(އައްޑޫސިޓީ، ހިތަދޫ) އެއީ ފަހުގެ ތާރީޚެއްގައިވެސް އައްޑޫއަށް ކުރިމަތިވި އެންމެ ހިތާމަވެރި، ހަނދާނުން ފޮހެލަން ދަތި ހާދިސާއެވެ. ކުޑަކުޑަ ކުދިންތަކެއް މޫދަށް ގެއްލުނު އެ ހިތްދަތި ހާދިސާއަށް ހަފްތާއެއް ވެގެންދިޔައިރު، އަދިވެސް އެކުދިންގެ ޚަބަރެއް ނުވާތީ އެންމެން ތިބީ ކަންބޮޑުވެ ގޮތްހުސްވެފައެވެ. އެ އެންމެންގެ ދުޢާއަކީވެސް އެކުދިން ވީއެންމެ އަވަހަކަށް ފެނުމެވެ.

ހިތަދޫ ފުއްޓަރު ފަރާތުން "ކިނބިވައު" އާއި ދިމާލު މޫދަށް ދިޔަ އެރަށު ބްލޫގޭ، އަލީ ރާއިފް އާއި ޗަނބޭލީގޭ، އަލީ ފަހުމީ އާއި ޓޮޕާޒް، މަޔާމީން އަލީގެ ތެރެއިން ދެކުއްޖަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަނޑުވެ ވަނީ ގެއްލިފައެވެ. އެ ކުދިންގެ ގާތް އެކުވެރިއެއް ކަމަށްވާ ހިތަދޫ ޖޭމުގޭ، އުމުރުން 16 އަހަރުގެ އިބްރާހީމް ހޫދު ވަނީ އެކުވެރިންގެ ހަނދާންތައް އައުކޮށް އެކުދިންގެ ވާހަކަތައް "ވަގުތު" އާއި ޙިއްސާކޮށްފައެވެ.

ހޫދު ބުނިގޮތުގައި ގެއްލުނު އަލީ އާއި މަޔާމީނަކީ އޭނާ ވަރަށް ލޯބިވާ ވަރަށް ޚާއްސަ ދެ ރަޙުމަތްތެރީން ކަމަށެވެ. އެކުގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހު ކުއްލި ގޮތަކަށް ދިމާވި ހާދިސާއެއްގައި ލޯކުރިމަތިން ގެއްލުމުން އަދިވެސް އެކަން ޤަބޫލުކުރަން ދަތިވެފައިވާކަމަށް އޭނާ ބުންޏެވެ. ހަމަ އެހެންމެ އެއީ ހަމައެކަނި ގާތް ރަހުމަތްތެރީން ނޫން ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް އެހީތެރިވި ވަރަށް ހުނަރުވެރި ކުދިންތަކެއް ކަމަށްވެސް ހޫދު ބުންޏެވެ.

ހޫދު ކިޔައިދިން ގޮތުގައި، އަލީއާއި މަޔާމީނާއި ދިމާވީ ހިތަދޫ ސްކޫލުގައި ކިޔަވަން އުޅުނުއިރު އެއް ކްލާހަކުން ކަމަށެވެ. އަދި އެއަށްފަހު ރަހުމަތްތެރިކަން ދިޔައީ ބަދަހިވަމުން ކަމަށާއި، އެކުގައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މިއުޒިކްގެ ދާއިރާއިން ކުރިއެރުމަށްޓަކައި ކުރެވުނު މަސައްކަތްތައް ކަމަށެވެ. އެގޮތުން އަލީއަކީ ވަރަށް މޮޅަށް ގިޓާ ކުޅޭ ކުއްޖެއްކަމަށާއި، ލަވަކިޔަންވެސް އޭނާއަކީ ކުޅަދާނަ ކުއްޖެއްކަން ހޫދު ފާހަނގަ ކުރިއެވެ.

