މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ ސަބަބުން މިހާރު އެންމެ ދަތިކަމެއް އޮންނަނީ ބަލި މީހުންނަށް ފަރުވާ ދެވޭނެ ވަރަށް ނަރުހުންނާއި ޑޮކްޓަރުން ނެތުން ކަމަށް އެކި ގައުމުތަކުގެ ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ. އެހެން ކަމުން ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުން އަންނަނީ އެފަދަ މީހުންނަށް އެހީތެރިވުމަށް އިސްނަގައިގެން ހަރަކާތްތެރިވަމުންނެވެ.

މިއީ ކެނެޑާގެ ޓޯރޮންޓާ ގައި މީގެ ކުރިން މަސައްކަތް ކުރަމުން އައި ނަރުހެއްގެ ވާހަކައެވެ. އުމުރުން 66 އަހަރުގެ ރިޗާޑްސަން އަކީ އެގައުމުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ބަލި މީހުންނަށް ފަރުވާ ދެމުން އައި މިހާރު ރިޓަޔާ ކޮށްފައިވާ ނަރުހެކެވެ. އޭނާ ބުނެފައި ވަނީ އޭނާ އިސްނަގައިގެން މިހާރު ބޭނުން ވަނީ ކޮވިޑް-19 ޖެހިގެން ހާލުދެރަވާ މީހުންނަށް ފަރުވާ ދިނުން ކަމަށެވެ.

އޭނާ ކިތަންމެ ކުރާހިތުން އެކަން ކުރަން އުޅުނު ކަމުގައި ވިއަސް އަދިވެސް ސަރުކާރުގެ އެއްބާރުލުމެއް އެކަމަށް ނުލިބޭކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުން ޖަވާބެއް ލިބުމުން ނޫނީ މިފަދަ ނަރުހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭކަށް ނޯންނާނެއެވެ.

"ބަލި ފެތުރެން ފެށި ހިސާބުން އެންމެން ކައިރީ ބުނަމުން މިއަންނަނީ އެހީތެރިވާން ބޭނުން ވާހަކަ. މީގެ 6 ހަފްތާ ކުރިންވެސް ސަރުކާރުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެހީވުމުގެ ފޯމު ފުރާފައިވަނީ. އަދިވެސް ޖަވާބެއް ނުލިބޭ. މިހާރު އެއްމަސް ފާއިތުވެގެން ގޮސްފި." ރިޗާޑްސަން ބުންޏެވެ.

އޭގެ ފަހުން އޭނާއަށް އީމެއިލްއެއް އައިސްފައިވާ ކަމަށާއި އޭގައި އޭނާ އެގޮތަށް އެހީ ފޯރުކޮށްދޭން ބޭނުންތޯ ސުވާލު ކޮށްފައި އޮތުމުން އެކަމަށް އާނއެކޭ ބުނެމުން އޭގެ ފަހުން ހަބަރެއް ނުވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މިގޮތަށް ރިޓަޔާ ކޮށްފައިވާ ނަރުހުން އަނބުރާ ހޮސްޕިޓަލަށް ވައްދަން ވަކި ހާއްސަ ޔުނިޓެއް އެގައުމުގައި ގާއިމު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފައިވާ ކަން ރިޗާޑްސަން ވަނީ ފާހަގަ ކޮށްފައެވެ. އެހެން ނަމަވެސް އެހާ ގިނަ ދުވަސްތަކެއް އެކަމަށް ނަގާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާގެ އިތުރުން އިތުރު ނަރުހުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުގައި ތިބޭ ކަމަށެވެ.

މުޅި ދުނިޔެއަށް މިބަލި ފެތުރިފައިވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 3 މިލިއަނަށްވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާއިރު، ހާލު ސީރިއަސްވެގެން 57,614 މީހަކަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު