ގިނަ ފަހަރަށް އަމިއްލަ މީހާއަށް ފާހަގަނުކުރެވޭ އެތައް ސިފައެއް ރައްޓެހިވެގެން އުޅޭ ލޯބިވެރިޔާގެ ހުރެދާނެއެވެ. އެންމެންވެސް ދަންނާނެ އެއް ބާވަތުގެ މީހުންނަކީ ޑްރަމާ ބޮޑު ނުވަތަ ކަންތައްތައް ބޮޑުކޮށްލައިގެން އުޅޭ ބާވަތުގެ މީހުންނެވެ. އެފަދަ މީހަކާއިއެކު އުޅުމަކީ ތިބާގެ ހަޔާތަށް އެންމެ ރަނގަޅު ކަމަކަށް ނުވެދާނެއެވެ. އަދި އެފަދަ މީހަކާއިއެކު އުޅޭކަން އެނގިއްޖެނަމަ އެންމެ ރަނގަޅުވާނީވެސް ދުރުވެގަތުމެވެ. އެކަމަކު އެފަދަ މީހަކާއިއެކު އުޅެވޭކަން ދެނެގަންނާނީ ކިހިނަކުންތޯ؟

އެންމެ ފުރަތަމަ ދެނެގަންނާނެ ގޮތަކީ ތިބާގެ ރައްޓެހިންގެ ފަރާތުންނެވެ. އެ މީހުން ތިބާގެ ލޯބިވެރިޔާއާއިއެކު ވަގުތު ހޭދަކުރަން ދެކޮޅު ހަދައި ވީހާވެސް ދުރު ދުރުން އުޅޭނަމަ އެއީ ސަބަބެއް އޮވެގެން ވާ ކަމެކެވެ. އަދި ތިބާއަށް އޭނާއާއިއެކު ކަމެއް ނުކުރެވިއްޖެނަމަ އެކަމަކާއި ދެރަކޮށްލުމަކީވެސް އެފަދަ މީހެއް ވަރަށް ގިނައިން ކުރާނޭ ކަމެކެވެ. އެގޮތުން އެކުގައި ތަނަކަށް ނުދެއްވިއްޖެނަމަ ނުވަތަ އެދޭ އެއްޗެއް ގަނެ ނުދެއްވިއްޖެނަމަ އެކަމާއި ޝަކުވާކޮށް ހިތާމަކޮށް ތިބާ އެކަމާއި ދެރަކުރުމަކީ އެފަދަ މީހުން ކުރާނޭ ކަމެކެވެ.

ޅަ އުމުރުގެ ކުއްޖަކު އުޅޭހެން އުޅޭ، ކަންކަމުގައި ގޮތް ދޫނުކޮށް ބޮޑާހާކައި މީހުންގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރުމަކީވެސް އެފަދަ މީހެއްގެ ފަރާތުން ފެންނާނޭ ކަންކަމެވެ. އަދި ކުރިމަތިވާ މައްސަލަތައް އިތުރަށް ބޮޑުކޮށްލައިގެން މައްސަލަ ފަސޭހައިން ނިމެން އޮއްވައި އެ މައްސަލައިގައި ހިފައި އިތުރަށް ގޯސްކުރުމަކީވެސް އެފަދަ މީހުންގެ ސިފައެކެވެ.

ކަންކަމާއިމެދު އަބަދު ޝަކުވާކޮށް ހެދުމަކީވެސް އެފަދަ މީހުންގެ ކިބައިން އާންމުކޮށް ފެންނާނޭ ކަމެކެވެ. އެފަދަ މީހުންނާއި ދުރުވުމަކީ ތިބާގެ ހަޔާތަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނޭ ކަމެކެވެ.