ރީޝާ ރޮމުން ދޮރުފަތުގައި ދެއަތުން ތަޅަން ފެށިއެވެ. މަންމައަށް ގޮވަމުން އެ ދޮރުފަތް ހުޅުވުމަށް އެދި އާދޭސްކުރަމުންނެވެ. ނިހާދުގެ ބޮލަށް އުނދަގޫވެގެން އަލަމާރީގައި ކޮޅުފައިން ޖެހީ ނުހަނު ބާރަށެވެ.

"ދެން އެންމެ އަޑެއް ލައްވައި ލިޔަސް ފެންވަޅަށް ވައްޓައިލާނަން." ނިހާދު އިންޒާރު ދިނެވެ. "ކިހާބޮޑު މުސީބާތެއް ޖެހިފައި މިއޮތީ."

ރީޝާގެ އަޑު މަޑުވީ ދެނެވެ. މަޑު ގިސްލުމުގެ އަޑު ހިނދެމުން ހިނދެމުން ގޮސް ހިނދުނެވެ. ނިހާދުގެ ތުންފަތް މައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެއްލެމުން ކަހަލަ ގޮތަކަށް ފިރާޝާ އައިސް ކޮޓަރިއަށް ވަނީ އެވަގުތެވެ. ފިރާޝާގެ ދެލޯ ބޮޑުވިއެވެ. އެ މޫނުން ފެނުނު ބިރުވެރިކަން ނިހާދުގެ ތުންފަތުގައި ވި ހިނިތުންވުން ފުންކުރުވިއެވެ.

"ރީޝާ. ދަރިފުޅާ ރީޝާ." ފިރާޝާ ދުވެފައި ގޮސް އަލަމާރީގެ ބުޑަށް ޖެހިގަތެވެ. ދޮރުފަތުގައި ދެއަތުން ތަޅަމުން ރީޝާއަށް އެތައް ފަހަރަކު ގޮވިއެވެ. ނަމަވެސް ރީޝާ ޗުއްޕުވެސް ނުބުންޏެވެ. ފިރާޝާގެ ނުތަނަވަސްކަން ދެ ގުނައަށް އިތުރުވިއެވެ. އެއީ ރީޝާ އެކަމެއްދެކެ ބިރުގަނެ ޖެހިލުންވާ ކަންތަކުގެ ތެރެއިން އެއްކަމެވެ. ބިރުން ގޮސް ރީޝާއަށް ގޮތެއްވީ ހެއްޔެވެ؟

"ކަލޭ ތީ އިންސާނެއްތަ؟" ފިރާޝާ ފުންމައިގެން ތެދުވެ ނިހާދުއާ ކުރިމަތިލިއެވެ. ހިތްވަރު ލިބުނު ގޮތެއް ނޭނގެއެވެ. ނިހާދު ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ. އަދި ދެއަތަށް ބާރުކުރަމުން އަލަމާރީގެ ދޮރު ހުޅުވުމަށް އަމުރުކުރިއެވެ. އެ އަޑުގައި ވީ ނުރުހުމެވެ. ރުޅިވެރިކަމެވެ. ނިހާދުގެ ފުށުން އޭނާއަށް ކޮންމެފަދަ އަނިޔާއެއް ލިބުނަސް ޝަކުވާއެއް ނެތެވެ. ނަމަވެސް ރީޝާއަށް އެ ލިބޭ އަނިޔާއަކީ އެއްވެސް އިރެއްގައި އޭނާ ބަލައިގަންނަ ކަންކަމެއްނޫނެވެ.

"މި ބުނީނު ހުޅުވާށޭ." ފިރާޝާ ބާރަށް ބުނެލިއެވެ. ނިހާދު އެއްވެސް އެއްޗެއް ނުބުންޏެވެ. ކިބުރުވެރި ބޮޑާ ވައްތަރަކަށް ހިނިއައިސްފައި ފިރާޝާގެ ދެލޮލަށް ބަލަން ހުރީއެވެ.

"އަޑު ނީވެނީތަ؟" ފިރާޝާގެ ހަރުކަށި އަޑު ބަލިކަށިވާން ފެށިއެވެ. ދެލޮލަށް ކަރުނަ ގިނަވާން ފެށިއެވެ. ފިރާޝާގެ ދެ އަތުގެ ކުޑަހުޅާ ހިސާބުގައި ނިހާދު ހިފައިލިއެވެ. އަދި އޭނާ ލައިގެން ހުރި ގަމީހުން އެ އަތް ވަކިކޮށްލިއެވެ.

"ކަލޭގެ އަމުރެއް މަގޭ މައްޗަކަށް ނުހިނގާނެ." ނިހާދު މަލާމާތުގެ ރާގަކަށް ބުންޏެވެ. "އަލަމާރި ހުޅުވިއްޖެނު. އެހުރީ ހުޅުވިފައި."

ނިހާދު ކޮޓަރިން ނުކުންނަން ދިޔައެވެ. އަތުގައި އޮތް ތަޅުދަނޑިފަތި އަނބުރަމުންނެވެ.

