ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވެގެން ފަރުވާދެމުން ދިޔަ މީހުންގެ ތެރެއިން، ބަލިން ރަނގަޅުވި މީހުންގެ އަދަދު 9 ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 917432 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔެއަށް ނުރައްކާ ކުރިމަތިކުރަމުންދާ ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ 210 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ވަނީ ފެނިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބައްޔަށް މިހާތަނަށް ޖުމްލަ 3055308 (ތިން މިލިއަން ފަސްލައްކަ ތިންސަތޭކަ އަށެއް) މީހަކު ފައްސިވެފައި ވާއިރު، އޭގެތެރެއިން މިހާތަނަށް 211032 މީހަކު ވަނީ މަރުވެފައެވެ.

އިދާރާތަކުން ހާމަކުރާ ގޮތުގައި މިވަގުތު ދުނިޔެއިން މި ބައްޔަށް ފަރުވާކުރަމުން ދަނީ ޖުމްލަ 1926844 މީހަކަށެވެ. މިއީ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުންނެވެ. އެ އިދާރާތަކުން ބުނާގޮތުން، ބައްޔަށް ފަރުވާކުރަމުންދާ މީހުންގެ ތެރެއިން 56427 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައެވެ.

މިހާރު ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރެއިން ނުރައްކާ އެންމެ ބޮޑުވެފައި ވަނީ އެމެރިކާއަށެވެ. އެމެރިކާއިން އެކަނިވެސް މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު މިހާރު 1004645 އަށް އަރާފައި ވާއިރު، އެޤައުމުން މިހާތަނަށް 56495 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. އެޤައުމުގައި މި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ކޮންޓްރޯލް ވުމެއް ނެތި އިތުރުވަމުންނެވެ.

އެމެރިކާ ފިޔަވައި ކޮވިޑް-19 ގެ ނުރައްކާ ބޮޑު ޤައުމުތަކުގެ ތެރޭގައި ސްޕެއިން، އިޓަލީ، ފްރާންސް، ޖަރުމަންވިލާތް، އިނގިރޭސިވިލާތް އަދި ތުރުކީގެ އިތުރުން އީރާނާއި ރަޝިޔާވެސް ހިމެނެއެވެ. އޭޝިއާ ސަރަޙައްދުން މި ވައިރަސްގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ ހިމެނެއެވެ. އިންޑިއާއިން މިހާތަނަށް 29451 މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން 939 މީހަކު ވަނީ މަރުވެފައެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެ ދެކެފައިނުވާހައި ނުރައްކާތެރި މި ބަލިމަޑުކަން އެންމެ ފުރަތަމަ ދުނިޔޭފައި ފެތުރެން ފަށާފައި ވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އޭރު މިއީ ދުނިޔެއަށް މިހައި ހަލުވިކަމާއެކު ނުރައްކާ ކުރިމަތިކޮށްފާނެ ވައިރަސްއެއްކަން އޮތީ ނޭނގިއެވެ. ނަމަވެސް އޭގެ ހަފްތާއެއް ފަހުން މި ވައިރަސް އެހެން ޤައުމުތަކުން ފެންނަން ފެށުމާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ވައިރަސް ވަނީ ފެތުރިފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން މީގެ ކުރިން ވަނީ މުޅި ދުނިޔެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މި ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ޤައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް ފަރުވާކުރާނެ ވެކްސިނެއް ހޯދިފައި ނުވާއިރު، މި ބައްޔަށް ފަރުވާއެއް ހޯދުމަށް އަދި އެތައް ދުވަހެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު