ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކްރޮން އެމެރިކާއަށް ކުރެއްވި ޒިޔާރަތުގައި އެމެރިކާގެ ރައީސް ޓްރަމްޕްއާއި އެކު ހޭދަކުރެއްވި ދުވަސްތަކުގައި އެންމެ ފާހަގަކުރެވިގެންދިޔަ އެއް ކަމަކީ ދެ ގައުމުގެ ވެރިން އެކުގައި ވައިޓް ހައުސްގެ ބަގީޗާގައި ގަހެއް އިންދި އިންދުމެވެ. އެހެންނަމަވެސް އޭގެ މަދު ދުވަސްތަކެއްފަހުން އެ ގަސް ވަނީ ވައިޓް ހައުސްގެ ބަގީޗާއިން ގެއްލިފައެވެ. އެއާއިއެކު ގިނަ ބަޔަކު ވަނީ އެ ގަހަށް ވީ ކިހިނެތްތޯ ސުވާލު އުފައްދައިފައެވެ.

ވައިޓް ހައުސްގެ ފަރާތުން ސީދާ ޖަވާބެއް އެކަމުގައި ލިބިފައިނުވާއިރު ބައެއް ފަރާތްތަކުން ވަނީ އެމެރިކާއަށް ނިސްބަތްނުވާ އެ ގަސް ކަރެންޓިންކޮށްފައިވާކަމަށް ލަފާކޮށްފައެވެ. ބޭރު ގައުމެއްގެ އިސް ވެރިޔެއް އެމެރިކާއަށް ގެންނެވި ގަހަކަށްވުމާއިއެކު އެ ގަސްވުމާއިއެކު އާންމުކޮށް އިންސްޕެކްޓްކުރާގޮތަށް އެ ގަސް އިންސްޕެކްޓްކޮށްފައެއްނުވެއެވެ.

އެ ގަހުގެ ސަބަބުން އެއްވެސްކަހަލަ މައްސަލައެއް މިސާލަކަށް ބެކްޓީރިއާއެއް ނުވަތަ ފަންގަސްއެއްފަދަ އެއްޗެއް ފެތުރޭތޯ ބެލުމަށް އެ ގަސް ކަރެންޓީންކޮށްފައިވާކަމަށް ބެލެވޭއިރު ބައެއް ފަރާތްތަކުން ވަނީ ފަރަންސޭސިވިލާތުގެ ރައީސް އެ ގަސް އެމެރިކާއަށް ގެންނަވާނީވެސް އެވަރު ބައްލަވާފައިކަމަށް ބުނެފައެވެ. އަދި އެ ގަހުގެ ބާވަތުގެ ސަބަބުން އެފަދަ މައްސަލައެއްވެސް ކުރިމަތިނުވާނޭކަމަށް ބައެއް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

އެކަމަކުވެސް އެ ގަހުގެ ސަބަބުން މައްސަލައެއް ކުރިމަތިވުމުގެ ކުރިން ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި އެކަން އެގޮތަށް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ މީހުންވެސް މަދެއް ނޫނެވެ. ފަރަންސޭސިވިލާތުގެ ބައެއް ނޫސްތަކުންވެސް ވަނީ އެގޮތަށް އެ ހަބަރު ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިނާ

    އަވަހަށް މުސްލމް ބައެއްގެ ބޮލަށް ބޮން އަޅާ