"ތީ ފައްކާ ޖަނަވާރެއް؟ ރަހުމެއް ހަމްދަރުދީއެއްނެތް." ފިރާޝާ ބުނި އަޑު އިވުނެވެ.

ނިހާދު އެނބުރުނެވެ. ފިރާޝާގެ މޫނަށް ބަލައިލަމުން ހީނގަތެވެ. ފިރާޝާގެ ގޮތް ހުސްވެފައިވާ މޫނު ފެނުމުން އޭނާއަށް ނުހަނު ބޮޑު އުފަލެއް ލިބުނު ކަހަލައެވެ.

"ތި ޖަނަވާރު ވީ މަރާލަން. ފާފަވެރިއެއް ނުވާނެ." ފިރާޝާއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. ނިހާދުގެ މޫނުން ފެނުން ސަކަ ގޮތްގަނޑު ކެނޑުނީ ދެނެވެ. ރުޅިވެރިކަން އެ މޫނަށް ފެތުރިގެންދާން ސިކުންތެއްވެސް ނުނެގިއެވެ. އޭނާ ނިކަން ބާރަށް ގޮސް ފިރާޝާގެ އަނގައިގައި ހިފިއެވެ.

"އަދި އެއްފަހަރު ބުނެބަލަ." ނިހާދު ބާރަށް ބުންޏެވެ.

"މަގޭ އިންސާނީ ސޫރަ ފެންނަން ބޭނުންވަންޏާ ކަލޭމެން ދެމީހުންވެސް މަ ބުނާ ގޮތް ހަދަންޖެހޭނީ." ނިހާދުގެ ޝަހާދަތް އިނގިލި ފިރާޝާގެ މޫނާ ދިމާއަށް ދިއްކޮށްލަމުން ބުންޏެވެ. "ބުނާ ގޮތް ނުހެދެންޏާ މިގެއިން ނުކުމެގެން ރައްކާވޭ."

ފިރާޝާއަށް ލިބުނު ކުޑަ ހިތްވަރު ފުނޑުފުނޑުވެގެން ދިޔައީއެވެ. އެ ހުރަގެއިން ސަލާމަތްވާން އޭނާވެސް ބޭނުންވެއެވެ. ދަރިފުޅަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދޭން ހިތް އެދެއެވެ. އެހެނަސް އެ ދެމައިން ބޯ ހިޔާވަހިކޮށްލަން ވަންނާނެ ހިޔާވެއްސަކަށް ވެސް ހުރީ ނިހާދުގެ "ނަރަކަ"އެވެ. އެ ހުރަގެއިން މިނިވަންވެގެން ދިޔަ ނަމަވެސް ނިހާދުގެ ބިރުވެރި ހިޔަނި އޭނާގެ ދިރިއުޅުމުން ފެއްސިގެން ނުދާނެކަން އެއީ ޔަޤީންކަމެކެވެ.

ފިރާޝާއަކީ އުތުރުގެ އަތޮޅަކަށް ނިސްބަތްވާ އަންހެނެކެވެ. ނިހާދުއާ ބައްދަލުވީ މާލެއިންނެވެ. ދެމީހުންގެ މެދުގައި ރަހުމަތްތެރިކަން އުފެދި އެ ގުޅުން ލޯތްބަށް ބަދަލުވުމުން ދެމީހުންވެސް ބޭނުންވީ ވީ އެންމެ އަވަހަކަށް ކާވެނި ކުރާށެވެ. އެކަމަށް ހުރަސް އެޅީ ފިރާޝާގެ މައިންބަފައިންނެވެ. ސަބަބަކަށް ވީ ނިހާދު ދެކުނުގެ އަތޮޅަކަށް ނިސްބަތްވުމެވެ. ޒަމާނުންސުރެއް އެ އަތޮޅަކީ މީހުން ނުބައިކަމަށް މަޝްހޫރުކޮށްފައިވާ އޮންނަ އަތޮޅެކެވެ. ފިރާޝާއަށް އެ ބޯދާ ޤަބޫލުކުރުންތައް ވީ ޖޯކަކަށެވެ. ނަތީޖާއަކަށްވީ މައިންބަފައިންގެ ނުޤަބޫލުގައި އެ ދެމީހުން ކާވެނިކުރުމެވެ. އެ ހިސާބުން އާއިލާއިން ފިރާޝާއާ ދެމެދު އޮތް ހުރިހާ ގުޅުމެއް ކަނޑާލީއެވެ.

މިއަދު ފިރާޝާއަށް ޝަކުވާކުރާނެ ޖާގައެއް ނެތެވެ. އޭނާއަށް ލިބެމުން އެދަނީ އޭނާއަށް ހައްޤު ސަޒާކަމުގައި ޤަބޫލުކުރެއެވެ. ކާވެނީގެ ކުރީކޮޅުގައި ނިހާދު ވަރުގެ އޯގާތެރި ފިރިއެއް ނެތެވެ. ނަމަވެސް ނިހާދުގެ ހިތުގައި ފިރާޝާގެ މައްޗަށް އޮތް ލޯބި ކަފުނަށް ލެވިގެން ދިޔައީ ރީޝާ ލިބުނު ފަހުންނެވެ. ރީޝާގެ ސަބަބުން ނިހާދުގެ މިޒާޖަށް އެހާބޮޑު ބަދަލެއް އައީ ކީއްވެގެން ހެއްޔެވެ؟