ހޫދު ބުނިގޮތުގައި، އެ ދާއިރާގައިވެސް ގިނަ ދުވަހު އެކުގައި މަސައްކަތް ކުރުމަށްފަހު އަލީ ފުޓުބޯޅައަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އޭނާ ފަހުން ނިންމީ އެކުވެރިންނާއި އެކު ފުޓުބޯޅަ ކުޅެންދާން ކަމަށާއި، އޭރުގައި މާގިނަ ބަޔަކު ކުޅެންދާންވެސް ނެތް ކަމަށެވެ. ރާއިފް އާއި މަޔާމީނާއި މަދު އެކުވެރިންތަކަކާއި އެކު ފުޓުބޯޅަ ކުޅެން ފެށުމުން އަލީއަކީ މޮޅު ކުޅުންތެރިއެއްކަން ވެސް އެނގިގެން ދިޔަކަމަށެވެ. އަދި އަލީގެ ފަރާތުން އޭގެ ފަހުން ފުޓުބޯޅަ ކުޅުމުގައި ގިނަ ކަންކަން ދަސްވިކަމަށާއި، އެންމެ އިސްކޮށް، ކުޅެންދާ ކުދިންގެ ތެރޭގައިވެސް ހުރީ އޭނާ ކަމަށް ހޫދު ބުންޏެވެ.

ހިތަދޫ ޗަނބޭލީގޭ، އަލީ ފަހުމީ

"އަލީއަކީ ވަރަށް މޮޅު ފުޓުބޯޅަ ކުޅުންތެރިއެއް، އޭނާގެ ހިއްވަރާއި އެކު އަޅުގަނޑުމެން ފުޓުބޯޅައަށް ލޯބި ޖެހުނީ. ކުރިން އެއްވެސް ވަރަކަށް ނުކުޅެން. ކުޅެން ނުވެސް އެނގޭ. އެކަމަކު ކުޅެންދާން ފެށުމާއި އެކު އަލީ އާއި މަޔާމީން ދިޔައީ މޮޅު ޓީމެއް އުފެއްދުމުގެ މަސައްކަތް ކުރަމުން. ލިބިފައިވީ ހުނަރު އެކުވެރި އެންމެނަށް ކިޔައިދީ ދަސްކޮށްދެމުން ދިޔަ،" ހޫދު ކިޔައިދިނެވެ.

ހޫދު ބުނެފައިވަނީ އޭނާ ދުވަހަކުވެސް އަލީހައި އުމުރުން ހަގު، މޮޅު ކުޅުންތެރިއަކު އަލީ ފިޔަވައި ނުދެކޭ ކަމަށެވެ. އެހެންކަމުން އޭނާ ގެއްލުމުން އެކަން ވެގެން ގޮސްފައި ވަނީ އެކީގައި ކޫޅެންދާ ހުރިހައި ކުދިންނަށްވެސް ލިބުނު ވަރަށް ބޮޑު ދެރައަކަށް ކަމަށް ހޫދު ބުންޏެވެ. އަދި އެކަމުގެ އަސަރު އޭގެ ފަހުން ކުޅޭ މެޗުތަކުން ފެންނަ ކަމަށާއި، އަލީ ނެތުމުން "ވަރަށް ބޮޑަށް ތަފާތު" ފެންނަ ކަމަށެވެ. ނަމަވެސް އަލީގެ ހިއްވަރުން ފެށި "މިކަންތައް" ހުއްޓައި ނުލައި ކުރިއަށްގޮސް އެ ދާއިރާއިން ކުރިއަށްދާން ވިސްނާކަމަށާއި، އެއީ އަލީގެވެސް އުންމީދު ކަމުގައިވާއިރު، އެކަން ފުރިހަމަކޮށްދޭން އެދޭ ކަމަށް ހޫދު ބުންޏެވެ.

"އަލީ އަބަދުވެސް ބުނާނެ މޮޅު ވާނެ އޭ. ކުޅެވޭނެއޭ. މެޗަކުން ބަލިވާން ދިޔަޔަސް އެންމެ ފަހު ވަގުތާއި ހަމައަށް ހިއްވަރުދޭނެ ކިތަންމެ ބޮޑު ތަފާތަކުން ފަހަތުގައި އޮތަކަސް. އަލީ އާއި މަޔާމީން ގެއްލި ދިއުމުގެ އެއްދުވަސް ކުރިން ކުޅުނު މެޗެއްގައިވެސް، ފަސް ގޯލުގެ ތަފާތަކުން ފަހަތުގައި އޮއްވައި ލިބުނު ހިއްވަރާއި އެކު މެޗު ނިންމާލީ ހަތަރު ގޯލުން ކުރީގައި އޮވެގެން. އެދުވަސް ވަރަށް ހަނދާންވޭ،" ހޫދު ބުންޏެވެ.

