެއަން ޕީޕަލްސް ރިވޮލިއުޝަނަރީ އާމީ" އަށް 88 އަހަރު ފުރުމުގެ ކުލަގަދަ ރަސްމިއްޔާތުގައި ކިމް ބައިވެރިވެވަޑައި ނުގަތުމުން ކަންބޮޑުވުންތައް އިތުރުވެފައި ވާއިރު އެކަމާއި ގުޅޭގޮތުން އެކި ވާހަކަތައް ދެތުރެމުން ދެއެވެ. އެގޮތުން އޭނާއަށް ސިއްޙީ ހާލަތެއް މެދުވެރިވެގެން ސީރިއަސް ހާލުގައި ފަރުވާދެމުންދާ ކަމުގެ ވާހަކަތައް ވެސް ދަނީ ފެތުރެމުންނެވެ.

އުމުރުފުޅުން 36 އަހަރުގެ ކިމް އެންމެ ފަހުން އާންމު ތަނަކުން ފެނިފައި ވަނީ، މިމަހުގެ ކުރީކޮޅު އުތުރު ކޮރެއާގެ ވެރިކަންކުރާ "ވޯކާސް ޕާޓީ"ގެ ބައްދަލުވުމަކުން ކަމަށާއި، އޭގެ ފަހުން އޭނާ އާއި ބެހޭ އެއްވެސް ޚަބަރެއް ލިބިފައިނުވާ ކަމަށް ހޮންކޮންގްގެ ނޫސް އިދާރާތަކުން ބުނެއެވެ. އޭނާގެ ހާލު ދެރަވެގެން، ފަރުވާކުރުމަށް ޗައިނާގެ ޑޮކްޓަރުންގެ ޓީމެއް އުތުރު ކޮރެއާއަށް ފުރާފައިވާ ކަމަށް ވެސް އެ ނޫސްތަކުގައި ބުނެފައި ވެއެވެ.

މިއަދު އުތުރު ކޮރެއާގައި ފާހަގަކުރި "ކޮރެއަން ޕީޕަލްސް ރިވޮލިއުޝަނަރީ އާމީ" އަށް 88 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ކިމް ބައިވެރިވެވަޑައިގެންފައި ނުވާއިރު، އޭނާ އަކީ މީގެ ކުރިން ބޭއްވި އަސްކަރިއްޔާގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުތަކެއްގައި ވެސް ޤަވާއިދުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން މިއަހަރުގެ ރަސްމިއްޔާތުން ކިމް ފެނިގެން ނުދިއުމުން ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

އުތުރު ކޮރެއާ އާއި ޗައިނާ އަދި އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސްގައި ވެސް ބުނެފައިވަނީ ކިމް އަށް ސިއްޙީ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ. މަސްދަރުތަކާއި ހަވާލާދޫ ނޫސްތަކުގައި ބުނެފައި ވަނީ، ދާދިފަހުން ކިމްގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި، އެ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު ގޯސްވެފައިވާ ކަމަށެވެ.

ހިތުގެ ބައްޔެއްގައި ކިމް އަށް ފަރުވާދެމުންދާކަމަށް ބުނާ ޚަބަރުތަކެއް ފެތުރިފައިވާއިރު، ކިމްގެ ބައްޕާފުޅު ކިމް ޖޮންގް އިލް އާއި ކާފާފުޅު ކިމް އިލް ސަންގް ވެސް އަވަހާރަވީ ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ވެއެވެ. މި ދެ ބޭފުޅުންނަކީ ވެސް އުތުރު ކޮރެއާގެ ލީޑަރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ.

މީގެ ކުރިންވެސް އާންމު އެއްވެސް ތަނަކުން ކިމް ނުފެނި ދުވަސްތަކެއް ވުމުން މިފަދަ ވާހަކަތައް ފެތުރިފައި ވެއެވެ. އެގޮތުން 2014 ވަނަ އަހަރު ވެސް 40 ދުވަސްވަންދެން އޭނާ ގެ "ޚަބަރެއްނުވެ ގެއްލުމުން" އޭނާއަށް ސިއްޙީ ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ޚަބަރުތައް ފެތުރުނެވެ.

ކިމް އާއި ބެހޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އުތުރު ކޮރެއާގެ ރަސްމީ ފަރާތަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެ ޤައުމަކީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާއި ވެސް ގުޅުން ކުޑަ ޤައުމެކެވެ.