ނިހާދު ނުކުމެގެން ދިޔައެވެ. ފިރާޝާ ކަރުނަ ބާލަމުން ތިރިވީ އަލަމާރީ ބުޑަށެވެ. މަޑުމަޑުން ދޮރު ފަތުގައި ކަންފަތް ޖައްސައިލިއެވެ. ރީޝާއަށް ގޮވައިލިއެވެ. ޖަވާބެއް ނައެވެ. ރީޝާގެ ހިލަމެއްވޭތޯ ފިރާޝާ ސަމާލުވެލިއެވެ. ނޭވާ ހިފަހައްޓައިލަމުން ދެލޯ މަރައިލިއެވެ. ރީޝާގެ އަވަސް ނޭވާގެ އަޑު ކަންފަތުގައި ޖެހުނެވެ. ރީޝާ އަނގައިން ނުބުނެ އިން ސަބަބު ފިރާޝާއަށް ވިސްނުނެވެ.

"ދަރިފުޅާ! ބައްޕަ ގޮއްސި." ފިރާޝާ ބުންޏެވެ.

ރީޝާގެ ގިސްލުމުގެ އަޑު އިވުނީ ދެނެވެ. ފިރާޝާގެ ދެލޮލަށް ބާރުވެގެން ދިޔައެވެ. ކަރުނައިގެ މުތީތަކުން ދެލޯ ފުރުނެވެ.

"ދަރިފުޅާ! މަންމައަށް މާފުކުރޭ!" ފިރާޝާއަށް ބުނެވުނީ އެވަރަށެވެ. ދެލޮލަށް ނުކުޅަދާނަވެގެން ކަރުނަތައް އޮހިގަތުމާއެކު އަނގަމަތީ އަތްއަޅައިލަން މަޖުބޫރުވީއެވެ.

އެއީ ފިރާޝާ މާފަށް އެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. ނިހާދުގެ އަނިޔާވެރިކަން ރީޝާ ތަހައްމަލުކުރަންޖެހޭ ކޮންމެ ދުވަހެއްގެ އާދައެވެ. އެފަދަ ދުވަސްތަކުގައި އެ ދުލުން ބޭރުކުރާ މާނަ ފުން ލަފުޒުތަކެކެވެ. މަންމައާއި ބައްޕަގެ މެދުގައި ހައިޖާނު އުފެދިގެން އުޅޭ ސަބަބެއް ރީޝާއަކަށް ނޭނގެއެވެ. އޭނާއަށް އަނިޔާ ލިބެމުން ދިޔައީ މަންމަގެ ސަބަބުންކަމެއް ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ. ވިސްނާލެވުންނަމަ އެނގުނީހެވެ. އެ ސަބަބު މޭރުންވާވަރުގެ ވާހަކަތައް ބައްޕަ ބުނެފައިވީތީއެވެ.

މެންދުރުވީއިރު ވެސް ރީޝާ އިނީ އަލަމާރީގެ ތެރޭގައި ހައްޔަރުވެފައެވެ. ނިހާދު ގެއިން ނުކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުވެއެވެ. ގެއަކަށް ނާދެއެވެ. ގޭ ދޮށު ކުދިން ފޮނުވައިގެން ނިހާދު ފެނޭތޯ ފިރާޝާ މަސައްކަތްކުރިއެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ. އިރުއިރުކޮޅުން ފިރާޝާ ބޭރަށް ނުކުމެއެވެ. ކޮޓަރިއަށް ވަދެ ރީޝާއާ ވާހަކަ ދައްކައެވެ. ބަނޑުހައިވޭތޯ ސުވާލުކުރެވެ. ބިރު ނުގަތުމަށް އެދެއެވެ. ބައްޕަ އަންނަނީކަމުގައި ބުނެ ދޮގު ހަދައެވެ. އެހެނަސް އިރުއޮއްސުނުއިރު ވެސް ނިހާދެއް ނައެވެ.

އޮއްސެމުންދިޔަ އިރަށް ބަލަހައްޓައިގެން ފިރާޝާ ހުއްޓެވެ. ފެންކަޅިވެފައެވެ. ގޮތް ހުސްވެފައެވެ. ހިތަށް އެރިއެވެ. އިރު އޭގެ ވާޖިބު އަދާކޮށްފައި އޮއްސިގެންދަނީއެވެ. ހަޔާތުން ބޭކާރު ދުވަހެއް ވޭތުވީއެވެ. އޭނާ ވެއްޓިފައިވާ އަނދިރި ވަޅުގަނޑުން ސަލާމަތްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ އޭނާއާއި ދަރިފުޅަށް ހަމަޖެހިލައިގެން އުޅެވޭނެ ދުވަހެއް އަންނާނެ ހެއްޔެވެ؟ އެ ދިރިއުޅުމުން އޭނާއަށް އޮތީ ކޮން އުފަލެއް ހެއްޔެވެ؟ ވޭނާއި ހިތްދަތިކަން ނޫނީ ނެތެވެ. އެވަރުންވެސް ކެތްތެރިކަމުގެ ސާލު އޮޅައިގެން އޭނާ ހުންނަނީ ކީއްވެގެން ހެއްޔެވެ؟ ފިރާޝާ ހިތާހިތުން ނިހާދަށް އެތިވަރުގޮވަމުން ގެއަށް ވަނުމަށް އެނބުރިލި ވަގުތު ރާއިދުގެ އަޑުއިވުނެވެ. ރާއިދަކީ އަވަށްޓެރިއެކެވެ.