ހޫދު ބުނިގޮތުގައި، ފުޓުބޯޅަ ކުޅެން ހެދި ކުޑަކުޑަ ޓީމަށް ކުޅުންތެރި އެއްކޮށް ހުރިހައި މަސައްކަތެއްގައި އެންމެ އެކުގައި މަސައްކަތްކުރަމުންދިޔަ އަލީ އާއި މަޔާމީނަކީ ވަރަށް ޚާއްސަ ދެ ރަހުމަތްތެރީން ކަމަށެވެ. އަދި ކޮންމެ ކަމެއްގައި އެދުނަސް އެކަމެއްގައި އަބަދުވެސް އެ ދެ އެކުވެރީންގެ އެހީތެރިކަން ލިބެމުންދާކަމަށެވެ. ނަމަވެސް މިހާރު އެ ދެ އެކުވެރިން ގެއްލިފައިވުމީ އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާ ކަމެއް ކަމަށާއި އުންމީދަކީ، އެކުވެރިން އަވަހަށް ފެނުން ކަމަށެވެ.

"އަބަދުވެސް އަޅުގަނޑުމެން އެންމެންވެސް އުޅޭނީ ވަރަށް އެކުގައި. ކޯއްޓޭއަށްވެސް ދަތުރުގޮސް ކައިރީ ރަށްރަށަށްވެސް ގޮސް ހަދަން. ވަރަށް މަޖާ، ގުޅޭ ދެ އެކުވެރިން އެއީ. އަޅުގަނޑު ވަރަށް ހަނދާންވޭ އެއް ދުވަހު، އެކަކަށް އެރޭ ކެނޯ އެއްގައި އަޅުގަނޑާއި ރާއިފް އާއި އަލީ ދިޔައިން ކައިރީގައި އޮންނަ ރަށަކަށް ފަލި ޖަހާފައި. އަލީ ހުރީ ފަލިޖަހަން،" އެކުވެރިން އެކުގައި އުޅުނު މަޖާ ދުވަސްތަކުގެ ހަނދާން އައު ކުރަމުން ހޫދު ބުންޏެވެ.

އަލީ އާއި ރާއިފް އާއި ހޫދު ކޯއްޓޭ ސަރަޙައްދަށް ދަތުރުގޮސް އުޅުނު ދުވަހެއް

ކުޅެ ނިންމާފައި މޫދަށް އެރިލުމަށް އެދުވަހުގެ މެންދުރުގެ ވަގުތުގައި، ހިތަދޫ ފުއްޓަރު ފަރާތަށް ދިޔަ ރާއިފް އާއި އަލީ ފަހުމީ އާއި މަޔާމީންގެ ތެރެއިން ދެކުއްޖަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަނޑުވެ ގެއްލިފައިވާއިރު، އޭގެތެރެއިން ރާއިފް ސަލާމަތްކުރެވުނީ، އެ ހާދިސާ ހިނގި ސަރަޙައްދަށް އެވަގުތު އިއްތިފާޤުން ދެވުނު، ބޭރުމަތި އަވަށު ބުލޫ ރޯޒް، ހަސަން ދީދީގެ ހިއްވަރާއި މަސައްކަތުންނެވެ.

އެ ބިރުވެރި ހާދިސާ "ވަގުތު" އާއި ޙިއްސާކުރަމުން އުމުރުން 16 އަހަރުގެ ރާއިފް ބުނީ، އެފަދަ ދުވަހެއް އަދި ދުވަހަކުވެސް ދެކެފައިނުވާ ކަމަށެވެ. އެދުވަހުގެ ޙާދިސާ އަދިވެސް ޤަބޫކުރަން ދަތިވެފައިވާ ޙާލުގައި، ރާއިފް ބުނީ އެހެން ކުދިންތަކަކާއި އެކު ހެނދުނު ފުޓުބޯޅަ ކުޅެން ދިއުމަށްފަހު މޫދަށް އެރިލަން ދާން ނިންމީ އެ ތިން އެކުވެރީން އެކަނި ކަމަށެވެ. އަދި މޫދަށް ފޭބިއިރުވެސް މޫސުން ގޯސްވެ ކަނޑުގަދަވުމުގެ އެއްވެސް ނިޝާނެއް ފެންނާން ނެތްއިރު، މޫދު އޮތީ "ވަރަށް ރީތިކޮށް"ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް އެ ހުރިހައި ކަމެއް ބަދަލުވެ، ހަނދާނުން ފިލައި ނުދާވަރުގެ ލައްގަނޑެއް ހިތުގައި ޖެހުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައިކަން ރާއިފްއާއި މަންޒަރުދުށް ފަރާތްތަކުގެ ވާހަކައިން އެނގެއެވެ.

