މި ހަފްތާ ތެރޭގައި ދުނިޔެ ކައިރިން "ތަފާތު" ގިނިހިލައެއް ދަތުރުކުރާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ޕުއެޓެރިކޯގައި ހުންނަ އަރެސީބީ އޮބްޒަވޭޓްރީން ހޯދާފައިވާ މި ގިނިގިލައަށް ދީފައިވާ ނަމަކީ "1998 އޯއާރު2" އެވެ. މި ގިނިހިލަ އާއި ގުޅޭގޮތުން އެ އޮބްޒަވޭޓްރީގެ ދިރާސާވެރިން ބުނެފައިވަނީ، މިއީ މި ދުވަސްވަރާއި ގުޅޭ ގިނިހިލައެއް ކަމަށާއި، ގިނިހިލަ ވައްތަރުވާނީ މާސްކެއް އަޅާފައިވާ މޫނަކާއި ކަމަށެވެ. މިއީ ދުނިޔޭގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅާއި ދިމާކޮށް ފެންނާނެ ތަފާތު މަންޒަރެއް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ބިމުގައި ޖެހިއްޖެ ނަމަ ދުނިޔެއަށް އަރައިނުގަނެވޭނެ ނުރައްކަލަކާއި ކުރިމަތިވެދާ ވަރުގެ މި ގިނިހިލައިގެ ފުޅާމިނުގައި 500 ފޫޓު ހުންނަ ކަމަށް ސައިންސްވެރިން ބުނެއެވެ. ނަމަވެސް މި ހަފްތާތެރޭ ދުނިޔެ ކައިރިން މި ގިނިހިލަ ދަތުރުކޮށްފައި ދިޔަ ނަމަވެސް ދުނިޔެއަށް ނުރައްކާވާ މިންވަރަށް ކައިރިނުވާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ހޯދުންތަކުން އެނގިފައިވާ ގޮތުގައި މިފަހަރު ދުނިޔެ ހުރަސްކޮށް މި ގިނިހިލަ ދަތުރުކުރާނީ ދުނިޔެ އާއި 4.6 މިލިއަން ކިލޯމީޓަރު ދުރުންނެވެ. މިއީ ބިމުގެ މިންގަނޑުން ދުރު ހިސާބެއް ނަމަވެސް، ކައުނުގެ ބޮޑުމިނާއި ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމަށް ބަލާއިރު، މިއީ ދުނިޔެއާއި ކައިރި ކަމަށް ކަނޑައަޅާފައިވާ ދުރުމިނެކެވެ.

އެންމެ ފުރަތަމަ މި ގިނިހިލަ ފެނިފައިވަނީ 1998 ވަނަ އަހަރުއެވެ. ގިނިހިލައަށް "1998 އޯއާރު2" ގެ ނަމުން ނަންދެވިފައި ވަނީވެސް އެ އަހަރާއި ގުޅުވައިގެންނެވެ. އޭރުގެ ހޯދުންތަކުން އެނގިފައިވާ ގޮތުގައި މި ގިނިހިލަ ދަތުރުކުރަމުން ދަނީ ގަޑިއަކު 20000 މޭލު ނުވަތަ ގަޑިއަކު 32187 ކިލޯމީޓަރު ބާރުމިނުގައެވެ.

މި ގިނިހިލަ ދައުރުކުރާ އޯބިޓަށް ބަލާއިރު މިއަހަރަށްފަހު ދެން މި ގިނިހިލަ ދުނިޔެ ކައިރިން ދަތުރުކުރާނީ 2079 ވަނަ އަހަރުއެވެ. އެއަހަރު މި ގިނިހިލަ ދުނިޔެ ހުރަސްކޮށްފައި ދާއިރު، ދުނިޔެއާއި ގިނިހިލަ އާއި ދެމެދު، މިފަހަރު ދަތުރުކުރާ ދުރުމިނަށްވުރެ 3.5 ގުނަ ކައިރިވާނެ ކަން ދިރާސާތަކުން އެނގެއެވެ.