"ކޮބާ އެމަންޖެ." ރާއިދު އެހިއެވެ.

ފިރާޝާ ނިކަން އަވަސްއަވަހަށް އެސްފިޔަ ޖަހައިލިއެވެ. ކަރުނަތައް ދިރުވައިލިއެވެ. ތުންފަތުގައި މަސްނޫއީ ހިނިތުންވުމެއް "ކުރަހައިގެން" އެނބުރުނެވެ.

"އެމަންޖެ މިއަދު.." ރާއިދަށް ޖަވާބުދޭން ހުޅުވާލި އަނގަ ބަންދުކުރީ ރާއިދުގެ ސުވާލެވެ. ފިރާޝާގެ ޒަހަމުވެފައިވާ މޫނު ފެނުމުން ރީޝާއަށް ބޮޑުކަމެއް ވެއްޖެކަން ރާއިދަށް ޔަޤީންވީއެވެ.

"ނިހާދު! އެ މަންޖެއަށް ކިހިނެއް ހެދީ؟" ރާއިދު ސުވާލު ތަކުރާރުކުރިއެވެ.

ފިރާޝާގެ އަނގަބަންދުވިއެވެ. ލޮލުގައި ރައްކާކުރި ކަރުނަ ފުނިޖެހެންފެށީ އެނގުމެއްނެތިއެވެ. ރާއިދަށް އޮޅުވައިލާކަށް ފިރާޝާ މަސައްކަތެއް ނުކުރެއެވެ. އަވަށްޓެރިންނަށްވުރެ ބޮޑަށް ނިހާދުގެ ހަޤީޤަތް އެނގޭނެ ބަޔަކު ނުހުންނާނެއެވެ. ފިރާޝާއަށް ބުނާނެ އެއްޗެއް ނުވިސްނިގެން ރޮއެ ގަނެވުނީއެވެ.

"އަލަމާރީގައި." ފިރާޝާގެ އަޑުވެސް ތުރުތުރުއަޅައެވެ. ރާއިދުގެ ދެލޯ ބޮޑުވެގެންދިޔަ މަންޒަރު ފެނުނެވެ. ދެވަނަ ސިކުންތުގައި އެ ދެލޮލުން ރުޅިވެރިކަން ފެނުނެވެ. އަނގައިން ނުކުތް ނުރުހުމުގެ އަޑާއިއެކު ރާއިދު ގެއަށް ވަދެގެން ދިޔައެވެ.

ރާއިދު އަލަމާރީގެ ދޮރުފަތް ހަލާކުކޮށްލަން އުޅުނުއިރު ވެސް ފިރާޝާގެ ހިޔާލު ހުރީ ދެކަފިވެފައެވެ. ނިހާދުގެ އިޒުނަނެތި ރީޝާ އަލަމާރިން ނެރެފިނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟ މާޒީއަށް ބަލައިފިނަމަ، އެފަދަ ހާލަތުގައި ރީޝާއަށް ލިބޭ ހަސްކާ ބޮޑެވެ. އެހެނަސް މިވަގުތު އެކަމާ ވިސްނަންޖެހޭ ހެއްޔެވެ؟ އޭނާއަށް ދަރިފުޅަށްވުރެ މުހިންމީ ނިހާދު ހެއްޔެވެ؟ ދަރިފުޅު ހައިބަނޑަށް ހުންނަތާ 24 ގަޑިއިރު ވަނީއެވެ. ހައިހޫނުކަމާއި ބިރުވެރިކަންމަތީގައި އެ އިންނަނީ އޭނާ ބަނޑުއަޅައި ވިހޭ ދަރިފުޅެވެ. އެވަރުން ވެސް ވިސްނަންވީ ނިހާދުއާ މެދުގައި ހެއްޔެވެ؟ މައިވަންތަކަމުގެ ކުލުނޭ ބުނާ އެއްޗެއް ހިތުގައި ނެތީ ހެއްޔެވެ؟ ފިރާޝާ އަމިއްލަ ނަފުސަށް އަޑުލިއެވެ. އޭނާއަށް މުހިންމީ ރީޝާކަމަށް ސިކުނޑިއަށް ވިސްނައިދިނެވެ. ފަހުން ނަގާ ރާޅު ބޮޑުވި ނަމަވެސް ފަރުވާލެއްނެތެވެ. މިހާރުވެސް އެ ދަރިފުޅުގެ މަޑު ގިސްލުމުގެ އަޑުން އެ ހިތްވަނީ ކުދިކުދިވެފައެވެ.