އައްޑޫސިޓީ ހިތަދޫއިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ތިންކުދިންގެ ތެރެއިން، ސަލާމަތްވި ރާއިފް - ވަގުތު އިމޭޖަސް

އެކުވެރީންނާއި އެކު ހޭދަކުރި އެންމެ ފަހު ވަގުތުކޮޅު ހަނދާނަށް ގެންނަމުން ރާއިފް ކިޔައިދިންގޮތުގައި، ކުއްލިއަކަށް ރާޅު ބޮޑުވާން ފެށުމާއި އެކު ވަގުތުން ތިން ރަހުމަތްތެރީންވެސް އެއްގަމަށް އެރުމަށް މިސްރާބު ޖެހިއެވެ. ހިތަދޫ ފުއްޓަރު ފަރާތަކީ ދިގު ފަރެއް އޮންނަ ސަރަޙައްދެއްކަމުން، ފަރުމަތިން ހިނގާފައި ވަރަށް ބޭރަށް ދެވެން އޮވެއެވެ. ރާޅު ބޮޑުވާން ފެށިވަގުތު ރާއިފް އާއި އޭނާގެ އެކުވެރިން ތިބީ ފަރުގެ ކޮޅުން، މާ ކަނޑު ފެށޭ ހިސާބުގައެވެ. މިއީ ރާޅު ބޮޑުވާ ވަގުތުގައި ޢާންމުކޮށްވެސް ފަރުމައްޗަށް ބިޔަރާޅު ބިންދާ ސަރަޙައްދެކެވެ.

"ކުއްލިއަކަށް ކަނޑު ގަދަވެ ވަރަށް ބިޔަ ރާޅެއް ނެގީ. ފުރަތަމަ ރާޅާއެކުވެސް ތިން މީހުން ބެހިގެންދާން ފެށި. ފަހުން ނެގި ރާޅުތަކުގައި އެކި މީހުން އެކި ދިމަދިމާއަށް ގޮސް ގެއްލުނީ،" ރާއިފް ކިޔައިދިނެވެ.

ރާއިފް ބުނިގޮތުގައި، ފުރަތަމަ ރާޅާއިއެކު އެއްގަމަށް ދާން މިސްރާބު ޖެހި ވަގުތުވެސް، އޮއިބާރުވުމުން ކުރިއަށްދާން އުނދަގޫވި ކަމަށެވެ. ނަމަވެސް އޭރު ސަލާމަތްވާން މަސައްކަތްކުރަމުންދިޔަ އަލީ ދިޔައީ ހިއްވަރު ދެމުން ކަމަށް ރާއިފް ބުންޏެވެ. އަލީގެ އެންމެ ފަހު ބަސްތަކަކީ އެއީ ކަމަށާއި، އެއްގަމާއި ހަމައަށް ދެވޭނެ ކަމަށް އޭނާ އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ތަކުރާރުކޮށް ބުނެ ހިއްވަރުދެމުންދިޔަ ކަމަށް ރާއިފް ބުންޏެވެ.

ރާއިފް ބުނިގޮތުގައި އަލީ އެވަގުތު އޮތީ ވަރަށް ދުރުގައި ކަމަށާއި، އަލީގެ އެ ބަސްތަކާއި އެކު އެންމެނަށްވެސް އިތުރު ހިއްވަރެއް ލިބިގެންދިޔަ ކަމަށެވެ. ނަމަވެސް އާދަޔާއި ޚިލާފަށް ކަނޑު ގަދަވުމުން ރާޅުތަކުގެ ތެރެއިން ކުރިއަށް ނުދެވި ގަލުގައި ތެޅެމުން އެތައް އަނިޔާއެއް ލިބި، ވަރުބަލިވެ ގޮތްހުސްވެފައި ވަނިކޮށް މި މަންޒަރު ފެނިގެން ދުވެފައި މޫދަށް ފައިބައިގެންދިޔަ ހަސަން ދީދީގެ އަތުގައި ހިފުނުކަމަށް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ނިރު

    انشاء االله ގެއްލުނު ދެކުދިންނަށް ސުވަރުގެ މިންވަރު ކުރަށްވާށި امين

  2. ޕޮސޗޗ

    އަާމީން??

  3. ނަމޫނާ

    انشاء االله ގެއްލުނު ދެކުދިންނަށް ސުވަރުގެ މިންވަރު ކުރަށްވާށި امين