ވަރަށް ފަސޭހަކަމާއެކު ރާއިދު ދޮރުފަތުގެ ތަޅު ހަލާކުކޮށްލިއެވެ. އޭނާ ދެކަކޫ މައްޗަށް ތިރިވެ، ރީޝާ އުރާލިއެވެ. އޭރުވެސް ގިސްލައި އަޑު މަޑުން ނަމަވެސް އިވެމުންދިޔައެވެ. ފިރާޝާ ހުރީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ރީޝާގެ މޫނަށް ބަލަންވެސް ލަދުގަނެފައެވެ. މަންމައަކަށްވެ ހުރެ ދަރިފުޅުގެ ހިމާޔަތަށް އެއްވެސްކަމެއް ނުކުރެވުނީތީއެވެ. ދަރިފުޅުގެ ބަލިކަށި އަޑުން "މަންމާއޭ" ބުނި އަޑުއިވުނެވެ. ފިރާޝާއަށް އިސްއުފުލާލެވުނުއިރު ދެވަނަ ފަހަރަށް އެއަޑު އިވިއްޖެއެވެ. އެ މޫނުން ފެންނަނީ ވަރުބަލިކަމެވެ. ބަލިކަށިކަމެވެ. މުޅި ކުއްޖާވަނީ ދަލުން ފެންވެރިފައެވެ. ތުންފަތުގައި ތުރުތުރުލުމެވެ. ނޭފަތުން ފައިބަމުންދިޔައީ ކުލައެއް ނެތް އޮލަ ދަވައެކެވެ. ދެލޮލުގައި ވަނީ ޝަކުވާއާއި ހިތާމައެވެ. މަންމަ އަހަންނަށް އެހީނުވީ ކީއްވެގެންތޯ އަހާކަހަލައެވެ. އޭނާއަށް އެ މައުސޫމު މޫނަށް ބަލަހައްޓައިގެން ހުރެވުނީ ސިކުންތު ކޮޅަކުއެވެ. ދުވެފައި ގޮސް ރާއިދުގެ އަތުން ރީޝާ ޖަހައިގަތެވެ. ގަޔާލައި ބޮނޑިކޮށްލިއެވެ. އަޑުންއަޑު ނަގައި ރޮއެގަތީ ދެނެވެ. އޭނާ މާފަށް އެދުނެވެ. ރީޝާގެ ބުރިކަށިމަތީ ފިރުމަމުންނެވެ. އޭނާގެ ނަފްސަށް ލިބުނު ހިތްހަމަޖެހުމާއެކު ރާއިދާ ދިމާއަށް ބަލައިލެވުނީ ޝުކުރުވެރިކަމާއެކުއެވެ.

ރާއިދަށް ހުރިހާ ހަޤީޤަތެއް އެނގެއެވެ. ނިހާދުގެ ފަރާތުން އެ ދެމައިންނަށް ލިބޭ އަނިޔާއެވެ. ގެވެށި އަނިޔާއެވެ. ފިރާޝާ އާއިލާއާއި އެއްވެސް ގުޅުމެއްނެތުމުން އެ އަނިޔާތަކަށް ކެތްތެރިވަމުންދާ މިންވަރެވެ. ފިރާޝާ އިތުރު ގޮތެއް ހޯދަންވެއްޖެކަމަށް ރާއިދު އަބަދުވެސް ބުނެއެވެ. ނިހާދު އިސްލާހު ވާން ބޭނުން ނުވާކަން ރާއިދަށް އެނގޭތީއެވެ. ރާއިދު ހުރީ އެހީތެރިކަމުގެ އަތްދިއްކޮށްގެންނެވެ. ނަމަވެސް ފިރާޝާ އެ އަތުގައި ހިފާކަށް ބޭނުމެއް ނުވެއެވެ. އެހާ ހިތްވަރެއް އޭނާގެ ނެތެވެ. ދެންވެސް ދައްކަން އޮތީ އެ ވާހަކައެވެ. އެ މޫނުން އެ ހިތުގައިވި ޝަކުވާތައް ފިރާޝާއަށް ފެނުނެވެ. އޭނާ ދެއަތަށް ބޯ ހޫރުވައިލިއެވެ. އެ ވާހަކަ ނުދެއްކުމަށް އެދުނެވެ. ދޭން އޮތީ އެންމެ ޖަވާބެކެވެ. އެއީ އޭނާއަށް ހައްޤު ސަޒާއެވެ.

"އެންމެ ރަނގަޅު. ރީޝާއަށް ތި ލިބެނީ އޭނައަށް ހައްޤު އެއްޗެއްތަ؟" ރާއިދު އެހިއެވެ. ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

"މިގަޑިއަކު ނޫން." ފިރާޝާ އާދޭހާއެކު ބުންޏެވެ. "މިގަޑިއަކު ނޫން. ތި ވާހަކަ ނުދައްކާ. ބޭކާރު ކަންކަންކޮށްގެން މުޅި ރަށަށް ބޭޒާރުވުންނޫންކަމެއް ނުވާނެ. ރާއިދުވެސް އަހަންނަށް ހެވެއް އެދެންޏާ މިކަންކަން ނުފެންނަ ކަމަށް ހަދާ. މިރަށުގެ އެހެން މީހުންފަދައިން."

ފިރާޝާ އިންތިހާއަށް ނިހާދުދެކެ ބިރުގަނެއެވެ. ޖެހިލުންވެއެވެ. އެހެންނަމަވެސް މީގެކުރިން ވަނީ ރާއިދުގެ ހިތްވަރުގެ ބަސްތަކުން ހިތްވަރު ހޯދައިގެން ނިހާދުގެ ވާހަކަތައް ކަމާބެހޭ މުއައްސަސާތަކާ ހިއްސާކޮށްފައެވެ. ވީ ފައިދާއެއް ނެތެވެ. ގޭގައި އުޅޭ މީހުންގެ އަދަދާއި، ކެއިންބުއިމަށް ރުފިޔާ ޚަރަދުކުރާ މީހަކީ ކާކުތޯ ބެލުންފަދަ ބޭކާރު ސުވާލުތައްކުރުމަށްފަހު އެމީހުން ނުކުމެގެންދަނީއެވެ. މައްސަލަ ތަޙްޤީޤުކުރާނެކަމަށް ބުނެ އުންމީދުތަކެއް ދީފައެވެ. އޭގެ ފަހުގައި ލިބެނީ ނިހާދުގެ އިންޒާރުތަކެވެ. މައްސަލަ ނެގުމަށް މަޖުބޫރުކުރާވަރު އޭނާ ކުރެއެވެ. ދަރިފުޅު މަރާލާނެކަމުގެ އިންޒާރުދެއެވެ. އެންމެފަހުން ގޮތް ހުސްވެގެން ފިރާޝާ ހަތިޔާރު ބަހައްޓައިއިރުވެސް އެބުނާ "ތަޙްޤީޤެއް" ނުނިމެވެ. ނިމެންޖެހޭނެ ސަބަބެއްވެސް ނެތެވެ. އެތަންތަނުގައި ވެސް ތިބީ ނިހާދު މިތުރުންނެވެ. އެމީހުންގެ ދެލޮލަށް ފިރާޝާގެ ކެކުޅުންތަކެއް ނުފެންނާނެއެވެ.

"މަ ޤަބޫލެއްނުކުރަން ފިރާކުރީ ތިހާވަރުކުރަންޖެހޭވަރުގެ ބޮޑުކުށެއްކަމަކަށް." ރާއިދު ނުކުމެގެން ދަމުން ބުނެލިއެވެ.

"ރާއިދަށް ނޭނގެނީ. ރާއިދަށް ތި އެނގެނީ ވާހަކައިން އެއްބައި." ފިރާޝާ މަޑުމަޑުން ބުންޏެވެ.

ރާއިދު ދިޔުމުން ފިރާޝާ އަވަސްވެގަތީ ރީޝާއަށް ކާއެއްޗެއް ދިނުމަށެވެ. ކާނީ ކޯއްޗެއްތޯ ސުވާލުކުރުމުން ރީޝާ ތުން ބޮޑުކޮށްލައިފައި ނުކާނަމޭ ބުނެލިއެވެ. އެހެންނަމަވެސް ފިރާޝާ ބަތާއި ގަރުދިޔަ މޮޑެގެން ގެނެސްދިނުމުން ރީޝާ ދެކޮޅެއް ނުހެދިއެވެ. ބަސް އަހައިގެން އިނދެ އެއްވެސް ޝަކުވާއެއް ނެތި ބަތްތަށި ހުސްކޮށްލިއެވެ.

ބޭރު ދޮރު ހުޅުވި އަޑު އިވުނީ ފިރާޝާ ތަށި ދޮންނަން އިސްކުރު ކައިރީ ހުއްޓައެވެ. ނިހާދުގެ މަތިން ހަނދާންވުމާއެކު ނުހަނު ބާރަށް ހިތް ތެޅެންފެށިއެވެ. ތަށި ސިންކު ތެރެއަށް ދޫކޮށްލައިފައި ތަންކޮޅެއް ދުރުގައި ހުރި ރީޝާގެ އަތުގައި ހިފައިލެވުނެވެ. ހާސްވެފައި ހުރެއެވެ. އެ މޫނުގައި ވީ ކަންބޮޑުވުމާއި ބިރުވެރިކަމެވެ. ނޭވާލާން ހަނދާންނެތިފައި ހުއްޓައި ނިހާދުގެ އަޑު ކަންފަތުގައި ޖެހުނެވެ. ނިހާދުގެ ފިޔަވަޅު އަޑު ވެސް އިވުނެވެ. ފިރާޝާ އަވަސް އަވަހަށް ބަދިގެ ދޮރާ ނިވާވެލިއެވެ. ރީޝާ ހުރީ މަންމަގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެންނެވެ. މަންމަގެ ފަހަތަށް ވަދެ ހިމާޔަތް ހޯދައިގެންނެވެ.

ނިހާދުގެ ހިޔަނި ބަދިގެ ތެރެއަށް އެޅުނު މަންޒަރު ފިރާޝާއަށް ފެނުނެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ހިތާއިހިތުން ރީޝާ ސަލާމަތްކޮށްދެއްވުމަށް އެދެމުންނެވެ. ނިހާދުގެ ބާރުގަދަ އަޑު ކަންފަތް ބުޑުގައި ގުގުމާލިއެވެ. ލިބުނު ސިހުމާއިއެކު ފިރާޝާގެ އަނގައިން އާހެއްގެ އަޑު ނުކުތެވެ. ވަގުތުން އަނގަމަތީ އަތް އަޅާލެވުނެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފައެވެ. ނިހާދު ބަދިގެ ތެރެއަށް ބޯ ދިއްކޮށްލަމުން ދޮރުގައި އަތް ޖައްސައިލިއެވެ. ފިރާޝާގެ ފައިތިލަ ދޮރުގެ ތިރިން ނިހާދަށް ފެނުނެވެ. އެޔާއެކު އަތުގައި ހުރި ބާރެއްލައިފައި އެ ދޮރު ފަހަތަށް ކޮށްޕައިލިއެވެ. ފިރާޝާއަށް ބާރަށް ރޮއެ ގަނެވުނީއެވެ.

"ހެޔޮނުވާނެ. ރީޝާއަށް ގޮތެއް ނުހަދާތި." ކުއްލިއަކަށް ދޮރު ނިވަލުން ނުކުމެ، ނިހާދުގެ ފައި ބުޑަށް ފިރާޝާ ތިރިވިއެވެ. "ނިހާދު ބުނި ކޮންމެ ގޮތެއް ހަދާނަން. އެ މަންޖެއަށް ގޮތެއް ނުހަދާތީ. އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން. ހެޔޮނުވާނެ."

އެ އާދޭސްތަކުގައި ނިހާދު ޖެހީ ކޮޅުފައިންނެވެ.

"ކަލޭ މަ ބުނާގޮތް ހަދާނަމަ، މި ސުންޕާ ކުއްޖާގަނޑު އަދިވެސް އޮންނާނީ މަ ބެހެއްޓިތަނުގައި. ބޭކާރު ވާހަކަ ނުދައްކާ ރައްކާވޭ."

ރީޝާގެ އަތުގެ މުލައްދަނޑީގައި ނިހާދު ހިފިއެވެ. ރީޝާ ރޯން ފެށިއެވެ. މަންމައަށް ގޮވަމުންނެވެ. ފިރާޝާ ހިފީ އަނެއް އަތުގައެވެ. އަނެއްކާވެސް އާދޭސް ކުރަންފެށިއެވެ. ބުނި ކޮންމެ ގޮތެއް ޝަކުވާއެއް ނެތި ކުރާނެކަމަށް ވަޢުދުވިއެވެ. އެހެނަސް ނިހާދު ހުރީ މާކުރިންވެސް ނިންމުން ނިންމައިގެންނެވެ. ފިރާޝާއަށް ރަނގަޅު ފިލާވަޅެއް ލިބޭވަރުގެ އަދަބެއް ދިނުމަށް ނިންމައިގެންނެވެ. ފިރާޝާގެ އަތް ގަދަކަމުން ރީޝާގެ އަތާ ވަކިކުރުމަށްފަހު، އެ މޫނު މައްޗަށް ބާރުގަދަ އެތިފަހަރެއް ވިހެލިއެވެ.

"ތި އަނގައިން ޗުއްޕު ބުންޏަސް މި ކުއްޖާގަނޑުގެ ފުރާނަ ދަމައިގަންނާނަން." ނިހާދު އިންޒާރު ދިނެވެ.

ފިރާޝާ ހުރި ފިޔަވަޅު މައްޗަށް ގާވީއެވެ. ނިހާދަކީ އެއްވެސް ކަމެއް ކުރަންޖެހިލުންވާނޭ މީހެއްނޫންކަން އޭނާ ދަނެއެވެ. އޭނާގެ ސަބަބުން ދަރިފުޅަށް އެވަރުގެ ބޮޑު އަދަބެއްދޭކަށް ނުކެރޭނެއެވެ. ދަރިފުޅާ ވަކިވާކަށް ހިތެއް ނޭދުނެވެ. މަންމައަށް ދިން އިންޒާރުގެ ބިރުވެރި ރަނގަބީލު ރީޝާގެ ހިތުގައިވެސް ޖެހިއެވެ. ވަގުތުން އެ ކުއްޖާ ވެސް ހިމޭންވީއެވެ. ފިރާޝާ ގަބުވެފައި ހުއްޓައި، ނިހާދު ރީޝާ ގޮވައިގެން ނުކުތީ ގޯތީގެ ބިއްފަޅިއަށެވެ.

އިރުކޮޅަކުން ނިހާދު އައިއިރުވެސް ފިރާޝާ ހުރީ ހުރި ފިޔަވަޅު މަތީގައެވެ. ނިހާދު ގޭތެރެއަށް ވަނުމަށް ދިޔުމުން، ފިރާޝާ އުޅުނީ ރީޝާގެ ޚަބަރެއް ބަލަން ދާށެވެ. އެކަމަށް ހުރަސް އެޅީ ނިހާދެވެ. ނިހާދު އަމުރުކުރީ އޭނާގެ ފަހަތުން އައުމަށެވެ. ހިތާއި ދެކޮޅަށް ނަމަވެސް ފިރާޝާއަށް މަޖުބޫރުވީ ނިހާދުގެ ފަހަތުން ދިޔުމަށެވެ. ގޭތެރެއަށް ވަންއިރު ފެންޑާގައި ޒުވާން ފުރައިގެ ފިރިހެނަކު އިނެވެ. އެ ޒުވާނާ ގޮވައިގެން ފިރާޝާ ވަނީ ކޮޓަރިއަށެވެ. ރީޝާއަށް ޓަކައި އޭނާއަށް އެ ދިރިއުޅުން އުޅެން މަޖުބޫރެވެ.

ބޮޑު ބަނބުކެޔޮ ގަސްދޮށް ވަނީ ކޮކާ ހަނދުވަރުން ޖަރީވެފައެވެ. މުޅި ހިސާބުގައި ގަސްތައް ގިނަވުމުން ފެންނަނީ ނާމާންގޮތަކަށެވެ. ގެޔާއި އިންވެގެން ހުރީ ބޮޑު ކެޔޮފީންޏެކެވެ. ޖެހިގެން ހުރި ޖޭމުގަހެކެވެ. އެ ގަހާއެކު ރީޝާގެ އުނަގަނޑުވަނީ ބަނދެފައެވެ. ދެއަތް ފުރަގަހަށް ގެންގޮސް ކަސްތޮޅު އަޅުވައިފައެވެ. އައްސައިފައިވާލެއް ބާރުކަމުން އަތުގެ ކުޑަ ހުޅާ ހިސާބުގައި ދިލަ ރިހުމެއް އުފެދިފައިވެއެވެ. އެހެނަސް އެ ރިހުމަށްވުރެ އޭނާގެ ހިތުގައި ވަކި ހިއްޕައިލައިފައިވާ ބިރުވެރިކަން ބޮޑެވެ. ވަށައިގެންވާ އަނދިރިކަމުން އެ ހަށިގަނޑުގައި ރޫރޫ އަޅަމުންދިޔައެވެ. އެވަރުންވެސް ދެތުންފަތް ފިއްތައި ބާރުކޮށްގެން ހުރީ އަޑެއް ބޭރު ނުކުރެވޭތޯއެވެ. ރުއިމުގެ އަޑު އިވިއްޖެނަމަ މަންމަ މަރާލާނެކަމަށް ބައްޕަ ވަނީ އިންޒާރުދީފައެވެ. މަންމައަށްޓަކައި ހިތްވަރުކުރަން މަޖުބޫރެވެ.

ކުއްލިއަކަށް އެއްޗެއް ބިން މައްޗަށް ވެއްޓި ޖެހުނު އަޑު އިވުނެވެ. ރީޝާ ސިހިފައި ބަލައިލީ ކުރިމަތިން ފެންނަ ހުރި ކެޔޮ ފީންޏަށެވެ. އަޑުއައީ އެދިމާއިންނެވެ. ގަސްތަކުތެރެއިން އެއްޗެއް ނުކުމެގެން ދުއްވައިގަތްހެން ހީވިއެވެ. އެއީ އޭނާއަށް ހީވި ގޮތެއް ހެއްޔެވެ؟ ވަރަށް ބާރަށް ބުޅަލެއް ހޭރިގަތް އަޑުއިވުނެވެ. ރީޝާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްގެން ގަސްތަކު ތެރެއަށް ނަޒަރު ސީދާކޮށްލައިގެން ހުއްޓައި ރީޝާގެ ނަމުން މީހަކު ގޮވައިލިއެވެ. އެ އަޑު އައީ ސީދާ ކަންފަތް ބުޑުންނެވެ. އޭނާގެ މުޅިގައިން ހީބި ނަގައިގެން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ މަންމައަށް ގޮވައިލަމުންނެވެ. ރީޝާ ތުރުތުރު އަޅަންފެށިއެވެ. ދެވަނަ ފަހަރަށް އެ އަޑު އިވުމާއެކު އޭނާ ދެލޯ ހުޅުވައިލީ ލަސްލަހުންނެވެ. ބިރުން ހުރެއެވެ. އެޔާއެކު ކުރިމަތިން ފެނުނު މަންޒަރުން ފުރާނަ އުދުހިގެން ދިޔަ ކަހަލައެވެ. ހަތަރެސް ފަޔަށް ފިނިވެގެން ދިޔައެވެ. ގަތް ބިރެއްގެ ސަބަބުން ވަރަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އައްސާފައިވާ ފޮތިގަނޑަށް ކުއްލިއަކަށް ދޫވެގެންދިޔަހެން ރީޝާއަށް ހީވިއެވެ. ދެންވީ ގޮތެއް ނޭނގުނެވެ.

(ނުނިމޭ)

*ތިންވަނަ ބައި ހޮނިހިރު ދުވަހު*

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީިަަްއިއްބެ

    ޢިންތިޒާރުގަ ތިންވަނަ ބަޔަށް، ވ ފުރިހަމަ މި ބައިވެސް، ގުޑް ލަކް ♥️

    14
  2. ޙިޔާލު

    ވަރަށް ރީތި.... ???????